އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު.-- ފޮޓޯ: އިމިގްރޭޝަން
06 އެޕްރީލް 2025 - 15:06
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކުރި ކަން ފުލުހުން ވަނީ "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
މިދިޔަ މަހު ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.
އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެ ނިންމުން އިސްތިއުނާފު ކުރަން ޝަމްއާންގެ ފަރާތުން ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.
ޝަމްއާންގެ އިތުރުން ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. އަދި އެ މައްސަލާގައި އިތުރު ބަޔަކު ފުރުން މަނާކޮށް އަދި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، އެއީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެއްގެ ފައިސާ އެވެ. އަދި އެ ފައިސާ ހޯދާފައި ވަނީ އޭނާ ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހުގައި ކަމަށާއި އެ ފައިސާ ގެންދިޔައީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު އަލިމަނިކު
07 April 2025
ވަޅި ޖަހާ، މާރާމާރީ ހިންގާ، ޑްރަގް ވިޔަފާރި ކުރާ މީހުން ޝަރިއްޔަ ނިމެންދެން ބަންދެއް ނުކުރޭ. ވީމާ މީގެން ސާފުވެއްޖެ މިއީ ސިޔާސީ ނުފޫޒް ވަދެފަވާ ކަމެއްކަން. މީހެއް މަރާލަމް ފަހަތުން ދުވާ މަންޒަރު ފެންނަ ނޫނީ، ވައްކަން ކުރާ މީހާ ފެންނަ ސީ.ސީ.ޓީ.ވީ ވީޑިއޯ ނުވޭ އެވިޑެންސް އަކަށް. ކްރިމިނަލް ކޯޓުގަ ތިބީ ހުސް ކަރަޕްޓް މީހުން. ކާރނަލް ނާޒިމް ގެއިން ފެނުނު ފުލުހުންނަށް ފިސްތޯލައެއްވެސް. ފަހުން އެވީ ސަރުކާރުން ޕްލާންޓް ކުރި އެއްޗަކަށް.
ރާވެރިބެ
07 April 2025
ބޮޑުން ވައްކަން ކުރީމަ ދޭ އަދަބު ބޮޑުވާންޖެހޭ. އެކަމަކު ގިނަފަހަރު ރިހާކުރު ފުޅިނަގާ ސޮރަށް ބޮޑެތި އަދަބު ލިބެނީ. އެހެންވީމަ ޝަމްހާން ކޭސްގަ މަގޭ ނެތް ބޮޑު ހަމްދަރުދީއެއް، ދެރަކަމަކީ އެކިމީހުންނަށް އެކިގޮތަށް ކަންކުރާތީ. މިނޫން ދުވަހެއް ދައްކަވާތޯ އިންތިޒާރުގަ ތިބެތިބެ އުމުރު މިއޮތްގެން ދަނީ.
ބަކުރުބޭ
07 April 2025
ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭނީ ކުށްވެރިޔާގެ ފަރާތުން އާންމު ރައްޔިތަކަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ތަހުގީގަށް ސާބިތުވާނަމަ. ނުވަތަ ހެކި ނައްތާލާފާނެ ފަދަ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލުކުރެވޭނަމަ. މައްސަލައިގެ ބާވަތަށް ބަލާއިރު ސަރީއަތް ނިމެންދެއް ބަންދުކުރުން އައުލާކަން މާ ބޮޑު އެހެން މީހުން ކޯޓުތަކުން އެބަ ދޫކުރޭ
ތެފައާސާ.
07 April 2025
މަ އޭރުވެސް ބުނިން ފަޒުލް ހެދިގޮތަށް ބަޔަކު ލައްވާ ބަޔާނެއް ނެރޭށޭ އެ ލާރިއަކީ ބަތްޕާރިސަލަށް ޕްރީ އޯޑަރު ކުރަންވެގެން ހަވާލުކޮށްފައިހުރި ލާރިއޭ، ކުރީ އަހަރު އޯޑަރުކުރި ބަތްޕާރިސަލްވެސް ނުލާހިކު މީރޭ. އެހެން ހެދިނަމަ ސަލާމަތްވީސް، ލާރިކޮޅުވެސް އަނބުރާ ލިބުނީސް. ދެންވެސް ބުނާގޮތަށް ހަދާބަލަ.
ހަމަދު ސަލީމް
07 April 2025
ޔައުނީ، ވާނުވާ ދީ.
މުސާރަ ކުޑަ އިއްބެ
07 April 2025
މަޖްލިސް މެމްބަރުންނައް މުސާރަ ބޮޑުކުރީ ނޭނގުމުގަތެރޭގަ “ކޮރަޕްޝަން” ގަ އަތްބާނާލެވޭތީވެ! އެމޭރުމުން ހުރިހާ ކޮމިޝަނަރުންނައް ވެސް މުސާރަ ބޮޑުކުރީމަ މިކަން ރަގަޅުވީ! ކުޑަކުޑަ ބައި މިލިއަނެއްގަ އަތް ނޫން ފައިވެސް ބީއްސާ ނުލާނެ ދެއްތޯ؟ ދެން ކަޓުވާލާ އަދަދު ތަކަކީ “ކޮރަޕްޝަން” އައް ނުފެތޭ ވަރުގެ ބަޑު އަދަދު ތަކައްވާނީ!
ސަޅީނު
07 April 2025
ފަޒުލް އާއި އޭނަގެ ބޭބެ ގޭގަ؟ ސަޅި އިންސާފް
މަޖީދީ
07 April 2025
40 ނުވާ މީހުން ބޮޑެތި މަގާމްތައް ނުދިނުމަށް އިރުޝާދު ދީފައިވޭ
ޕައިރޭޓުންގެ ވެރިކަން
07 April 2025
ޖަލުގަ ބަހައްޓަން ޖެހޭ ސަބަބެއް ނެތް ގައުމީ ސަލާމަތައް ނުރައްކާ ނުވޭ، އާންމު ރައްޔިތުންނަށް ނުރައްކާ ނުވޭ ނައްތާލާނެ އިތުރު ހެއްކެތް ނުދެއްކޭ!
އުއްތަމަ އުސްތާޛް
07 April 2025
ހާދަ ބައިވަރު ސިއްރެއް ޝައްމާނަށް އެނގެނީއޭ