2023 ވަނަ އަހަރުގެ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން.
14 އެޕްރީލް 2025 - 13:33
އޯ ލެވެލް އިމްތިހާނު އޮތުމުން، 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ސާފް ޗެމްޕިއަންޝިޕުގައި ނުކުޅެވޭތީ، ތައްޔާރުވާން ގޮންޖެހުންތަކެއް އެބަހުރި ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.
އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝުގައި މޭ 9-18 އަށް އޮންނަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ބަންގްލަދޭޝް އާއި، ބޫޓާނާ އެއް ގްރޫޕެއްގަ އެވެ. އަނެއް ގްރޫޕުގައި އޮތީ އިންޑިއާ، ނޭޕާލް، އަދި ސްރީ ލަންކާ އެވެ.
މިދިޔަ އަހަރުގެ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި، އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމަށް ކުޅުނު ހުނަރުވެރި ވަރަށް ގިނަ ކުޅުންތެރިން ތިބީ މި އަހަރު 19 އަހަރުން ދަށުގެ ޓީމަށް ކުޅެން ތައްޔާރުވެފަ އެވެ.
އެކަމަކު ނަސީބު ދެރަކަމުން މުބާރާތް ދިމާވަނީ ސާނަތީ ތައުލީމުގައި ފުރިހަމަކުރަން ޖެހޭ އެންމެ މުހިއްމު އިމްތިހާާނާ އެވެ. ނުކުޅެވޭ ކުޅުންތެރިންގެ ތެރޭގައި އިންޓަ ސްކޫލް މުބާރާތުގައި ވިދާލި ފޯވާޑް މުހައްމަދު އިލާން އިމްރާން އާއި މުހައްމަދު ޒީކް އަދި އަހުމަދު ކާއިން ގަޔާޝް ހިމެނެ އެވެ.
"މިދިޔަ އަހަރުގެ ޓީމުގެ ގާތްގަނޑަކަށް 90 ޕަސެންޓް ކުޅުންތެރިންނަށް ނުކުޅޭވޭ މި ފަހަރު،" ޝާކިއްޓެ ބުންޏެވެ.
"އޭގެ ތެރެއިން ކުޅެވެނީ އެންމެ ހަތަރު ކުޅުންތެރިންނަށް."
ޝާކިއްޓޭ ބުނީ އެއީ ވަރަށް ހުނަރުވެރި، ބައިނަލްއަގްވާމީ ތަޖުރިބާ ތިބި ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިން ނެތުމަކީ ދެރައެއް ކަމަށެވެ.
"އެއީ ގޮންޖެހުމެއް ރަނގަޅަށް ތައްޔާރުވާން ބަލާއިރު."
ރާއްޖޭން އަންނަނީ އޭޕްރިލް 1 އިން ފެށިގެން މުބާރާތަށް ޕްރެކްޓިސްކުރަމުންނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މޭ 9 ގައި ވާދަކުރާނީ ބަންގްލަދޭޝްއާ އެވެ. ދެ ވަނަ މެޗުގައި ބޫޓާނާ ކުޅޭނީ މޭ 13 ގަ އެވެ. ސެމީ ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
14 April 2025
އާކުޅުންތެރިންނަށް ފުރުސަތުދީގެން ބޮޑު ވަރުގަދަ ސްކޮޑެއް ބިލްޑްކުރެވޭނީ ތިއުމުރުގަ. ވީއިރު ޝާކިއްޓޭ ތިކަން ނެގެޓިވްކޮށް ދެކިގެން ނުވާނެ. ތިޔަބުނާ 90 ޕަސެންޓު ކުޅުންތެރިން ނަށް މިހާރު ނުކުޅެވުނަސް އާކުޅުންތެރިންނަށް ތަޖުރިބާ ލިބޭނެ.