ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒު އައްޔަން ކުރެއްވި ލިއުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
20 އެޕްރީލް 2025 - 11:58
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރު ކަމަށް، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖުތާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒު އައްޔަންކުރެއްވުމުގެ ކުރިން ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވައިފަ އެވެ.
މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ސީއެސްސީން ހުސްވި ގޮނޑިއަށް އައްޔަން ކުރުމަށް މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ ވެސް މުޖުތާޒްގެ ނަން އެކަންޏެވެ.
ސީއެސްސީގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މައްސަލަތަކެއް ބަލައި އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު12
20 April 2025
މިނޫން ބަޔަކު އަޅެ ނެތީތަ؟ ކިޔައިވައިގެން ތިބި ޒަމާނީ މީހުންނަށް ހަމަ އެއްވެސް ފުރުޞަތެއް ނެތީ؟
ސިވިލް ގަރލް
20 April 2025
ވަރަށް ކިޔަވައިގެން އައިސް މަސައްކަތްކުރާ ޒުވާނުންނަށް އެހާ އުފާވެރި ހަބަރެއް ނޫން. މިތަނަށް ލާންވީ ވަރަށް ޒަމާނީ ވިސްނުމުގެ ކޮލިޓީ މީހުން. ޓެކްނޮލޮޖީގެ އެހީގަ މަސައްކަތްތައް ބަލާ ގުނާ މިންކުރާ އަދި ބޭނުންވާ މީހުން ކުދިން އެކި ދާއިރާތަކުން ޑިވެލޮޕް ކުރެވޭނެ ވިސްނުން ހުރި ތަޖުރިބާ ހުރި ފަންނީ މީހުން.