މާލިއްޔަތު ކޮމިޓީ.
08 އެޕްރީލް 2025 - 13:32
ޑަބަލް ޕެންޝަނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް މާލިއްޔަތު ކޮމިޓީން މަސައްކަތް ފަށައިފި އެވެ.
ޑަބަލް ޕެންޝަން މައްސަލައާ ގުޅިގެން ކުރިމަތިވާ ދަތިތަކާއި، ކުރިއަށް އޮތް ދުވަސްތަކުގައި މާލީ ގޮތުން ކުރިމަތިވާނެ މައްސަލަތައް ބަޔާންކޮށް ހާއްސަ ކަރުދާހެއް ޕެންޝަން އޮފީހުން ވަނީ މަޖިލީހާ ހިއްސާކޮށްފަ އެވެ.
އެ ލިޔުމާ ހަވާލާދެއްވައި ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ 2009 ވަނަ އަހަރު ޕެންޝަނާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށި އިރު 2007 ވަނަ އެކުލަވާލި ސިވިލް ސާވިސް ގާނޫނުގައި ބަޔާންކުރާ ރިޓަޔަމެންޓް ޕެންޝަން ދޭ ހާއްސަ ގާނޫނަކީ ޕެންޝަން ގާނޫނުގެ ގޮތުގައި ބަލައިގަތުމަށް ދައުލަތުގެ ކަމާ ގުޅޭ ފަރާތްތަކުން އިންކާރު ކުރި ކަމަށެވެ.
"ސިވިލް ސާވިސް ގާނޫނުގެ ދަށުން ވަގުތީ ގޮތުން ތައާރަފްކުރި ރިޓަޔަމެންޓް އިނާޔަތް ދިނުމާ ބެހޭ އުސޫލު މިހާތަނަށް ދިނުމުގެ ނަތީޖާއަކީ ޑަބަލް ޕެންޝަނަށް ފުރުސަތު ހުޅުވި ދައުލަތުގެ ބުރަ ބޮޑުވުން،" ޕެންޝަން އޮފީހުން ފޮނުވި ލިޔުމުގައިވެ އެވެ.
މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް.
ނާޒިމް ވިދާޅުވީ، އެ ދެ ގާނޫނުގައި ހުރި ފުށުއަރާ ކަންތައް ހައްލުކުރުމަށް ސިވިލް ސާވިސް އާއި ޕެންޝަ އޮފީހާ އެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެކަން ކުރަން ވާނީ ސިވިލް ސާވެންޓުންގެ ޕެންޝަނަށް އުނިކަމެއް ނާންނާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިވިލް ސާވެންޓުންނަކީ ވަރަށް ކުޑަ މުސާރައެއްގައި މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށާއި ގެންނަ ބަދަލުތަކުގެ ސަބަބުން، އެމީހުންނަށް އެކަމުގެ ގެއްލުން ނުވާނެ ގޮތަކަށް ކަންކަން ރާވަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އެ ގެނައި ބަދަލުތައް، އޭގެ ފަހުން ވުޖޫދުވި އެހެން މުއައްސަސާތަކާ ގުޅޭ ގާނޫނުތަކުގައި ވެސް ހިމަނާފައިވާ ކަމަށެވެ.
"ކަރެކްޝަންސް އާއި ޖުޑިޝަރީ ގައި ވެސް އެހެން އޮތީ. އެހެންވީމާ އަޅުގަނޑުމެންނަށް ވަކިން އެ ގާނޫނުތަކަށް އިސްލާހު ކޮމިޓީން އިސްނަގައިގެން ގެނެވިދާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އެންމެ ރަނގަޅު ގޮތް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބައެއް ފަނޑިޔާރުން އުމުރުން 37 އަހަރުގައި ވެސް ރިޓަޔާކޮށް އުމުރު ދުވަހަށް މުސާރަ އާއި އިނާޔަތްތައް ނަގަމުންދާ ކަމަށެވެ. އަދި ޔުނިފޯމު އެޅި އިދާރާތަކުން ވެސް ރިޓަޔާކުރުމަށް ފަހު އެ ލިބޭ އެލަވަންސްތަކާ އެކު ސިޔާސީ މަގާމުތަކަށް ގޮސް ވެސް އިތުރު މަންފާތައް ހޯދާ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، މިގޮތަށް ޕެންޝަން ދިނުމަކީ، އެންމެ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށާއި ހަދާ ކޮންމެ ގާނޫނަކުން ވަކިވަކި މުއައްސަސާތަކުން ބޭނުން ގޮތަކަށް ޕެންޝަން ލިބޭނެ ގޮތް ހަދަމުންދާ ކަމަށެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ކޮމިޓީގައި ވާހަކަ ދައްކަވަނީ.
"އެހެން މުއައްސަސާތަކުގެ ޕެންޝަނާ ގުޅޭ ބައިތައް އުނިވާން ޖެހޭ. އެއީ ކުރަންވީ ކަމަކީ. އޭރުން މިކަން ކުރެވޭނީ. އެކަން ކުރަން އަޅުގަނޑުމެންނަށް ކެރެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޕެންޝަންގެ ކަންކަން ވެސް ބަދަލު ކުރަން ޖެހޭ ކަމަށާއި އެކަން ވެސް ކުރަން ޖެހޭނީ އެންމެ ދެމެހެއްޓެނިވި ގޮތަކަށް ކަމަށެވެ. ކޮމިޓީގައި މެންބަރުން ވަނީ މި މައްސަލައާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކުރުމަށް މާދަމާ އިތުރު ބައްދަލުވުމެއް ބާއްވަން ފާސްކޮށްފަ އެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ އިން އެވްރެޖުކޮށް ޕެންޝަނުގެ ހަރަދުތަކަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދު ކުރެ އެވެ. އެއީ ޖީޑީޕީގެ ދެ ޕަސެންޓެވެ.
ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން ކުރިއަށް އޮތް 40 އަހަރު، ރާއްޖޭގެ އުމުރުން ދުވަސްވީ އާބާދީ ނުވަ ގުނައަށް އިތުރުވެ އެވެ. އެއާ އެކު، މަސައްކަތު އާބާދީ ހަތަރު ގުނަ ދަށްވެ އެވެ. ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުން އިތުރުވާން ފެށީ 2020 ވަނަ އަހަަރުން ފެށިގެންނެވެ.
ރާއްޖޭގެ އާބާދީ އަށް "ޑިމޮގްރެފިކް" ބޮޑު ބަދަލެއް އަންނަންމުންދާ އިރު 2020 ވަނަ އަހަރު އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކީ 4.9 ޕަސެންޓެވެ. އެ އަދަދު 2030 ގައި 10 ޕަސެންޓަށް އަދި 2040 ވަނަ އަހަރު 17 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައިފީޤްް
09 April 2025
މިހެން މިކަން ކުރާކަށް ނުވާނެ. ރައީސް މުއިއްޒު މިފަދަ ކަންކަން އިސްލާހުކުރަން ނުކުތުމަކީ އަހރެމެންގެ ނަސީބްް
ޖައުފަރްް
09 April 2025
ބޭކާރު އިސްރާފުތަކުން ދައުލަތުގެ މާލިއްޔާ ސަލާމަތްކުރަން އެބަޖެހޭ. މިކަން ވީ އެންމެ އަވަހަކަށް އިސްލާހުކުރުން މުހިންމު.
ސިކުނޑި
09 April 2025
ޕެންޝަން ޑަބަލްވާނީ ޑަބަލްކޮށް ދިނީމަ! ރިޓަޔަރ ކުރާމީހުންނަށް ސިޔާސީ މަގާމު ދިނުމާއި، ސިވިލް ސާރވިސް މަގާމުތައް ދިނުމަކީ އެއީ މުޅިން އެހެން މައްސަލައެއް! ވިޔާފާރިވެރިން ގާނޫނު ހަދަން އުޅެން ހަދައިގެން މި ހުރިހާ ކަމެއް މިޖެހެނީ!!
ފޮނި މުރާދު
09 April 2025
އޭނާ ވިދާޅުވީ، ބައެއް ފަނޑިޔާރުން އުމުރުން 37 އަހަރުގައި ވެސް ރިޓަޔާކޮށް އުމުރު ދުވަހަށް މުސާރަ އާއި އިނާޔަތްތައް ނަގަމުންދާ ކަމަށެވެ. އަދި ޔުނިފޯމު އެޅި އިދާރާތަކުން ވެސް ރިޓަޔާކުރުމަށް ފަހު އެ ލިބޭ އެލަވަންސްތަކާ އެކު ސިޔާސީ މަގާމުތަކަށް ގޮސް ވެސް އިތުރު މަންފާތައް ހޯދާ ކަމަށެވެ. އެ މަނިކުފާނުވެސް ވޯޓުދީގެންދޯ އެންމެ ފަހުން ސިފައިންގެއިން ޗީފް އޮފް ޑިފެންސްފޯސް އަސް މީހަކު ބަދަލުވެ 3 މަސް ނުވަނީސް ރިޓަޔަރކޮށް ގައުމެއްގެ ސަފީރުކަމަށް ދިޔައީ،
އ އަހްމަދު
09 April 2025
މަގާމުން ޕެކޭޖަކާއެކު ރިޓަޔާކޮށްފި މީހަކަށް ސިޔާސީ އަދި އެހެންވެސް މަގާމެއްނުދެވޭގޮތައް ގާނޫނައްބަދަލުގެންނައްވީ އެއީއެްްފަހަރާ ސަރުކާރުންބައިވަރުފައިސާ ނަގައިގެން ގެއަށްދާމީހުންނައްއޮންނައްވީގޮތް
ފޯޅަވަހި ސަރުދާރު
09 April 2025
ދެން ރަނގަޅުވާނެ ހުރިހާ ސިޔާސީ މީހުން ވަޒީފާގެއްލޭ ހިސާބުން ޕެންޝަން ލިބޭގޮތަށް ގާނޫން އީސްލާހު ކުރީމަ.
ހދމ55555555
09 April 2025
ހާދަމަކަރުވެރިއޭ ތި ޔުނީފޯމު އެޅި ބައިގަނޑު، ފަނޑިޔާރުންނާ..
ސުހާނާ
10 April 2025
އެމީހުން މަކަރުވެރީއެއް ނޫން. ރައީސަކަށް ހުރި މީހާ އެފަދަ މީހުންނަށް ސިޔާސީ މަގާމުތައް ދެނީ. އެފަދަ މީހުނަށް ދައުލަތުގެ ވަޒީފާތައް އަލުން ނުދޭން މަޖިލީހުން ރައީސަށް އަންގަބަލަ. އެކަމަކު އެފަދަ މީހުނަށް ވަޒީފާއަށް ހަމަޖައްސަން މަޖިލީހަށް ރައީސް ފޮނުވީމައި އާނއެކޭ ބުނެ ރުހުން ދޭ ބަޔަކު ތިޔަ ވާހަކަ ދައްކަން މާތާހިރެއް ނޫން.
ފަނޑިޔާރު
09 April 2025
މަޖިލިސް މެމްބަރުންނަށް ދޭ ޕެންޝަނައި އަދި މެޑިކަލް އިންސްއަރެންސް ގެ ވާހަކަ ތިޔަ ކޮމެޓީ އަށް ހުށަނޭޅީ ކީޢްވެތޯ؟ ތިމާމެންނަށް މޮޅުވާ ގޮަތައް ކަންތައްތައް ކޮށް ރައްޔިތުންނަށް ލިބޭ އެއްޗެއް ހުއްޓުވާލަން ތިޔަ މަސައްކަތް ކުރަނީއެވެ. ޖާހިލުންގެ ގޮތް ގަނޑު ތި ހުންނަނީ
ފަރު
08 April 2025
ހަނިމާދޫ ދާއިރާގެ މެމްބަރު ގަފޫރާއި ކާނަލް ނާޒިމަކީވެސް ތިޕެންޝަން ނަންގަވާ ދެ ބޭފުޅުން
އަހުމަދު އަލި މަނިކު
08 April 2025
ޚަރަދު ކުޑަ ކުރަން ކުޅެންވީ ޕެންސަން ފައިސާ އާއިތަ. ކޮންފަދަކަމެއް މިލާގަންނަން އުޅެނީ.
ސިވާދްް
09 April 2025
ހަރަދު ކުޑަކުރެވެން އޮތް ގޮތަކަށް އެކަން ކުރުން ރަނގަޅު. ޕެންޝަނަކަސް އެހެން އެއްޗަކަސް މާލިއްޔާއަށް ބުރަ ނުވާ ނިޒާމަކަށް ކަންކަން ބައްޓަންކުރުން މުހިންމު.