އިޒްރޭލުން ޝަހީދުކޮށްލި ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ މެންބަރުންގެ މައްޗަށް ކަށުނަމާދު ކުރަނީ: ހަމަލާ ދިނުމަށް ފަހު އިޒްރޭލުން ހެދި ދޮގު ވަނީ ފަޅާއަރާފައި. -- ފޮޓޯ: އޭއެފްޕީ
06 އެޕްރީލް 2025 - 06:30
ފަލަސްތީނުގެ ޣައްޒާގައި އެހީގެ މަސައްކަތުގައި އުޅުނު 15 މީހަކު ޝަހީދުކޮށްލުމަށް ފަހު އިޒްރޭލުން ހެދި ދޮގުތައް، ޝަހީދުވި މީހެއްގެ ފޯނުން ނަގާފައިވާ ވީޑިއޯއަކުން ފަޅާއަރައިފި އެވެ.
މިިދިޔަ މަހުގެ 23 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ރެޑް ކްރެސެންޓާއި އެހީގެ އެހެން ބައެއް ޖަމާއަތްތަކުގެ މެންބަރުންގެ ޓީމަކަށް ހަމަލާ ދިނީ އެމްބިއުލާންސްތަކާއި ފަޔަޓްރަކް ފަދަ ވެހިކަލްތަކުގައި ދަތުރުކުރަނިކޮށް ހަމަލާ ދީފަ އެވެ.
އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ ބޮކިތައް ނިއްވާލައިގެން އަދި އިމަޖެންސީ ސިގްނަލެއް ވެސް ނެތި ދަތުރުކުރި، ޓެރަރިސްޓުން ކަމަށް ޝައްކުކުރެވޭ ބަޔަކު ތިބި ވެހިކަލްތަކަކަށް ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ރެޑް ކްރެސެންޓުން މީގެ ތެރެއިން އެއް މެންބަރެއްގެ ފޯނުން ހޯދާފައިވާ ވީޑިއޯއެއް އާންމުކޮށްފައި ވާއިރު އެއިން ފެންނަނީ އެއީ އިމަޖެންސީ ވެހިކަލްތައް އެނގޭ ގޮތަށް ނަން ޖަހައި އަދި އިމަޖެންސީ ސިގްނަލްތަކާއި ބޮކިތައް ރަނގަޅަށް ދިއްލައިގެން ދަނިކޮށް ހަމަލާދޭ ތަނެވެ.
ހަ މިނެޓު 42 ސިކުންތުގެ މި ވީޑިއޯ ނަގާފައިވަނީ ދުއްވާފައިދާ ވެހިކަލެއްގެ ތެރެއިން ކަމަށް ބެލެވެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ރަތް ކުލައިގެ ފަޔަޓްރަކާއި އެމްބިއުލާންސްތައް ރޭގަނޑު ދުއްވާފައި ދާއިރު ވެސް ބަޑީގެ ހަމަލާތަކުގެ އަޑު އިވެ އެވެ.
ދުއްވާފައި ދިޔަ އެ ވެހިކަލްތައް، މަގުގެ އެއް ފަރާތުގައި މަޑުކޮށްފައި އޮތް ވެހިކަލެއްގެ ކައިރިއަށް ހުއްޓާތީ ވީޑިއޯއިން ފެނެ އެވެ. އަދި ޔުނިފޯމްގައި ތިބި ދެ މީހަކު ފައިބައިގެން ދެ އެވެ. އެ ދެ މެޑިކުން ވާހަކަ ދައްކާ އަޑު ވެސް ވީޑިއޯއިން އިވެ އެވެ. އެ މީހުން "މިއީ އެ ވެހިކަލް، މިއީ އެ ވެހިކަލް" އޭ ބުނާތީ އިވެ އެވެ. އަދި އެކްސިޑެންޓެއް ވެފައި ކަމަށް ވެސް ބުނާތީ އިވެ އެވެ.
އޭގެ ސިކުންތުކޮޅެއް ފަހުން ބަޑީގެ އަޑުފައްގަނޑާ އެކު ވީޑިއޯ ވެސް ހުއްޓެނީ އެވެ.
ރެޑް ކްރެސެންޓުން ބުނީ އެ ވީޑިއޯ ފެނުނީ ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ ރިފްއަތު ރަދުވާންގެ ފޯނުން ކަމަށެވެ.
"އިޒްރޭލު ސިފައިން އެމްބިއުލާންސްތަކަށް ރޭންޑަމްކޮށް ޓާގެޓް ނުކުރާ ކަމަށާއި ބައެއް ވެހިކަލްތައް ލައިޓް ނުވަތަ އިމަޖެންސީ މާކިންއާ ނުލައި ޝައްކުއުފެދޭ ގޮތަށް ދުއްވި ކަމަށް އެ ބުނާ ވާހަކަތަކަކީ ދޮގުކަން މި ވީޑިއޯއިން ވަރަށް ސާފުކޮށް އެނގޭ،" ރެޑް ކްރެސެންޓުގެ ބަޔާނުގައިވެ އެވެ.
ޓެރަރިސްޓުން ކަމަށް ޝައްކުވާ ބަޔަކު، ކުރިން ހުއްދަ ހޯދުމަކާ ނުލައި އިމަޖެންސީ ވެހިކަލްތަކުގައި ބޮކިތައް ނިއްވާލައިގެން ތިބެ ސިފައިންނާ ދިމާލަށް އަންނަން ފެށުމުން ހަމަލާ ދިނީ ކަމަށް އިޒްރޭލުން ބުނެފައި ވާއިރު ވީޑިއޯއިން ވަނީ ޖަރީމާތައް ހިންގުމަށް ފަހު އިޒްރޭލުން އެ ކަންކަން ސިއްރުކުރަން ހަދާ ދޮގުތައް ހާމަވެފައިވާ ކަމަށް ވެސް ރެޑް ކްރެސެންޓުން ބުންޏެވެ.
މި ޓީމު ޝަހީދުކޮށްލުމަށް ފަހު އިޒްރޭލުން އެ މީހުންގެ ހަށިތައް ފޮރުވަން އެއްތަނެއްގައި ވަޅުލާފައި ހުރި ކަމަށް ވެސް ވަނީ ތުހުމަތުކުރެވިފަ އެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ރެޑް ކްރެސެންޓްގެ އަށް މުވައްޒަފަކާއި ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ހަ މެމްބަރެއްގެ އިތުރުން ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީގެ މުވައްޒަފަކު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެރޯން
07 April 2025
ފަޅާއެރިއްޔާ ކޮންކަމެއް ކުރެވޭނީ
ޝަހީދުން
06 April 2025
ޝަހާދަތުގެ ދެކަލިމަ ކިޔަމުން ކިޔަމުން އެދަނީ މަރުގެ ތުންފަތްމަތީގައިވެސް... ގައިން ހީބިހި ނަގާ...
މާލޭން
06 April 2025
އިޒްރޭލަކީ ވަރަށް ދޮގުހަދާ އަދި އަނިޔާވެރިބަޔެއް. ސިޔާސީ ދެޕާޓީ ހަދައިގެން އުޅުމުން ފަލަސްތީނަށް މިހާލު ޖެހިފައި މިވަނީ. ޢެއްވެރިކަމެއް އޮތްނަމަ މިވަރެއް ނުވާނެ. ޜައްޔިތުން ހޮވީ ހަމާސް. އިބުރަތް ހާޞިލް ކުރަންޖެހޭ. ފަލަސްޠީނާއެކު އިއްތިހާދެއް ހަދާ.