ޗައިނާގެ އިރުމަތީ ސަރަހައްދެއްގައި ހުންނަ، ބަންދުކޮށްފައިވާ ކޭއެފްސީގެ ރެސްޓޯރަންޓެއްގެ ކުރިމަތިން މީހަކު ހިނގާފައި ދަނީ: ދުނިޔޭގެ އެކި ހިސާބުތަކުގައި ކޭއެފްސީއާ ދެކޮޅު ހަރަކާތްތައް ކުރިއަށްދޭ. -- ފޮޓޯ: އޭއެފްޕީ
20 އެޕްރީލް 2025 - 05:59
ޕާކިސްތާނުގައި ހުންނަ ކޭއެފްސީގެ ރެސްޓޯރަންޓްތަކަށް 20 އަށް ވުރެ ގިނަ ހަމަލާ ދީފައި ވާއިރު އެ ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން 160 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެމެރިކާގެ ފާސްޓްފުޑް ޗެއިނެއް ކަމަށްވާ ކޭއެފްސީ އަކީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތަކާ އެކު މުޅި ދުނިޔޭގައި ކުރިއަށް ގެންދާ ބޯއިކޮޓް ކެމްޕޭނުތައް ވަރަށް ބޮޑަށް އަމާޒުވާ ވިޔަފާރިއެކެވެ. ކޭއެފްސީން އިޒްރޭލަށް ތާއީދުކުރާ ކަމަށް ބުނެ ބޯއިކޮޓްކުރުމާއި މުޒާހަރާތަކުގެ އަމާޒަކަށް އެތަން ވެފައި ވާއިރު އެ ތަނުން އެ ތުހުމަތަށް އިންކާރުކުރެ އެވެ.
ޕާކިސްތާނުގައި ހުންނަ ކޭއެފްސީ އައުޓްލެޓްތަކުގެ ބޭރުގައި މި މަހު ތަކުރާރުކޮށް މުޒާހަރާކޮށް، ބިއްލޫރިތައް ތަޅާލައި، އަލިފާން ރޯކޮށް، މުވައްޒަފުންނަށް އިންޒާރު ދީފައިވެ އެވެ.
"ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 20 ހާދިސާއެއް ހިނގާފައިވާއިރު އެކަކު ވަނީ މި ހަމަނުޖެހުންތަކުގައި މަރުވެފައި. އެއީ ކޭއެފްސީގެ މުވައްޒަފެއް،" ހޮނިހިރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ހަމަލާތަކުގެ އަމާޒަކަށް ކޭއެފްސީ ވެފައިވާކަން ފާހަގަކުރައްވަމުން އިންޓީރިއާ މިނިސްޓަރުގެ ނައިބު ތަލާލް ޗައުދަރީ ވިދާޅުވި އެވެ.
ކޭއެފްސީގެ މުވައްޒަފަކު މަރާލާފައިވަނީ މިދިޔަ އާދީއްތަ ދުވަހު، ޕަންޖާބު ޕްރޮވިންސްގެ ވެރިރަށް ލާހޯރުގެ ބޭރުގައި ހުންނަ ބްރާންޗެއްގައި ބަޑިން ހަމަލާ ދީގެންނެވެ. އެކަމަކު ފުލުހުން ބުނީ މިއީ ކޭއެފްސީއާ ދެކޮޅު މުޒާހަރާތަކުގެ ތެރެއިން ދިން ހަމަލާއެއް ކަމެއް ނުވަތަ އެހެން މައްސަލައެއްގެ ތެރެއިން ހިނގި ހާދިސާއެއް ކަމެއް އަދި މުޅިން ކަށަވަރު ނުވާ ކަމަށެވެ.
ޗައުދަރީ ވިދާޅުވީ ޕަންޖާބު ޕްރޮވިންސުން 145 މީހުން އަދި ވެރިރަށް އިސްލާމްއާބާދުގައި ދިން ހަމަލާތަކާ ގުޅިގެން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މިއީ ޕާކިސްތާނުން ހުރިހާ އެއްޗެއް ހޯދައިގެން ޕާކިސްތާނު މުވައްޒަފުން ލައިގެން އަދި ލިބޭ އާމްދަނީ ވެސް ޕާކިސްތާނުގައި ހުންނަ ރެސްޓޯރަންޓުތަކެއް،" އޭނާ ވިދާޅުވި އެވެ.
ކޭއެފްސީ އާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ޔަމް! ބްރޭންޑްސް އިން މިކަމާ ގުޅިގެން ވާހަކައެއް ނުދެއްކި އެވެ.
ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ސަރަހައްދުގެ ކޭއެފްސީ ރެސްޓޯރެންޓެއްގައި މިދިޔަ އަހަރުގެ މާޗް މަހު ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ކުރި މުޒާހަރާއެއްގެ ބައިވެރިން ހުޅުޖަހައި އަންދާވެސް ލައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy