ގަރާރު ހުށަހެޅުއްވި މީކައިލް: ގަރާރުގައި ބުނީ ރިޔާސަތުން މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅާ ކަމަށް
29 އެޕްރީލް 2025 - 10:51
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ނުބާއްވައި، މިނިސްޓަރުންނާ ސުވާލުކުރުން ޖަލްސާތަކަށް އެޖެންޑާނުކޮށް ލަސްކުރާތީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފުތާއަކު ތިން ދުވަހު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކުރާއިރު، މިދިޔަ ހަފުތާ އެގޮތަށް ޖަލްސާތައް ބާއްވާފައެއް ނުވެ އެވެ. ޖަލްސާ ނުބޭއްވީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތީމަ ކަމަށް ރިޔާސަތުން ބުނެފައިވެ އެވެ.
މިނިސްޓަރުންނާ ސުވާލުކުރުމަށް 14 ދުވަހުގެ ނޯޓިސްއެއްދީ، އެ ނޯޓިސް މުއްދަތު ހަމަވުމުން މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރުސަތު މެންބަރުންނަށް ދޭންވާނެ ކަމަށް ވެސް މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ. ނަމަވެސް، އެ މުއްދަތު ހަމަވާއިރު ވެސް ބައެއް މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށްފައެއް ނުވެ އެވެ.
އެހެންވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މީކައިލް ހުށަހެޅުއްވި ގަރާރުގައި ބުނީ މިނިސްޓަރުންނާ ސުވާލުކުރުން ލަސްކޮށް، މަޖިލީހުގެ ޖަލްސާތައް އާންމު އުސޫލުން ނުބޭއްވުމަކީ މަޖިލީހުގެ ރައީސް އުސޫލާ ހިލާފަށް ކުރައްވާ ކަމެއް ކަމަށެވެ.
އެއީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންކަން ބަލައި، ޖަވާބުދާރީކުރުވަން މަޖިލީހުގެ މައްޗަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ދުސްތޫރީ ވާޖިބަށް ހުރަސްއެޅޭ ކަމެއް ކަމަށް ވެސް ގަރާރުގައި ބުންޏެވެ.
މި ދުވަސްވަރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ގަރާރުގެ ބަހުސް ފެށުމުގެ ކުރިން ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ވަގުތު ގާނޫނީ މުއްދަތު ހަމަވެފައިވާ ހުރި ސުވާލުތައް ރައްދުވާ މިނިސްޓަރުން ތިއްބެވީ ރަސްމީ ދަތުރުގައި ރާއްޖޭން ބޭރުގައި ކަމަށެވެ.
ބަހުސުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ މެންބަރުން ވަނީ ގަރާރަށް ފާޑުވިދާޅުވެ، މަޖިލީހުގެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ މަސައްކަތްތަކަށް ރިޔާސަތުން ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
29 April 2025
މަޖްލިސް ހިތަކަށްލިބުނީމަ ގަންގަނޑު މިހާއަވަހަށް ހަނދާންނެތުނީތަ؟. މިއަދު ތިއޮތީ ހަތަރުފުރޮޅުން ވައިދުއްވާލާފަ، ދެންހަމަ އަޑުގޮއްވަން ދުންއަރުވައަރުވާ އޮންނަންޖެހޭނީ.
އަސްލު
29 April 2025
އެންމެ ގިނައިން މަސައްކަތައް ހުރަސް އެޅީ އެމްޑީޕީ ވެރިކަމުގަ އަސްލު
ރަދީފްއޮފިޝަލް / ދެން ވޯޓް ދޭއިރު ވިސްނާތި
29 April 2025
މިހާރު އެބައޮތްތަ ''ރައްޔަތުންގެ'' މަޖްލިހެއް؟؟ ކޭން ސަމްވަން އެކްސްޕްލެއިން ދިސް ޕްލީޒް. ވ.ވެދުން