އިޒްރޭލުގެ ހަމަލާތަކެއްގައި މިދިޔަ ހަފްތާގައި ޝަހީދުވި ބައެއްގެ ހަށިތަކުގެ ކައިރިއަށް މީހުން ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ
12 އެޕްރީލް 2025 - 13:53
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން އިއްޔެ ދިން ހަމަލާތަކުގައި އެއް އާއިލާތަކުން 10 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަތް ކުޑަކުދިންނާއި ތިން އަންހެނުން ކަމަށް އދ. އިން ބުނެފި އެވެ.
ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމަށް ވީ އެއްބަސްވުން ރޫޅުނު ފަހުން ކުރިއަށް ގެންދާ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ ޣައްޒާގެ އެކި ހިސާބުތައް ހުސްކުރަން އިޒްރޭލުން އަންގާ އެންގުންތައް ގިނަވެ ފަލަސްތީނު މީހުން އުޅެން އޮތް ސަރަހައްދު އިތުރަށް ކުޑަވަމުން ދާތީ އެތަނުގައި ފަލަސްތީނު ރައްޔިތުންގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
އިޒްރޭލުން ބުނީ ޚާން ޔޫނިސްގައި ދިން ހަމަލާތަކެއްގައި އެއް އާއިލާއަކުން 10 މީހަކު ޝަހީދުވި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އަސްކަރިއްޔާއިން ބުނީ އިއްޔެ "ޓެރަރިސްޓުންގެ" 40 އަމާޒަކަށް ހަމަލާ ދީފައިވާނެ ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފެށީ 18 މަސް ދުވަސް ވަންދެން ދިން ހަމަލާތައް ޖެނުއަރީ މަހު ތެރޭ މެދުކަނޑާލުމަށް ފަހު މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަލުން ދޭން ފެށި ހަމަލާތަކުގައި ވަނީ ދޮޅު ހާހަަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.
"ޚާން ޔުނިސްގެ މެދުތެރޭގައި ހުންނަ، ފަރާ އާއިލާގެ ގެއަށް އަމާޒުކޮށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި ހަތް ކުޑަކުދިންނާ އެކު 10 މީހުން ޝަހީދުވެގެން ހޮސްޕިޓަލަށް ގެންދިޔަ،" ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި އިތުރު ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް ސިވިލް ޑިފެންސް އިން ރިޕޯޓްކޮށްފައިވާއިރު، އިޒްރޭލުން ބުނީ ޣައްޒާގެ ދެކުނުގައި ތިބި ސިފައިންނަށް ބަޑިން ހަމަލާދިން "ދެ ޓެރަރިސްޓުން" މަރާލާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy