އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި އަނބިކަނބަލުން ޖެނިފާ ލޯބިވެރިންގެ ދުވަހު ސްޕެއިންގައި. -- ފޮޓޯ: ގެޓީ އިމޭޖަސް
22 އެޕްރީލް 2025 - 06:06
އެމެރިކާއިން ޔަމަންގެ ހޫތީންނަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތަކާ ގުޅޭ އަސްކަރީ ސިއްރު މައުލޫމާތު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އޭނާގެ އަނބިކަނބަލުންނާއި ކޮއްކޮ އަދި އަމިއްލަ ގާނޫނީ ވަކީލު ހިމެނޭ ސިގްނަލް ޗެޓް ގްރޫޕަކަށް ފޮނުއްވި ކަމުގެ ތުހުމަތު ވެސް ކޮށްފި އެވެ.
ނޫސްވެރިޔަކު ވެސް ހިމެނޭ ސިގްނަލް ޗެޓް ގްރޫޕަކަށް ހެގްސެތު އަސްކަރީ މައުލޫމާތު ފޮނުއްވި މައްސަލައެއް މީގެ ކުރިން ފެންމަތިވެފައި ވަނިކޮށް މިފަހަރު ވެސް ހަމަ އެފަދަ ތުހުމަތެއް އައުމާ އެކު އޭނާ ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
"މީޑިޔާތަކުން ކުރާ ކަމަކީ މިއީ. ހިތްހަމަނުޖެހިފައި ތިބޭ ކުރީގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ހޯދައިގެން އެއީ ކޮން ބައެއްކަން ނޭނގޭ ގޮތަށް މައުލޫމާތު ފަތުރަނީ މީހުން އަންދާލައި އެ މީހުންގެ އަގު ވައްޓާލަން،" ވައިޓް ހައުސްގައި ހެގްސެތު ވިދާޅުވި އެވެ.
"އަޅުގަނޑާ ޖެހުނީމާ އެހެންނެއް ނުހެދޭނެ،" ނަން ހާމަނުކޮށް ވާހަކަ ދައްކާ ކުރީގެ މުވައްޒަފުންގެ ދޮގުތަކުން އަސްރެއް ނުކުރާނެ ކަމަށް ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.
އޭނާ ރައްދު ދެއްވާފައި މި ވަނީ ޕެންޓަގަންގެ ތިން މުވައްޒަފަކު މަގާމުން ވަކިކުރި ގޮތުން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅުވައިގެންނެވެ.
ނިއު ޔޯކް ޓައިމްސް އިން އާދީއްތަ ދުވަހު ރިޕޯޓްކުރި ގޮތުގައި، މިދިޔަ މަހުގެ 15 ވަނަ ދުވަހު ދިން ހަމަލާއާ ގުޅޭ ގޮތުން ސިގްނަލް ގްރޫޕްގެ ޗެޓެއްގައި ހެގްސެތު ވަނީ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ. އެ ޗެޓްގައި ހެގްސެތުގެ އަނބިކަނބަލުން، ފޮކްސް ނިއުސްގެ ކުރީގެ ޕްރޮޑިއުސަރު ޖެނިފާގެ އިތުރުން އޭނާގެ ކޮއްކޮ ފިލް އާއި ގާނޫނީ ވަކީލު ޓިމް ޕާލަޓޯރޭ ވެސް ހިމެނޭ ކަމަށް ނަން ސިއްރުކޮށް މައުލޫމާތު ދިން މީހަކު އެ ނޫހަށް ކިޔައިދީފައިވެ އެވެ. މި ރިޕޯޓާ އެކު ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނޭލް ވިދާޅުވީ "ނިއު ޔޯކް ޓައިމްސް އަކީ ޓްރަމްޕް ދެކެ ރުޅި އަންނަ" ނޫހެއް ކަމަށެވެ.
"ކޮންމެ ގޮތަކަށް އެ ވާހަކަ ލިޔުނަސް ސިގްނަލްގެ އެއްވެސް ޗެޓެއްގައި ސިއްރު މައުލޫމާތެއް ނެތް،" އިތުރު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު އެޓްލާންޓިކް މަޖައްލާއިން ބުނި ގޮތުގައި އެ މަޖައްލާގެ އެޑިޓަ އިން ޗީފް ސިގްނަލް ޗެޓެއްގައި "އޮޅުމަކުން" ހިމަނާފައި ވަނިކޮށް އެ ޗެޓުގައި ހެގްސެތު އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒް ފަދަ އޮފިޝަލުން ވަނީ ޔަމަނުގެ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. މިކަން ހާމަވުމާ އެކު ވައިޓް ހައުސް އާއި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހެގްސެތުގެ ދިފާއުގައި އެތައް ވާހަކައެއް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy