24 އެޕްރީލް 2025 - 13:11
ކާޑުގެ މައުލޫމާތު ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ވެސް ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލްއިން ބުނީ ކާޑު އެސޯސިއޭޝަންތަކާ ގުޅިގެން، އެ ބޭންކުން އަބަދުވެސް އަންނަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެ އަމަލެއް ހިނގަމުންދޭތޯ މޮނިޓާކުރަމުން ކަމަށެވެ. އަދި ކާޑުގެ މައުލޫމާތުތައް ކޮމްޕްރޮމައިޒްވާ ކޮންމެ ހާދިސާއެއްގައި އެކަމުގެ މައުލޫމާތު ކާޑު އެސޯސިއޭޝަންތަކުން ބޭންކަށް އަންގަމުންދާ ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލްއިން އަންނަނީ ކޮމްޕްރޮމައިޒްވާ ކާޑުތައް ވަގުތުން ބްލޮކްކޮށް، ކަސްޓަމަރުންނަށް އާ ކާޑު ދޫކުރަމުންނެވެ. އަދި ކަސްޓަމަރުން ގަބޫލުނުކުރާ މުއާމަލާތްތަކާއި މުދާ ނުވަތަ ހިދުމަތް ލިބިފައިނުވާ މުއާމަލާތްތަކަށް، ބޭންކުގެ އުސޫލުތަކާއި ކާޑު އެސޯސިއޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޑިސްޕިއުޓް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ކާޑު އަދި ޕޭމަންޓް ސިސްޓަމްތައް ގާއިމްކޮށްފައި ވަނީ ޕޭމަންޓް ކާޑު އިންޑަސްޓްރީ ޑޭޓާ ސެކިއުރިޓީ ސްޓޭންޑަޑްސްތަކާ އެއްގޮތަށް ކަމަށެވެ. އަދި ވިސާ ތްރީޑީ ސެކުއާ، މާސްޓާކާޑު ސެކުއާކޯޑް އަދި އެމެރިކަން އެކްސްޕްރެސް ސޭފްކީ ފަދަ ބައިނަލްއަގުވާމީ ކާޑު އެސޯސިއޭޝަންތަކުގެ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް އެ ބެންކުން އަމަލުކުރަމުންދާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ އޮންލައިންކޮށް ކާޑުން ކުރެވޭ ހުރިހާ މުއާމަލާތްތަކަށް އެކަށީގެންވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި، މަލްޓި-ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރަމުން އަންނަ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާޗަންޓުންނާއި އީ-ކޮމާސް މާޗަންޓުންގެ ސިސްޓަމްތައް ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ކާޑުތަކުގެ ބައެއް މައުލޫމާތު ވަކި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެފައިވާ، ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިއަން ކަސްޓަމަރުންނަށް ދިމާވާ ހާލަތެއް ކަމަށާއި ކާޑު ކޮމްޕްރޮމައިޒްވެ ހިނގާ މުއާމަލާތްތަކުގައި ކަސްޓަމަރުންނަށް މާލީ ގެއްލުން ނުވާނެ ކަމަށް ބުންޏެވެ.
ދާދި ފަހުން ބީއެމްއެލްގެ ކާޑުތަކެއް ކޮމްޕްރޮމައިޒްވެ، ފައިސާގެ މުއާމަލާތްތަކެއް ހިނގާފައިވާކަމަށް ދައްކާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy