10 އެޕްރީލް 2025 - 11:13
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓު ދީފި އެވެ.
ދިރާގުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ފުރިހަމަކުރި 19 ފަރާތަކަށް ވަނީ ސެޓްފިކެޓް ދީފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު އިސްމާއިލް ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް ދިރާގުން ހިންގާ އެޕެރެންޓިސްޝިޕް ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި ވެސް މިނިސްޓަރު ސިފަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ތައްޔާރުވާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އެ ފަދަ ޕްރޮގުރާމުތަކުގައި ޒުވާނުން ބައިވެރިވުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ޒުވާނުންނަށް ތަރައްގީގެ ފުރުސަތުތައް ހޯދައިދީ ޒުވާނުން ބިނާކުރުމަށް ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިރާގުގެ އިންކްލޫސިވް އަދި ދެމެހެއްޓެނިވި 'ޑިޖިޓަލް ރާއްޖެ'އެއް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެޕްރަންޓިސްޝިޕް ޕްރޮގުރާމްގެ ދަސްވެނިވުން އޮތް ރަސްމިއްޔާތުގައި އެޕްރެންޓިސް ޕްރޮގްރާމްގެ ކުރިއަށް އޮތް 16 ވަނަ ބެޗުގެ ބައިވެރިންނަށް ވަނީ ޕްރޮގްރާމާ ގުޅުނު ކަމުގެ ލިޔުން ދީފަ އެވެ. މި ބެޗުގައި 20 ބައިވެރިން ހިމެނެ އެވެ.
ދިރާގު އެޕްރެންޓިސް ޕްރޮގުރާމަކީ ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގައި އެޕްރެންޓިސުންނަށް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުން ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްގީ ކުރަން އިސްކަންދޭ އެ ކުންފުނީގެ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
ދިރާގުން 2009 ގައި ތައާރަފްކުރި މި ޕްރޮގްރާމް ކޮންމެ އަހަރަކު ވެސް ހިންގަ އެވެ. މި ޕްރޮގުރާމްގައި މިހާތަނަށް 288 ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy