އިޒްރޭލުން ހަމަލާދީފައިވާ އިމާރާތެއްގެ ތެރެއިން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ: ހަމަލާތައް ހުއްޓާލުމުގެ އާ ހުށަހެޅުމެއް އިޒްރޭލުން ވަނީ އަނެއްކާވެސް ހުށަހަޅާފައި. -- ފޮޓޯ: އޭއެފްޕީ
15 އެޕްރީލް 2025 - 20:14
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އިޒްރޭލުން އެންމެ ފަހުން ހުށަހެޅި ކަންކަމަށް ހަމާސް އިން 48 ގަޑިއިރު ތެރޭ ޖަވާބެއް ދީފާނެ ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
"ހަމާސް އިން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މެދުވެރިންނަށް ޖަވާބު ފޮނުވާނެ ކަމަށް ބެލެވޭ. އެއީ އަދިވެސް ހަމާސް އިން އެ ހުށަހެޅުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން ގެންދާތީ،" އޮފިޝަލް އޭއެފްޕީއަށް ވިދާޅުވި އެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާ ދޭތާ 18 މަސް ދުވަސް ވެފައި ވާއިރު އެ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އިޒްރޭލުގެ އެންމެ ފަހުގެ ހުށަހެޅުން ލިބުނީ އިއްޔެ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެ ހުށަހެޅުމުގައި އިޒްރޭލުގެ ދިރިހުރި 10 ރަހީނަކު މިނިވަންކޮށްފި ނަމަ އެންމެ މަދުވެގެން 45 ދުވަހަށް ހަމަލާތައް މެދުކަނޑާލަން އިޒްރޭލުން ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 1،231 ގައިދީން ދޫކޮށްލުމާއި، މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން މުޅިން ބަންދުކޮށްފައިވާ އެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އަލުން ފެށުމުގެ ފުރުސަތު ދިނުން ވެސް ވަނީ ހިމަނައިފަ އެވެ.
ދެން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހަމާސް ހިމެނޭ ގޮތުން ފަލަސްތީނުގެ ޖަމާއަތްތަކުން ހަތިޔާރު ބެހެއްޓުމުން ދާއިމީކޮށް ހަމަލާތައް ހުއްޓާލުން ވެސް ހިމެނެ އެވެ.
ހަމާސް އިން މީގެ ކުރިން ވަނީ އެ ޖަމާއަތުން ހަތިޔާރު ދޫކޮށްލުމުގެ ޑިމާންޑަކީ "ރަތް ރޮނގު" ކަމަށް ބުނެ އެކަމާ ގުޅޭ މަޝްވަރާ ނުކުރާނެ ކަމަށް ބުނެފަ އެވެ.
ހުށަހެޅުމުގައި ހުރި ކަންކަމާ މެދު އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުގެ 251 މީހަކު ރަހީނުކޮށްފައި ވާއިރު އޭގެ ތެރެއިން 58 މީހުން އަދިވެސް ޣައްޒާގައި އެބަތިބި ކަމަށް ބެލެވެ އެވެ. އަދި ރަހީނުންގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy