ހުޅުމާލެ ހޮސްޕިޓަލުގައި މިދިޔަ އަހަރު ލޮލުގެ ކޭމްޕެއް ހިންގުމުގައި ބައިވެރިވި ޑޮކްޓަރަކާ، ހެލްތު މިނިސްޓަރު ނާޒިމް ސަލާމްކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
10 އެޕްރީލް 2025 - 23:13
ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ދާއިރާ ކުރިއަރުވަން އެއް ބައެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން އާ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ސިއްހީ ދާއިރާ ކުރިއަރައިގެން ދާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އިންސާނީ ވަސީލަތް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ވެސް ޑޮކްޓަރުންނާއި ނަރުހުންގެ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީން އެބަތިބި ކަމަށާއި އެ ޖާގަތައް ފޫބެއްދޭނީ ގިނަ ޒުވާނުން ސިއްހީ ދާއިރާއަށް ނުކުމެގެންކަން ނާޒިމް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ރާއްޖޭގައި މިހާރު ކުޑައެއް ނޫނެވެ.
މި ސަރުކާރުން ވަނީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ގޮތުގައި ބަލާ ތެރަޕިސްޓުންނާއި ކައުންސެލަރުން އަދި ޑައިޓީޝަން ފަދަ މަގާމުތަކަށް 1،200 މީހުން ތަމްރީނުކުރަން ނިންމައިފަ އެވެ. ނަމަވެސް، މިހާރު ވެސް ރާއްޖެއަށް މަދުވެގެން 1،700 އެލައިޑް ހެލްތު ޕްރޮފެޝަނަލުން ބޭނުންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމުގައި ދިމާވާ ގިނަ މައްސަލަތަކަކީ ހިދުމަތުގައި ތިބޭ މީހުން ވަރަށް އަވަސް އަވަހަށް ބަދަލުވުމެވެ. އެކަމަކު، ހަރުދަނާ ގޮތެއްގައި ސިއްހީ ނިޒާމެއް ހިންގުމަށް އެއް ޓީމަކާ އެކު ގިނަ ދުވަހު މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"އެއް އަހަރުކޮށްފައި އެ ޑޮކްޓަރު ގޮސްފައި، އަނެއްކާ އަނެއް އަހަރުކޮށްފައި އަނެއް ޑޮކްޓަރެއް އައިސްފައި، މިހެން ދިއުމަކީ މުޖުތަމައުއަކަށް ހެލްތުގެ ކަންކަން ރަނގަޅުކުރަން ވަރަށް ބޮޑު ގޮންޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
ހަރުދަނާވެފައިވާ ސިއްހީ ދާއިރާތަކަށް ބަލާއިރު، ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެ ސެކްޓާ އޮތީ ވަރަށް ޅަފަތުގަ އެވެ. އޭގެ މިސާލެއްގެ ގޮތުން ނެންގެވީ، ބައެއް ދާއިރާތަކުން ހާއްސަވި ފުރަތަމަ ޑޮކްޓަރުން މި ފަހުން ހިދުމަތާ ގުޅިވަޑައިގަތުމެވެ.
ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗު އިންޓާންޝިޕް ނިންމައި މި އަހަރު ހިދުމަތަށް ނުކުންނާނެ އެވެ. އެ ޑޮކްޓަރުންނަށް އައިޖީއެމްއެޗްގައި އިންޓާންޝިޕްގެ ފުރުސަތު ފަހިކޮށްދީފައިވާއިރު، ރާއްޖެއިން ބޭރުގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ވެސް ބޭރުގެ ފަސް ހޮސްޕިޓަލަކުން މެޑިކަލް އިންޓާންޝިޕް ހެދޭނެ ގޮތްތައް ވަނީ ހަމަޖައްސައިދީފަ އެވެ.
ނާޒިމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މި އަހަރުގެ ތެރޭގައި އިންޓާންޝިޕް ފަށާނެ ކަމަށެވެ. އޭގެ އިތުރުން، އެމްއެންޔޫއާ ގުޅިގެން އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރުމާއި އާ ހިދުމަތްތައް ފަށައި ހޮސްޕިޓަލުތައް އެޅުމުން ސިއްހީ ދާއިރާ ހިންގަން ގިނަ ބަޔަކު ބޭނުންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަނާ
12 April 2025
ތީ އަންނި ދެއްކިފާޑުގެ ވާހަކައެއް. ބުރިޖެއް ނޭޅޭނެއޭ. ކޮބާހޭ އިންޖިނޭރު. ތަޖުރިބާހުރި މޮޅު ޑޮކްޓަރުންނާއި ފަހުގެ މެޝިނަރީއާއި ވަސީލަތްތައް މިއަދުން މިއަދަށްވެސް ގެނެސް ފެންވަރު ރަނގަޅު ޚިދުމަތްތައް ދެވިދާނެ. ބޭނުންވަނީ ފައިސާ.
ރަންޒަމާން
12 April 2025
އެމް.އެން.ޔޫ. އިން ގްރެޖުއޭޓުވާ ޑޮކްޓަރުން ރާއްޖޭގެ ރަށްރަށުގައި މަސައްކަތް ކުރަން ފެށުމުން އިރާދަކުރެއްވިއްޔާ ނަތީޖާ ރަނގަޅުވާނެ. އަލްހަމްދުލިއްލާހި.
ރާއްޖެ
11 April 2025
މުސާރަ ނިސްބަތުން ރަގަޅޭ މިނިސްޓަރު ބުނާ އިރު އެމްބީބީއެސް ޑޮކްޓަރަކަށް 30 ހާސް ރުފިޔާ. އާރްޑީސީގެ މެނޭޖަރަކަށް 25 ވެސް ހާސް ރުފިޔާ ލިބޭ. ކީއްކުރަންތަ ކިޔަވަންވީ؟
ބަބްސް
11 April 2025
ހާއްސަ ޑޮކްޓަރުންނަށް ރިފަރ ކުރާ ނިޒާމެއްނެތި ، ހަމަ ފޯނުން ނުވަތަ އެޕަކުން ހާއްސަ ޑޮކްޓަރަކަށް އެޕޮއިންމަންޓް ހެދެން އޮތްހާ ދުވަހަކު ލާހިކެއް ނޫން ކިޔު ކުޑަކުރާކަށް. ހިންދިރުވަން އުނދަގޫވާއިރަށް ހާއްސަ ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ނަހަދާ އޯޕީޑީ އަށް ދައްކާލާފަ ފުރަތަމަ ވެގެން އުޅޭގޮތް ބަލާލަން މުހިންމު.
ވެންގަބޯ
11 April 2025
ދިވެހިރާއްޖޭގައި ސިއްހީ ނިޒާމު ދަނީ ދަށަށް ބޭސް ސިޓީގައި ހުންނަ ބޭހެއް ނުލިބޭ ބޭސްފިހާރަތަކުން 2 ފަހަރު 3 ފަހަރު ދާންޖެހޭ ބޭސް ސިޓީ ހިފާގެން ޑޮކްޓަރ ކައިރިއަށް ބޭސް ނުލިބިގެން ބޭސް ބަދަލުކުރަން ؟؟ރާއްޖޭގައި ސިއްހީ ނިޒާމު ދަނީ ދަށަށެވެ. އެއްވެސް އުންމީދެއް ނެތެވެ ކުރިއަރާނޭ ކަމުގެ.!! ދޭނެ ފަރުވާއެއް ދޭނެ ބޭހެއްނެތި ޒުވާން ކުދިންގެ ފުރާނަ ދުނިނެ އަޅާއެދަނީ ބަލިތަކަށް އެކަށީގެންވާ ބޭހެއް ފަރުވާއެއް މިތާކުން ނުޅިބޭ ނިކަމެތިން ނިމިދާނީ. !!؟؟
އެމްސް
11 April 2025
ކަންކަމުގެ ޚާއްސަ ޑޮކްޓަރުންނަށް އެދުވަހުން އެދުވަހަށް، ނުވަތަ ޖެހިގެން އަންނަ ދުވަހު، ނޫންނަމަ އެންމެ ލަސްވެގެން ހަފްތާއެއް ތެރޭގަ ދެއްކެން ފަށާނީ އަދި ކިހާދުވަހަކުން ބާއެވެ؟
ދިއްދޫމީހާ
11 April 2025
އުމުރުން 66އަހަރުވީ އަދިވެސް ތިޔަ ބުނާ ކުރިއެރުމެއް ނުފެނޭ އެކަމް ތިޔަ ވުޒާރާއަ އަންނަ މިނިސްޓަރުންގެ ވިޔަފާރި ކުރި އަރާތަން އެބަފެނޭ..
ސަސި.
10 April 2025
މަސައްކަތް ކުރަންވީނު ހަމަ ހުއްޓާނުލާ، އަދި އެބަ އޮތް 3 އަހަރާ 7 މަސް ދުވަސް.