ރައީސް މިއަދު ވާހަކަ ދައްކަވަނީ: އަންނަ މަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
17 އެޕްރީލް 2025 - 15:06
ގިނަ ދުވަސްތަކަކަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަން ހަމަޖައްސަވައިފި އެވެ.
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ނޫސްވެރިން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅުގައި މިއަދު ރައީސް ބޭއްވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެ މަނިކުފާނު ވިދާޅުވީ އަންނަ މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެއީ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަހެވެ.
ރައީސް އޮފީހުގައި ބާއްވާ އެ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވުމަށް ނޫސްވެރިންނަށް ދައުވަތު ދެއްވައި، ރައީސް މުއިއްޒު ވިދާޅުވީ އެ ދުވަަހު ކޮންމެ ސުވާލެއް ވެސް އެމަނިކުފާނާ ކުރެއްވޭނެ ކަމަށެވެ.
"އަޅުގަނޑު ނޫސްވެރިންނާ ބައްދަލުކުރާނަން އިނގޭތޯ. ނޫސްވެރިންނާ ބައްދަލުކޮށް، މީޑިއާއާ ބައްދަލުކޮށް، ރައީސް އޮފީހުގައި ރަސްމީކޮށް ނޫސް ކޮންފަރެންސެއް ބާއްވާނަން އިރާދަކުރެއްވިއްޔާ. އެ ދުވަހަށް ނޫސްވެރިން މީޑިއާއަށް ތައްޔާރުވެލައްވަން އަޅުގަނޑު ދައުވަތު ދެން. ބޭނުން ސުވާލެއް އޮތިއްޔާ ލިޔުއްވަން ފަށްޓަވަންވީ. ކޮންމެ ސުވާލެއް ވެސް ކުރެއްވޭނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކުގައި ނޫސްވެރިންނާ ވެސް ބައްދަލުކުރާނަން. އެގޮތުން އަޅުގަނޑު މިހާރު ނިންމާފައި އޮންނާނެ، 3 މޭ އެއީ ޕްރެސް ފްރީޑަމް ދުވަސް."
ރައީސް ވިދާޅުވީ ވީހާވެސް ބޮޑަށް ކަންކަން އޮޅުންފިލުވައި ދެއްވުމަކީ އެ މަނިކުފާނު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަަމަށެވެ. އަދި ކުރިން އެމަނިކުފާނު އަދާކުރެއްވި މަގާމުތަކުގައި ވެސް އެެގޮތަށް ކަންކަން ކުރެއްވި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކަމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަގުތުވީ ވަރަކުން ސީދާ ނޫސްވެރިން އެކު ކުރިއަށް އޮތްތަނުގައި ވެސް ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.
އެ މަނިކުފާނުގެ ގިނަ ވަގުތު މިހާރު ވެސް ކޮންމެ ދުވަހަކު އިސްކަން ދެއްވަނީ މަސައްކަތަށް ކަމަށާއި ނަތީޖާ ނެރުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުރިހާވެސް ފޯކަސްއަކީ ނަތީޖާއޭ އިނގޭތޯ. ކުރީގައި ވެސް، މިހާރު ވެސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޓީވީ ސްޓޭޝަންތަކުން ދައުވަތު ދެއްވައިފި ނަމަ، ޕްރޮގްރާމުތަކަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަށް ވެސް އެ މަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާއި ވަގުތު އޮތް މިންވަރަކުން އެކަމަށް ވަގުތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
17 April 2025
ރައީސް ވިދާޅުވާނެ ފުރުސަތު ދޭންވީ ނޫސްތަކާ ވައްދަންވީ ނޫސްވެރިންނާ އަދި ކުރަންވީ ސުވާލުތައްވެސް. ޤައުމުގެ މިވަގުތުގެ ޙާލަތަށް ބަލާ އެނޫންގޮތަކަށް ރައީސްއަކަށް ޖަވާބެއް ނުދެއްވޭނެ. ހެޑިންގ ތަކުން މިހާރުވެސް ފެންނަނީ ކުރައްވަނީ ކުރަނީ ކުރަން ނިންމަވައިފި. އަދި އެއްވެސް ކަމެއް ނުހިނގާ. ކުރީސަރުކާރުތަކުން ފަށާ ނިމެން ކައިރިވެފަ ހުރިތަންތަން ފިޔަވާ އެއްވެސް މަޝްރޫޢެއް ނުފެނޭ. ދެން ރިބަން ކޮޅު ކަނޑާލުން އޮތީ. އެކަންވެސް ނުވެގެން މި އުޅެނީ.
ސިޔާދު އަލީ
17 April 2025
އިދިކޮޅަށް ވަރަށް ހަޖަމް ނުވާނެ މިކަން. ހެހެ.
ހަސަން ނިހާމް
17 April 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒް ތަފާތުވާނެޔޭ. ކޮންމެ ވީކަކު އެތައް ސުވާލަކަށް ޖަވާބް ދެމުން ނުވިތާކަށް އަދި އެކި ރަށްރަށް ގޮސް މިދަނީ މައުލޫމާތް ދެމުން.
އާދަމް މުހައްމަދު.
17 April 2025
ފަހުގެ ތާރީހެއްގައި ފެނުން އެއްމެ ޓްރާސްޕޭރެންޓް ވެރިކަން މިއީ
ހަސަން ނިހާމް
17 April 2025
ރައީސް މުއިއްޒްއަކީ ނޫސްވެރިންނަށް ފިއްލަވާނެ ވެރިޔެއް ނޫން. ވަރަށް ސާފް
އޮނަރަބްލް އަފީފު ދީދީ
17 April 2025
ޑެމޮކްރަޓިކް ވެރިކަންދިނުމަށް ނުވަތަ އިންތިޙާބުގެ ވޯޓްދިނުމުގައި އެންމެބޮޑަށް ބަލާކަމަކީ ކެމްޕޭން ރެލީތަކުގައި ދައްކާ ވާހަކަތަކާއި، ޕާޓީތަކުން ހުށަހަޅުއްވާ މެނިފެސްޓޯއަށް ކަން މިސިޓީގެ ރައްޔިތުނަށް ވަރަށް ރަނގަޅަށް އިގޭތީ ވެރިކަމަށް ކުރިމަތިލާ ފަރާތް ތަކުން ހުށަހަޅުއްވާ މިފަދަ މެނިފެސްޓޯ ތަކަށް ބަލާފައި އައްޑޫ މީހުން އެފަދަ ކެންޑިޑޭޓުނަށް ވޯޓް ދިނުމަކީ އައްޑޫ މީހުން ކުރާ މޮޔަކަމެއް ކަމަށް ބަޔަކު ބުންޏަސް އައްޑޫސިޓީ މީހުން ކަންކުރަނީ ރަނގަޅަށް.
ސަސި
17 April 2025
ކޮންމެ ސުވާލެއް ވެސް ކުރެއްވޭނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ. ޢެކަމަ ޖަވާބު ދޭނީ އަަޅުގަނޑު ބޭނުން ސުވާލަކަށް.
ރަތްޔިތުމީހާ
17 April 2025
1- ހުޅުމާލޭ ވޯޓާރ ޕާރކް މިވެރިކަމުގައި ހުޅުވޭނެތޯ؟ މިސުވާލު ކޮށްލަދެއްވާނެ ކަމަށް އުންމީދު ކުރަން