އިޒްރޭލުން މީގެ ކުރިން ދިން ހަމަލާއެއްގައި ޝަހީދުވި މީހުންގެ ހަށިތައް ނަގަނީ. -- ފޮޓޯ: އޭއެފްޕީ
28 އެޕްރީލް 2025 - 06:13
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން އިއްޔެ ވެސް ފަތިހުން ފެށިގެން ހުއްޓުމެއް ނެތި އެކި ސަރަހައްދުތަކަށް ހަމަލާ ދެމުން ގެންދިޔަ ކަމަށާއި އެ ހަމަލާތަކުގައި މަދުވެގެން 50 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ދޭން ފެށި ހަމަލާތައް މިދިޔަ ޖެނުއަރީ މަހު މެދުކަނޑާލި ނަމަވެސް، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުން އެއްބަސްވުމުން ކުރިއަށް ގެންދާނެ ގޮތަކާ މެދު އުފެދުނު ހިޔާލު ތަފާތުވުމަށް ފަހު މިދިޔަ މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު އަލް މުޣައްޔިރު އޭއެފްޕީއަށް ވިދާޅުވީ ޝަހީދުވި މީހުންގެ ތެރޭގައި އާންމުންގެ ގިނަ ބަޔަކު އެއްތަނެއްގައި ތިއްބާ އެތަނަށް ހަމަލާ ދިނުމުން ޝަހީދުވި މީހުން ވެސް ހިމެނޭ ކަމަށެވެ. ޚާން ޔޫނިސްގެ ހޮސްޕިޓަލަކުން ބުނީ ޝަހީދުވި އާންމުންގެ ހަތް މީހެއްގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
މީގެ އިތުރުން އަލް އައުދާގައި ހުންނަ ހޮސްޕިޓަލަކުން ވަނީ އެތަނަށް ހަތަރު މީހެއްގެ ހަށިގަނޑު ގެންގޮސްފައިވާ ކަމަށް ބުނެފަ އެވެ. އަދި ރެފިއުޖީ ކޭމްޕެއްގެ ކައިރީގައި ހުންނަ ކެފޭއަކަށް ދިން ހަމަލާއެއްގައި ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ވެސް އެކި ސަރަހައްދުތަކުގައި ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ އަދި ޒަހަމް ވެފައިވެ އެވެ.
ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުގައި އިޒްރޭލުން އޮކްޓޫބަރު 7، 2023 ގެ ފަހުން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 52،243 އަށް އަރައިފަ އެވެ. މިއީ ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،218 މީހަކު މަރާލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ހަމާސް ޖަމާއަތް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ފެށި ހަމަލާތަކެއް ނަމަވެސް ޣައްޒާއިން ޝަހީދުވި ގިނަ މީހުންނަކީ އާންމުންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy