އިޒްރޭލުން ޝަހީދުކޮށްލި އެހީގެ ޓީމުގެ މެންބަރުންގެ ޖަނާޒާ މިދިޔަ މަހު ބާއްވަނީ. -- ފޮޓޯ: އޭއެފްޕީ
20 އެޕްރީލް 2025 - 20:03
ފަލަސްތީނުގެ ޣައްޒާގައި މެޑިކަލް ޓީމެއްގެ 15 މެންބަރަކަށް އިޒްރޭލު ސިފައިން ހަމަލާދީ ޝަހީދުކޮށްލި ހާދިސާގައި ބައިނަލްއަގުވާމީ ފިއްތުން ބޮޑުވެގެން ކުރި ތަހުގީގަށް ފަހު އެއީ "ހަމައެއްލަމައެއް ނެތި ދިން ހަމަލާތަކެއް" ނޫން ކަމަށް ބުނެފި އެވެ.
އެކަމަކު އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މިއީ ފީލްޑް ކޮމާންޑަރެއްގެ "ފުރިހަމަ ނުވާ ބްރީފިން" އެއްގެ ސަބަބުން ދިމާވި ގޮތެއް ކަމަށާއި އެހެންވެ އޭނާ މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ޣައްޒާގެ ދެކުނުގައި އެއް ރެއެއްގެ ފަތިހު މި ހަމަލާ ދިނުމަށް ފަހު އިޒްރޭލުން އެންމެ ފުރަތަމަ ބުނީ ހަމަލާ ދީފައިވަނީ ބޮކިތައް ނިއްވާލައިގެން އިމަޖެންސީ ވެހިކަލްތަކެއްގައި ސިފައިންނާ ދިމާލަށް އައި ޝައްކުކުރެވޭ ބަޔަކަށް ކަމަށެވެ. އެކަމަކު ޝަހީދުކޮށްލި މީހުންގެ ތެރެއިން އެކެއްގެ ފޯނުގައިވާ ވީޑިއޯއަކުން އެނގުނު ގޮތުގައި ހަމަލާދީފައިވަނީ އިމަޖެންސީ ސިގްނަލްތަކާ އެކު އަދި އެމްބިއުލާންސާއި ފަޔަޓްރަކްކަން ވެސް އެނގޭ ގޮތަށް ވަރަށް ފާޅުކަން ބޮޑުކޮށް އެކަން އެނގޭ ގޮތަށް ދަތުރުކުރަމުން ދަނިކޮށެވެ.
އެހީގެ ޓީމު ޝަހީދުކޮށްލައި ވަޅުލާފައިވަނިކޮށް ފެނިފައި ވާއިރު މައްސަލައިގެ ތަހުގީގަށް ފަހު ބުނީ މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހަމާސްގެ ހަ މެންބަރަކު ވެސް ހިމެނޭ ކަމަށެވެ.
ބޮކިތައް ނިއްވާލައިގެން ދުއްވި ކަމަށް އިޒްރޭލުން ބުނާ އިމަޖެންސީ ވެހިކަލްތައް، ހަމަލާ ދިނުމުގެ ހިނދުކޮޅެއް ކުރިން.
"މިއީ ވަކި ގޮތެއް ނުބަލައި ދިން ހަމަލާތަކެއް ނޫނެވެ. އެކަމަކު މިއީ ސިފައިންނަށް ނުރައްކަލެއް ކަމަށް ބެލެވޭ ކަމަކަށް ތައްޔާރުވެ ތިބެ އަދި އެކަމަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެކެވެ." ތަހުގީގުގައި ބުނެފައިވެ އެވެ.
"މިއީ ސީދާ އެ މީހުން މެރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ބަލާނެ ހެއްކެއް ނެތެވެ."
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ރެޑް ކްރެސެންޓްގެ ރައީސް ޔޫނުސް އަލް ޚަތީބު މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރާމަﷲ ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ޝަހީދުވި މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމުން، އެންމެންނަށް ވެސް ހަމަލާ ދީފައި ހުރީ މެޔާ ހިސާބަށްކަން ފާހަގަވި ކަމަށާއި އެހެންވެ މިއީ މެރުމުގެ ނިޔަތުގައި ދިން ހަމަލާތަކެއްކަން އެނގޭ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މި ހާދިސާގައި ސިފައިންނަށް ކުރިމަތި ނާކާމިޔާބީގެ މައުލޫމާތު އަންގަންޖެހޭ ކޮމާންޑަރުންނަށް ފުރިހަމައަށް އަންގާފައި ނުވާ ކަމަށެވެ.
"މި ތަހުގީގުން، ޕްރޮފެޝަނަލް ގިނަ ނާކާމިޔާބީތަކާއި ކޮމާންޑުތަކާ ހިލާފުވުމާއި އެ ހާދިސާ ފުރިހަމައަށް ރިޕޯޓް ނުކުރެވި އޮތްކަން ފާހަގަކުރެވިފައިވޭ،" އަސްކަރިއްޔާއިން ބުންޏެވެ.
މި މައްސަލައިގައި ފީލްޑް ކޮމާންޑަރަކު މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ބުނެފައިވަނީ ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހަމާސްގެ ހަ މީހަކު ހިމެނޭ ކަމަށާއި ނަމަވެސް ކަމާ ނުގުޅޭ ބަޔަކު ވެސް ހިމެނޭތީ "މާފަށް އެދެން" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy