ދުނިޔެ / ގާޒާ

ޣައްޒާގައި މަހުގެ ބާވަތަކަށް ވެލާ

ފަލަސްތީނުގެ ޣައްޒާގައި ކާނާ ބަހާ ތަނެއްގެ ކައިރީގައި ކުދިންތަކެއް ކިއޫ ހަދައިގެން: ރަނގަޅު ކާނާ ނުލިބޭތީ ޣައްޒާގައި މިހާރު ވަނީ ވެލާމަސް ވެސް ކާން ފަށާފައި. -- ފޮޓޯ: އޭއެފްޕީ

20 އެޕްރީލް 2025 - 05:58

1 comments

އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ހާލުގައި ޖެހި ކާބޯތަކެއްޗަށް ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގައި އޮއްޓަރު ހުރި ކާނާ ލިބުން ދަތިވެ އެންމެ ފަހުން ވެލާމަސް ކެއުން އާންމުވާން ފަށައިފި އެވެ.

ޣައްޒާއިން ބޮޑު އަގުގައި ނަމަވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ލިބުނަސް މަހުގެ ބާވަތްތައް ލިބުން ނާދިރެވެ. ކަނޑުގެ އައްސޭރީގައި އޮންނަ ޣައްޒާގައި މިހާރު ދަނީ ހަވާދުގެ ބާވަތްތަކާއި ފިޔަ އާއި ޓޮމާޓޯ އަދި އަސޭމިރުސް އަޅައިގެން ވެލާމަސް ކައްކައިގެން ކަމުންނެވެ.

"މި ކުދިން ވެލާ ދެކެ ބިރުގަނޭ. އަހަރެމެން އެ ކުދިން ކައިރީ މި ބުނަނީ މިއީ ހަމަ ޅަ ބަކަރީގެ މަސް ރަހަ ލާ އެއްޗެކޭ،" ދަރު އުނދުނަކަށް ތަވައެއް އުދައި އޭގައި ވެލާމަސް ހަދަން އިނދެގެން ވާހަކަ ދެއްކި މާޖިދާ ކަންއާން ބުންޏެވެ.

"ބައެއް ކުދިން މި ކެއި، އެކަމަކު ބައެއް ކުދިން ކާން އެއްބަހެއް ނުވި."

ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލުމުން ޚާން ޔޫނިސްގެ ޓެންޓެއްގައި އުޅެމުންދާ 61 އަހަރުގެ މާޖިދާ މިއީ، ކާން ރަނގަޅު އެއްޗެއް ނެތުމުން ވެލާމަސް ކެއްކި ތިން ވަނަ ފަހަރެވެ.

ފަލަސްތީނުގެ ޣައްޒާގައި ކާނާ ބަހާ ތަނަކުން ލިބުނު ކާއެތިކޮޅާ އެކު ކުއްޖަކު މަގުމަތީގައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭތާ 18 މަސް ދުވަސް ވެފައި ވާއިރު މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ވަނީ ޣައްޒާގެ 2.4 މިލިއަނުގެ އާބާދީއަށް ބޭނުންވާ ކާނާ އާއި ބޭހާއި އެހެނިހެން އަސާސީ ތަކެތި ވެސް ވެއްދުން މަނާކޮށްފަ އެވެ. އިޒްރޭލުން ބުނަނީ އެހީގެ ސާމާނު ބޭނުންކުރަނީ ހަމާސް ޖަމާއަތުން ކަމަށެވެ. މިއީ އެ ޖަމާއަތުން ކަނޑައެޅިގެން އިންކާރުކުރާ ވާހަކައެކެވެ.

އެހީދޭ ބޮޑެތި 12 ޖަމިއްޔާއެއްގެ އިސްވެރިން ބުރާސްފަތި ދުވަހު އިންޒާރު ދެއްވާފައިވާ ގޮތުގައި ބަނޑަށްޖެހުމަކީ މިހާރު ޣައްޒާއަށް އޮތް ބިރެއް ނޫނެވެ. މިހާރުވެސް ބަނޑަށްޖެހިފައިވާ ކަމަށާއި މި ހާލަތު ޣައްޒާގެ އެކި ހިސާބުތަކަށް ހަލުވިކަމާ އެކު ފެތުރެމުންދާކަން ވަނީ ކަންބޮޑުވުމާ އެކު ހާމަކޮށްފަ އެވެ.

"ޣައްޒާއިން ނުކުމެވޭނެ ގޮތެއް ނެތް. މާރުކޭޓްތަކުގައި އެއްޗެއް ވެސް ނެތް،" މާޖިދާ ބުންޏެވެ.

"ކުޑަ ދެ ކޮތަޅުގެ ތަރުކާރީ މި ލިބެނީ 80 ޝެކެލްސް (22 ޑޮލަރު) އަށް. އެއްވެސް ބާވަތެއްގެ މަހެއް ނުލިބޭ."

ފަލަސްތީނު ކުއްޖަކަށް، ކާނާ ބަހާ ތަނަކުން ލިބުނު އެތިކޮޅެއް ދަޅަކަށް އަޅައިގެން. -- ފޮޓޯ: އޭއެފްޕީ

ވެލަޔަކީ ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތުމާ އެކު ބައިނަލްއަގުވާމީ ގޮތުން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެކަމަކު ޣައްޒާގެ މަސްވެރިން އަޅާ ދާތަކުގައި ޖެހޭ ވެލާ ކެއުމަށް ބޭނުންކޮށް އުޅެ އެވެ.

މަސްވެރިއެއް ކަމަށްވާ އަބްދުލްހަލީމް ކަންއާން ބުނީ "ވެލާމަސް ކެއުމަކީ ކުރަންޖެހިދާނެ ކަމެކޭ ދުވަހަކުވެސް ހިއެއް ނުކުރަން" ކަމަށެވެ.

"ހަނގުރާމަ ފެށުނުއިރު ކާބޯތަކެތީގެ ދަތިކަން ކުރިމަތިވި. ކާއެއްޗެއް ނެތް. އެހެންވީމާ [ވެލާމަހަކީ] ޕްރޮޓީން ލިބޭނެ އެހެން ވަސީލަތަކަށްވީ. މަސް، ކުކުޅު އަދި ތަރުކާރީއެއް ވެސް ނުލިބޭ."

އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒުން އިންޒާރު ދީފައިވާ ގޮތުގައި ޣައްޒާ މިހާރު އޮތީ އޮކްޓޫރު 7، 2023 ގައި އިޒްރޭލުން ހަމަލާތައް ދޭން ފެށި ފަހުން ހައިހޫނު ކަމުގެ ހާލަތު މިހާތަނަށް ގޯސް ނުވާ މިންވަރަކަށް ގޮސްފަ އެވެ. -- އޭއެފްޕީ

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 78%
icon angry icon angry 0%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ﷲ އަކްބަރު

20 April 2025

މުޅި ދުނިޔެ އިޒްރޭލުގެ ދަށުވެފައި، ހިތުން މިހާ ބާރުގަދަ ބައެއް ނެތް ފަދަ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454