އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހުންނެވި ދުވަސްވަރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޝަމްއާން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 އެޕްރީލް 2025 - 00:59
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ. މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި މަގާމުން ވަކިކޮށް، ޝަމްއާން ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ. އޭގެ ފަހުން ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ދީފަ އެވެ.
އެ މައްސަލަ އިސްތިއުނާފުކުރުމުން ކޯޓުން ފުރަތަމަ ނިންމީ ބަލައިނުގަތުމަށެވެ. އެކަމަކު، ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފަ އެވެ.
ފުރަތަމަ ދިން ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ގެންދިއުމުން މި މަހުގެ 6 ވަނަ ދުވަހު ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.
ހައި ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފައިސާ އަތުލުމަށް ފަހު، ދޫކޮށްލާފައިވަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓް ހައުސްއަކުން އަތުލައިގަތް ބިދޭސީއެކެވެ.
ފައިސާ ހޯދާފައިވަނީ އެ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލުކޮށް ކަމަށާއި އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެ އޮޕަރޭޝަން ހިންގީ ވެސް ބިދޭސީންނާއި އެ މީހުންނާ ގުޅޭ ތަންތަން ފާސްކުރުމަށް އިމިގްރޭޝަންގައި ކަނޑައަޅާފައިވާ ޓާސްކްފޯސް މީހުން ނޫން ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިފަތުﷲ ހަސީބް
14 April 2025
ޝައްމާން ކުއް ކޮށްފަ ދެން ސަލާމަތް ނުވީމަ ކިހިނެއް ތިއުޅޭނީ.