ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ފީ އެންސްޕާ އިން ދެއްކުން ލަސްވާތީ ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައި. -- ފޮޓޯ: މަޖިލިސް
15 އެޕްރީލް 2025 - 09:46
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ރައްކާތެރިކަމާއި އެ ކުދިންނަށް ދޭން ޖެހޭ ބޭސްފަރުވާ އާއި ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ، މިފަދަ ކުދިންނަކީ ގާނޫނުން ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބަޔަކަށް ވެފައި، އެ ފަރާތްތަކަށް ބޭނުންވާ ހާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް އެކުލަވާލާފައިވީ ނަމަވެސް، އެ ގޮތަށް ކަންކަން ހިނގަމުން ނުދާ ކަމަށެވެ.
އެ މައްސަލާގައި ބުނެފައިވާ ގޮތުގައި އެފަދަ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭން ލާޒިމްކޮށްފައިވާ ރައްކާތެރިކަމާއި މާލީ އެހީގެ އިތުރުން ބޭސް ފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާ އިން ވަނީ އިހުމާލުވެފަ އެވެ.
މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން ޖެހޭ ތެރަޕީ ހިދުމަތްތައް ހިލޭ ލިބޭނެ ގޮތް 2019 ވަނަ އަހަރު ހަދާފައިވީ ނަމަވެސް، ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ތެރަޕީއަށް ފައިސާ ދައްކަން ޖެހިފައިވަނީ އެ ކުދިންގެ އަމިއްލަ ޖީބުން ކަން ފާހަގަކޮށްފައިވެ އެވެ.
އެއާއެކު ތެރަޕީ ސެންޓަރުތަކުގެ ފީތައް ބޮޑުވުމާއި ކިއު ދިގުވުން ފަދަ ސަބަބުތަކާ އެކު، ގިނަ ކުދިންތަކެއް ތެރަޕީ ހިދުމަތުން މަހުރޫމުވަމުން ދާ ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.
މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ 44 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާތު
15 April 2025
މިވެރިން ވޯޓު ހޯދަން ވީމާ މިކުދިން ސްޓޭޖް ތަކަށް އަރުވާ ޗަރުކޭސް ކުޅެ މިކުދިންގެ ގައިގާ ފިރުމާ، ރޮއެ މިކުދިންގެ އިހުސާސްތައް މި ޢިއްޒަތްތެރި މެމްބަރުންގެ ހިތުގާ ވިންދު ޖަހާ ވަރުން ހިތަށްއަރާ މިކުދިންނާނުލާ ސަރުކާރު ވެސް ނުހިންގޭނޭޔޭ. އެކަމަކު އާރާ ބާރު ލިބުނީމަ މިކުދިންގެ ދިރިތިބުމާ ގުޅިފައިވާ ޙައްގުތަކުގެ ދިފާއުގައި ބަހެއް ބުނެލަންވެސް ކުފޫހަމަވާ ބަޔަކައްވެސްް ނުވި. ކޮޅުފައިން ޖަހާ ތިޔަ ބޭރު ކޮށްލީ.
ތަކުރުބެއްޔާ
15 April 2025
އަފިރިންގެ މެންބަރު އަޒާނު ތިޔާއް ވޯޓުދިން
ރާއްޖެތެރޭ މީހާ ގަނޑު
15 April 2025
ސަރުކާރުން ކޮންމެ އަތޮޅު ހޮސްޕިޓަލް އަކުން ތެރަޕީގެ ހިދުމަތް ލިބޭ ފޮތް ހަމަޖައްސަދީބަލަ! ވޯޓު ނުދިނަސް މެމްބަރުން އާއިލާ ތައް މާލޭ ގައި އުޅޭއިރު އޯޓިޒަމް އެސޯސިއޭޝަން އިން ތެރަޕީ ލިބޭ! ރަށްރަށުގެ މީހުން ކީއްކުރާނީ!
ނަންނޭނގޭ
15 April 2025
އެންސްޕާ ގެ ކަންކަން ރަނގަޅުކުރުމަށް ދިމަ ދިމާއިން ލިބޭހާ ފަންޑް ތަކަށް ވާގޮތް ބަލަން ރަނގަޅު އޮޑިޓް އެއް ނިކަން ކޮއްބަލަ. 2016 އިން ފެށިގެން ކޮންސަލްޓަންޓުން ހަޔަރ ކޮށް އެކި ވަރުވަރުުން ދިމަ ދިމާއިން ވެރިން ލާ ސިސްޓަމް ތައް އައުޓުސޯސް ކޮށް ފައިސާ ހަރަދު ކުރޭ. އެކަމަކު ހުރިހާ ކަމެއް އަދިވެސް ކުރަނީ އެހާމެނުއަލް ކޮށް ކަރުދާސް ބޮނޑިބޮނޑީގައި.. ކޮންމެ މަހަކު ރިޕީޓް ކޮށް އާކޭހެއްހެން ކޮމިޓީ ތަކުގައި ހާލަތު ބަލައިގެން އެޕްރޫވް ކޮށްގެން .
އަމިއްލަ އެދުން
15 April 2025
މި މީހުންގެ މުސާރައިގެ މައްސަލަ ބަލައިގަނެވޭ
ސަސި
15 April 2025
އެވެރިން ބޭނުންނުވާ ކަމެއް ވީއްޔާ ކުރިއަށް ކަނޑާނީ
ސަހްރާ
15 April 2025
ތިބޭފުޅުން ވޯޓް އެޅީ އެހެން ދެއްތޯ!
އަޅި އަލީ
15 April 2025
މަ ބޮޑަށް ހާސްވާނެ ކަމެއް ނެތް! ތިޔައީ މިދިޔަ ދައުރުގަ އެމްޑިޕީ މެމްބަރުން ޕީޕީ މެންބަރުންނަށްވެސް ޖެއްސެވި ހާލު! ދައްކަވަން ހުރި ތަނެއް ދައްކަވާނެ!