ފަލަސްތީނުގެ ޣައްޒާގައި އެހީގެ ޖަމާއަތުން، ކައްކާފައި ހުރި ކާތަކެތި ބަހަނީ: މިގޮތަށް ކާން ދިނުމަށް ބޭނުންވާ ސާމާނު މިހާރު ހުސްވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފައި. -- ފޮޓޯ އޭއެފްޕީ
26 އެޕްރީލް 2025 - 11:51
އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގައި ކައްކައިގެން ކާންދޭން ބޭނުންވާ ސާމާނުގެ ސްޓޮކް ހުސްވެއްޖެ ކަމަށް އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ބުނެފި އެވެ.
ޣައްޒާގައި ހަމަލާ ދެމުން ގެންދާތާ ދޮޅު އަހަރު ވެފައި ވާއިރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ ޣައްޒާގެ ހާލަތު މިހާރު އޮތީ ދުވަހަކު ވެސް ނުދާހާ ނުރައްކާތެރި ދަރަޖައަކަށް ވެއްޓިފައި ކަމަށާއި ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމަކީ އިޒްރޭލުން ސިޔާސީ ގޮތުން ގަސްތުގައި ހިންގާ ޖަރީމާއެއް ކަމަށެވެ.
ފަލަސްތީނުގައި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު އެއް ޖަމާއަތް ކަމަށްވާ ޑަބްލިއުއެފްޕީން ބުނީ އެ މީހުންގެ އަތުގައި ހުރި، ކައްކައިގެން ކާންދޭން ބޭނުންވާ ސާމާނުގެ ސްޓޮކްގެ އެންމެ ފަހުން ހުރި ތަކެތި، ކެއްކުމުގެ މަސައްކަތްކުރާ އެހީގެ ޖަމާއަތްތަކާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ "އެ ބަދިގެތަކުން ކާނާގެ ހުރިހާ ބާވަތެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްކޮށް ހުސްވާނެ" ކަމަށް ބެލެވޭ ކަމަށެވެ.
އދ.ގެ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އުންރުވާގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ވިދާޅުވީ މިއީ ބަޔަކު އުފެއްދި ކާރިސާއެއް ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގައި، ކާބޯތަކެތި ބަހާ ތަނެއްގެ ކައިރީގައި ކުއްޖަކު އޭނާގެ ބައެއް ސާމާނާ އެކު މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
"އިޒްރޭލު ސަރުކާރުން އަދިވެސް ދަނީ ކާބޯތަކެއްޗާއި އަސާސީ އެހެނިހެން ސާމާނު ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅަމުން،" އޭނާ އެކްސްގައި ލިޔުއްވާފައިވެ އެވެ. "[ޣައްޒާ] ބަންދުކޮށްފައި އޮންނަތާ ދެ މަހެއްހާ ދުވަސް ވެއްޖެ. ތަކެތި އެތެރެކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ގޮތުންތަކަށް އިޖާބައެއް ނުދޭ."
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ކާނާގެ އިތުރުން ބޭހުގެ ބާވަތްތައް ވެއްދުމަށް ވެސް ހަމަ އެ ހުރަސްރައް އިޒްރޭލުން ކުރިމަތިކޮށްފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު 15 މަސް ދުވަހަށް ފަހު އިޒްރޭލުން ހަމާސް ޖަމާއަތާ އެކި ވީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލައި ގައިދީން މިނިވަންކުރި ނަމަވެސް އެއްބަސްވުމާ ހިލާފުވެ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަލުން ހަމަލާތައް ފެށީ އެހީގެ ސާމާނު ވެއްދުން ވެސް ހުއްޓުވުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ފަލަސްތީން ޒިންދާބާދް
26 April 2025
ދުނިޔޭގެ ލީޑަރުން މޮޔަވަނީ 26 ހިންދޫން ގަތުލުވެގެން.ނަމަވެސް ދުވާލަކު 50 ނުވަތަ 60 މީހުން މަރާލާއިރު ކަނު ލޮލެއް. މިއީ ބޭ އިންސާފް ދުނިޔެއެއް. ވ.ވެދުން