ބަންގްލާދޭޝްގެ ވެރިރަށް ޑާކާގައި ހޮނިހިރު ދުވަހު ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލަން ލައްކައެއްހާ މީހުން ޖަމާވެފައި: އެ ގައުމުގެ ޕާސްޕޯޓްގައި އިޒްރޭލަށް ނުދެވޭ ގޮތް މިހާރު ވަނީ އަލުން ހަދާފައި. -- ފޮޓޯ: އޭއެފްޕީ
14 އެޕްރީލް 2025 - 05:55
ބަންގްލާދޭޝްގެ ޕާސްޕޯޓްގައި "އިޒްރޭލު ފިޔަވައި" އެހެން ހުރިހާ ތަނަކަށް ދަތުރުކުރެވޭނެ ކަމަށް ކުރިން އޮންނަ އިބާރާތް ޝައިހް ހަސީނާގެ ވެރިކަމުގައި އުނިކޮށްފައި ވަނިކޮށް އަލުން އެގޮތަށް ލިޔެ ބަންގްލާދޭޝް މީހުން އިޒްރޭލަށް ދިއުން މަނާކޮށްފި އެވެ.
މުސްލިމުންގެ އާބާދީ ބޮޑު ބަންގްލާދޭޝް އަކީ ވެސް އިޒްރޭލަކީ ދައުލަތެއް ކަމަށް ބަލައިގަންނަ ގައުމެއް ނޫނެވެ.
ބަންގްލާދޭޝް ޕާސްޕޯޓްގައި "އިޒްރޭލު ފިޔަވައި، ހުރިހާ ގައުމަކަށް" ކަމަށް އޮންނަ އިބާރާތް ފުރަތަމަ ހިމެނީ މީގެ އެތައް އަހަރެއް ކުރިންނެވެ. އެކަމަކު މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ހަސީނާ ވަނީ 2021 ވަނަ އަހަރު އެ އިބާރާތް އުނިކުރައްވައިފަ އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ނިލީމާ އަފްރޯޒް އާދީއްތަ ދުވަހު ބަންގްލަދޭޝް ސަންގްބާދު ސަންގްސްތާ (ބީއެސްއެސް) ނިއުސް އެޖެންސީއަށް ވިދާޅުވެފައިވާ ގޮތުގައި އެ އިބާރާތް އަލުން އިއާދަކުރުމަށް މިދިޔަ ހަފުތާގައި ވަނީ އަންގައިފަ އެވެ.
"ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް ޕާސްޕޯޓުގެ ޑިރެކްޓާ ޖެނެރަލަށް އަންގާފައި ވަނީ މި ބަދަލު ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް،" އަފްރޯޒްއާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސްޓާ އިން އާދީއްތަ ދުވަހު ބުނެފައިވެ އެވެ.
ބަންގްލާދޭޝް ޕާސްޕޯޓްގައި އިޒްރޭލަށް ނުދެވޭ ގޮތަށް އޮތް އޮތުން ހަސީނާގެ ވެރިކަމުގައި ބަދަލުކުރި ނަމަވެސް ހަސީނާ އޭރު ވަނީ އެ ގައުމުން އިޒްރޭލާ މެދު ދެކޭ ގޮތް އަދި ގެންގުޅޭ ސިޔާސަތު ބަދަލު ނުވާ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ބަންގްލާދޭޝް މީހުން ކުރާ ތާއީދު، ހޮނިހިރު ދުވަހު ގާތްގަނޑަކަށް ލައްކައެއްހާ މީހުން ޑާކާއަށް އެއްވެ ދުނިޔެއަށް ދައްކާލާފައިވެ އެވެ.
އިޒްރޭލަށް އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ހަމަލާދީ 1،218 މީހަކު މަރާލުމާ އެކު އެ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް ވަނީ ފަލަސްތީނުގެ 51،000 މީހުން ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަންގަނޑާ
14 April 2025
މިޔަ ސަރުކާރުގަ އިސްރޭލު ޕާސްޕޯޓޭ ބުންޏަސް ، ހުންނަނީ ބޮލުން ދުން އަރަ އަރަ.
ފޫހި
14 April 2025
ސާބަހޭ އެކުވެރި ބަންގާޅު
ޖިމޯ
14 April 2025
އަލްހަމްދުލިﷲ. ވަރަށް ހިތްވަރު ގަދަ ނިންމުމެއް. ސެލިއުޓް
ލާމަސީލު
14 April 2025
ނޫސްތަކުން އޮކްޓޯބަރ 7 ގައި ހަމާސައިން އިސްރާއީލަށް ހަމަލާދިނުމަށްފަހު އިސްރާއީލުން ހަމަލާދޭ ވާހަކަ އޮތީމަ ފަލަސްތީނަށް ކުޑައިމީސް ބަސްބުނެވޭ. ހަގީގަތަކީ ހަމާސް އުފެދުމުގެ މާކުރިންވެސް އިސްރާއީލުން ދަނީ ޔޫއެން އިން ގަރާރުތަކާ ދެކޮޅަށް ފަލަސްތީން ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށް ގެތައްތަޅާ ނަސްލެއް ނައްތާލަމުން. މުސްލިމް ނޫސްތަކުން ހަގީގަތް އޮޅޭގޮތަށް ޚަބަރު ގެނެސް ނުދެއްވާ.
މަ ބުނީ
14 April 2025
މަ ނޫޅެން ރާއްޖޭގެ ކެެބިނެޓުން އިޒުރޭލްގެ ޕާސްޕޯޓް މަނާކުރިވާހަކަ ދައްކާކަށް.
ސަސި.
14 April 2025
މިއީ ގަޓު ހުރެގެން ކަންކަން ކުރުމަކީ، މޮޅު ވާހަކަ ދައްކުމާ ފޮނު އެރުވިޔަސް ނަތީޖާއެއް ނުނިކުންްނާނެ