ކެބިނެޓް މިނިސްޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
13 އެޕްރީލް 2025 - 20:36
ދުޅަހެޔޮ ޖީލެއް ބިނާކުރަން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ގާނޫނާއި ގަވާއިދުތަކަށް އިސްލާހުތައް ގެނެސް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަންނަ ނޮވެމްބަރު 1 އިން ފެށިގެން އެއަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
އޭގެ އިތުރުން ދުންފަތުން ސަލާމަތްވުމަށް ދޭ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމަށް ފިނޭންސް މިނިސްޓްރީން، ހެލްތު މިނިސްޓްރީއަށް އެއްބާރުލުން ދޭން ވަނީ ނިންމައިފަ އެވެ.
ކެބިނެޓުގެ މިއަދުގެ ބައްދަލުވުން ފެށުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް 2022 ވަނަ އަހަރު ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ކަމަށެވެ.
ރާއްޖޭގައި 84 ޕަސެންޓު މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އެކަމަށް ހައްލުތަކެއް ގެންނަން ޖެހޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިއީ ވަރަށް ސީރިއަސްކޮށް، ރާއްޖެ ކަހަލަ ކުޑަ އާބާދީއެއްގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. ރާއްޖޭގެ އާބާދީއަކީ މި ވަގުތު 411،741 ދިވެހީންގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައި ތިބި، މިހާތަނަށް މަރުވެފައި ތިބި މީހުން އުނިކޮށްފައި ބަލާއިރު އެ އަދަދަކީ 124،002 މީހުން. މިއީ ރާއްޖޭގައި މި ވަގުތު އާބާދީގެ 30.1 އިންސައްތަ،" ރައީސް ވިދާޅުވި އެވެ.
ކެބިނެޓުގެ ނިންމުމުގެ ކުރިން އެ މަނިކުފާނު ވަނީ ޖެނެރޭޝަން ބޭން ގެނައުމަށް ތިން އިހުތިޔާރަކާ އެކު، ޓުވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އާއްމުންގެ ހިޔާލަށް ދޫކޮށްލައްވައިފަ އެވެ. އެއީ؛
- ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން
- ޖެނުއަރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން
- ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން
ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމުތަކުގެ ޕޯލްގެ މުއްދަތު މިދިޔަ އަންގާރަ ދުވަހު ހަމަވިއިރު އެންމެ ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ. ނަމަވެސް ކެބިނެޓުން ނިންމީ އެ އުމުރު 2007 އަށް ދަށްކުރާށެވެ.
ޖެނެރޭޝަން ބޭން އަށް މުއްދަތެއް ކަނޑައެޅި އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕް ބޭނުންކުރާ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ގާނޫނުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިހާންް
14 April 2025
މިއީ މި ދިވެހި ތާރީހުގަވެސް ވެރިޔެއް ކުރެއްވި އެންމެ ރަނގަޅު ކަންތަށް.
ސަލީމާާ
14 April 2025
ރައީސް މުއިއްޒުގެ ނަން ލިޔެވިގެން ދާނީ ދިވެހި ޖީލެއް ސަލާމަތްކުރައްވާ ދިވެހިންނަށް އުންމީދު އައުކޮށްދެއްވި ރައީސަކަށް.
ސަމަދް
14 April 2025
އަހަންނަކީވެސް ސިނގެރޭޓް ބޯމީހެއް. އެކަމަކު އަހަރެންވެސް އަހަރެންގެ ދަރިން އެ ބޯކަށް ބޭނުމެއްނޫން. މިކަން ކުރުމުން ދަރިން މިކަމުން ސަލާމަތްވެގެން ދިޔުން އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެއް.
ރިފާއު އައްބާސް
14 April 2025
މީގެ ސަބަބުން ހަމަ ގައިމުވެސް ޒުވާން އެތައް ޖީލެއް ސަލާމަތްވެގެން ދާނެ.
ނިމާލް ހަސަން
14 April 2025
އަލްހަމްދުﷲ. ހާދަ އުފާވެރިޔޭ ދުންފަތް މަނާކުރާތީ.
ޑރ ވާންޗޯ
14 April 2025
މަގުތައްމަތީ އަދި ޕަބްލިކް ތަންތަނުގަ ނުބޮވޭގޮތަށް ސްޓްރިކްޓް ކޮށް ބެލެހެއްޓުން މުހިންމު.
ޑރ ވާންޗޯ
14 April 2025
ސަޅި ގަވާއިދެއް، ގަންނަންދާނީ އޭނަ، ބޯނީ އަހަރެން.
އަބުދުލް ޤާދިރު
14 April 2025
ރައްޔިތުންގެ ޚިޔާލު ބަލާނެ. އެކަމަކު ކަން ކުރާނީ އެ ޚިޔާލާ ދެކޮޅަށް.
ޖަލުގައި އެ ޖީލު ގެއްލުވާ ނުލާތި
14 April 2025
މަނާކުރަންވީ ފިހާރަ ތަކުން އެކުދިންނަށް އެތަކެތި ދީ ވިއްކުން. އަދި ވިއްކާ ތަންތަން ބޮޑު އަގުން ޖޫރިމަނާ ކުރަންވީ. އެކުދިންގެ
ފޫހި
14 April 2025
މިއީ ހަމަ ސަތޭކައިގެ ނިންމުމެއް. މިކަމުގެ ސަބަބުން ރަނގަޅު ސިއްޙީ ޖީލެއް ބިނާވާނެ. ދެން އޮތީ ސޮސެޖް، އެނާޖީ ޑްރިންކްސް ފަދަ ތަކެތި މަނާކުރުން. ކަންމަތީ ޓޭކްއަވޭ ތަކުގައި އެވިއްކާ ސޮސެޖަކީ ރައްކާތެރި އެއްޗެއްނޫން.