ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދިން އިމާރާތެއް ބިމާ ހަމަވެފައި ވާއިރު އެތަނުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
27 އެޕްރީލް 2025 - 05:47
ފަލަސްތީނުގެ ޣައްޒާގައި ފަސް އަހަރަށް ހަމަލާތައް މެދުކަނޑާލައި އިޒްރޭލުގެ ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލުމުގެ އެއްބަސްވުމަކަށް ތައްޔާރު ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
މީގެ ދޮޅު އަހަރު ކުރިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާއިރު ހަމަލާތައް ހުއްޓުމަކަށް ގެނެސް އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދެވޭނެ ގޮތެއް ވޭތޯ ބެލުމުގެ މަޝްވަރާތައް މިހާރުވެސް ދަނީ މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށެވެ.
ހަމަލާތައް މެދުކަނޑާލުމަށް ހަމާސް އިން އެދޭ ގޮތާ މެދު ހަމާސް އޮފިޝަލަކު އޭއެފްޕީއަށް ވާހަކަ ދެއްކެވީ އިއްޔެ ވެސް އިޒްރޭލުން ޣައްޒާގެ އެއް އާއިލާއަކުން 10 މީހަކު ޝަހީދުވި ކަމަށް ބެލެވޭ ހަމަލާއެއް ދީފައި ވަނިކޮށެވެ.
ހަމާސްގެ އޮފިޝަލަކު، ނަން ހާމަ ނުކުރަން ޝަރުތުކޮށް އޭއެފްޕީއަށް ވިދާޅުވީ "ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލުމަށް ފަހު ފަސް އަހަރަށް ހަމަލާތައް މެދުކަނޑާލަން ތައްޔާރު" ކަމަށެވެ.
ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އިޒްރޭލުން މި މަހު ކުރީކޮޅު ހުށަހެޅުމެއް ހުށަހަޅާފައި ވާއިރު ހަމާސް އިން ވަނީ އެއީ ފުރިހަމަ ހުށަހެޅުމެއް ނޫން ކަމަށް ބުނެ އެ ބަލައިގަންނަން އިންކާރުކޮށްފަ އެވެ. އެ ހުށަހެޅުމުގައި އޮތީ ހަމާސް އިން އިޒްރޭލުގެ 10 ރަހީނަކު މިނިވަންކުރުމުން 45 ދުވަހަށް ހަމަލާތައް މެދުކަނޑާލާށެވެ.
ހަމާސް އިން އަބަދުވެސް ބުނަމުން އަންނަނީ ހަމަލާތައް މެދުކަނޑާލަން ހަދާ އެއްބަސްވުމެއް ވާންޖެހޭނީ ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމަކަށް ކަމަށެވެ.
އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އިޒްރޭލުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ޣައްޒާއަށް ހަމަލާތައް އަލުން ދޭން ފަށައިފަ އެވެ. އޭގެ ފަހުން ޣައްޒާއިން 2،111 މީހުން ޝަހީދުވެފައިވާއިރު، ޣައްޒާއަށް އޮކްޓޫބަރު 7، 2023 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 51،495 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy