މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފީސް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
27 އެޕްރީލް 2025 - 17:07
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މިދިޔަ އަހަރުގެ ސާފު ފައިދާ 278 މިލިއަން ރުފިޔާ އަށް އަރާފައިވާކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީން އާންމުކުރި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، އެ އަދަދަކީ، 2023 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 177 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، 57 ޕަސެންޓު އިތުރު އަދަދެކެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ބޭންކަށް ފައިނޭންސިން އަދި އިންވެސްޓުމަންޓުން 597 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 44 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރު އެމްއައިބީގެ ފައިނޭންސިން އެސެޓު ވަނީ 40 ޕަސެންޓު އިތުރުވެފަ އެވެ. އަދި ކުންފުނީގެ އިކުއިޓީ ވަނީ 24 ޕަސެންޓަށް އިތުރުވެފަ އެވެ.
އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވަނީ ފާއިތުވި އަހަރަކީ މާލީ ގޮތުން އެ ބޭންކަށް ކާމިޔާބު އަހަރެއް ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ކުންފުނީގެ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 709 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެ އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 49 ޕަސެންޓު އިތުރު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. މުފައްދަލް އިތުރަށް ވިދާޅުވީ، އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން، އެ ބޭންކުގެ ޑިޕޮސިޓް ބޭސް 33 ޕަސެންޓު އިތުރުވެ ފައިނޭންސިން 40 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
މުފައްދަލް ވިދާޅުވީ މި އަހަރަކީ، ނިމިދިޔަ އަހަރަށް ވުރެ ކާމިޔާބު އަހަރަކަށް ހެދުމަށް ބޭންކުން މަސައްކަތް ކުރާނެ ކަމަށެވެ.
އެމްއައިބީން ފާއިތުވި އަހަރު އޭޓީއޭމްގެ ހިދުމަތް އެކި ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި އެ ބޭންކުން މިދިޔަ އަހަރު އިންގިލާބީ އެކި ޕްރޮޑަކްޓުތައް ލޯންޗުކޮށްފައިވެ އެވެ. އޭގެތެރޭގައި ފައިސާ ވެއާ އަނގޮޓި، ޓެގް އަދި ބިންގާގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށް ލޯންޗުކުރި އެކަންޓުތައް ފާހަގަކޮށްލެވެ އެވެ.
އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖްޑް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy