ޣައްޒާގެ އަލް އަހްލީލް ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާދެނީ
13 އެޕްރީލް 2025 - 06:21
ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް އަހްލީލް އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ދަންވަރު ބޮން އަޅައިފި އެވެ.
އަލްޖަޒީރާއިން ބުނި ގޮތުގައި މި ހަމަލާގައި ހޮސްޕިޓަލްގެ އިމަޖެންސީ ޔުނިޓާއި ހޮސްޕިޓަލްގެ މައި އެންޓްރެންސާއި އައިސީޔޫގައި ތިބޭ ހާލު ބޮޑު މީހުންނަށް ބޭނުންކުރާ އޮކްސިޖަން ރައްކާކޮށްފައި ހުންނަ ތަން ވެސް ވަނީ ހަލާކުވެފަ އެވެ.
މި ހަމަލާ ދިނީ ނުސައިރަތުން މީހުން ނުކުންނަން އިޒްރޭލުން އެންގުމަށް ފަހު އަދި ހޮސްޕިޓަލަށް ހަމަލާ ދޭނެ ކަމަށް އިންޒާރު ދިނުމުން ހޮސްޕިޓަލުން މީހުން ނެރެމުން ދަނިކޮށެވެ. އޭރު ވެސް ޑޮކްޓަރުންނާއި ހޮސްޕިޓަލްގެ ސްޓާފުން ގެންދިޔައީ ބަލި މީހުން މަގުމައްޗަށް ނެރުމުގެ މަސައްކަތްކުރަމުންނެވެ.
ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލް އަހްލީލް ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ދުވަސްވީ އެއް ހެލްތު ފެސިލިޓީ ކަމަށާއި އެހީ މުޅި ސިޓީގެ ސިއްހީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ.
މީޑިއާ އޮފީހުން ވަނީ މި ހަމަލާ އަކީ ބޮޑު ޖަރީމާއެއް ކަމަށް ބުނެފަ އެވެ.
Urgent | The Israeli occupation army threatens to bomb the Baptist Hospital in central Gaza City and demands its immediate evacuation. pic.twitter.com/a2VL9L3WoA
— أنس الشريف Anas Al-Sharif (@AnasAlSharif0) April 12, 2025
އިޒްރޭލު ސިފައިން މިހާރުވެސް ޣައްޒާގެ 34 ހޮސްޕިޓަލެއް ގަސްތުގައި ހަލާކުކޮށްލާފައިވާ ކަމަށާއި، މެޑިކަލް ފެސިލިޓީތަކަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ ހުރިހާ ޗާޓަރުތަކަކާއި މެޑިކަލް ފެސިލިޓީތަކަށް ހަމަލާދިނުން މަނާކުރާ ޖެނީވާ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފު އަމަލުތައް ކަމަށް އެ އޮފީހުން ބުންޏެވެ.
އަލްޖަޒީރާއިން ބުނި ގޮތުގައި ހޮޕިޓަލަށް އެތައް ފަހަރަކު އިޒްރޭލުން ހަމަލާ ދިނެވެ.
އިމަޖެންސީ އަދި ސާޖިކަލް ޔުނިޓްތަކުން ވެސް ހާލު ބޮޑު އެތައް ބަޔަކު މިހާރު ތިބީ މަގުމަތީގަ އެވެ. ބަލި މީހުންގެ އިތުރުން، ހާލުގައި ޖެހިފައިވާ އާއިލާތަކުގެ އެތައް ބަޔަކު ވެސް ހޮސްޕިޓަލުން ހިމާޔަތް ހޯދަމުން ދަނިކޮށް ދިން ހަމަލާއަށް ފަހު މި ވަގުތު ތިބީ ދާނެ އެއްވެސް ތަނެއް ނެތިފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާ ދީފައި މިވަނީ، މެދުތެރޭގެ ނުސައިރަތުގެ ރެފިއުޖީ ކޭމްޕްގެ އިތުރުން ދެކުނު ޚާން ޔުނިސް އިން ވެސް މީހުން ނުކުންނަން އެންގުމަށް ފަހުގަ އެވެ. އިޒްރޭލުން ބުނީ މިއީ އެ ސަރަހައްދުން ތިން ރޮކެޓެއް ފޮނުވާލާފައި ވާތީ ތަންތަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޯ
13 April 2025
ހަނދާންވަނީ އަލް ޝިފާ ހޮސްޕިޓަލަށް ބޮން އަޅާފައި ދެއްކި ދޮގުވާހަކަތަށް މިހާރު ބުނެލާފަ އެއްވެސް ލައިވް މީޑިޔާގަ ހޮސްޕިޓަލް ތަކަށް ބޮން މިއަޅާލަ ޖަރީމާތަށް އާންމުކޮށް މިހިންގަނީ، އަޅުގަނޑުމެން އަތްތަކުން ދޫތަކުން މިކަން މަނާ ނުކުރނީ ކަމަށް ބަންޏާ މިކަން ނޯމަލައިޒްވެ އަޅުގަނޑުމެނަށް މިކަން ލައިގަންނާނެ ދުވަސް ދުރެއްނޫން