ވިޔަފާރި

ގައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ބީއެމްއެލްއިން ލޯނު ދޭން ފަށަނީ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީ މުހައްމަދު ޝަރީފު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮޓޮއަކަށް ހުއްޓިލައިގެން.

28 އެޕްރީލް 2025 - 11:01

މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް ދޭން ފެށުމަށް، އެ ދަފްތަރުގައި ހިމެނޭ މަސްވެރިންގެ މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ބޭންކާ އެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ސޮއިކޮށްފި އެވެ.

މަސްވެރިންގެ ގައުމީ ދަފްތަރުގައި ހިމެނޭ މަސްވެރިންގެ މައުލޫމާތު ދިނުމަށް އެއްބަސްވުމުގައި ސޮއި ކުރައްވަނީ.

މިއަދު ބީއެމްއެލްގެ ހެޑް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޝަރީފު ވިދާޅުވީ އެ ބޭންކުން މަސްވެރިންނަށް ފައިނޭންސިން ފެސިލިޓީތައް ތައާރަފްކުރުމުން އެ ބޭންކަކީ މަސްވެރިންނަށް ލޯނު ދުކުރަން ފަށާ ފުރަތަމަ ބޭންކަށް ވާނެ ކަމަށެވެ. އަދި މަސްވެރިންނަށް އެ ބޭންކުން ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސްވެރިންނަށް ފައިނޭންސިން ފެސިލިޓީތައް ދޫކުރަން ފެށުމުން ލުއި ލޯނާއި ގެދޮރު ހެދުމާއި އިމާރާތް ކުރުމަށް ދޫކުރާ ލޯނާއި މަތީ ތައުލީމަށް ދޫކުރާ ލޯނުގެ އިތުރުން ކްރެޑިޓް ކާޑަށް އެދުމުގެ ފުރުސަތު ވެސް ލިބޭނެ. މަސްވެރިންނަކީ މަދުން މަސްބޭނޭ ދުވަސްވަރު މަދުން ފައިސާ ލިބޭ ބަޔަކަށް ވާތީ މަދުން މަސްބޭނޭ މަސްތަކުގައި ލޯނު ދައްކަން ޖެހޭ މިންވަރު ކުޑަވާނެ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ.

ޝަރީފު ވިދާޅުވީ މަސްވެރިންގެ އާމްދަނީ ބޭންކަށް އެނގެން ހުންނާނެ ކަމަށާއި ފައިނޭންސިން ފެސިލިޓީތަކަށް ޝަރުތު ހަމަވޭތޯ ބަލާނީ މަހެއްގެ މައްޗަށް އެވްރެޖުކޮށް ލިބޭ އާމްދަނީއަށް ބެލުމަށް ފަހު ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް އެފަދަ ފެސިލިޓީތައް ހަމަޖެހިގެން ދިއުމަކީ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މި ފެސިލިޓީތަކަކީ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރާ ފެސިލިޓީތަކަށް ވާއިރު، މިހާރު ދަފްތަރުގައި ގާތްގަނޑަކަށް 95 ޕަސެންޓު މަސްވެރިން ރަޖިސްޓްރީވެފައިވާ ކަމަށާއި ދަފްތަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތައް އަވަހަށް ރަޖިސްޓްރީވުމަށް ގޮވާލެއްވި އެވެ.

"ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް. ދައުލަތް ދަންނަ ބަޔަކަށް ހެދޭނީ ބޭންކުތަކުން ސިވިލް ސާވަންޓުންނާއި އާއްމު ވަޒީފާތަކުގައި ތިބޭ ފަރާތްތަކަށް ލިބޭ މިފަދަ އިނާޔަތްތަކާއި ލުއިފަސޭހަތައް ލިބިގެން. އެހެންވެ، އެކަންކަމުގެ މަންފާ ހޯދުމަށް ދަފްތަރުގައި ރަޖިސްޓްރީވުމަށް ގޮވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިން މަސްވެރިކަމުގައި ދެމިތިބުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެ ދާއިރާގައި މީހުން ދެމި ތިބުމަށް މިފަދަ އެކި ލުއިތަކުގެ ބޭނުން ބޮޑު ކަމަށެވެ.

ބީއެމްއެލްއިން މަސްވެރިންނަށް ފައިނޭންސިން ފެސިލިޓީތައް ދޫކުރަން ފަށާނީ އަންނަ މަހު އެވެ. އެ ފެސިލިޓީތައް ދޫކުރަން ފެށުމުން ބީއެމްއެލްގެ ޕާސަނަލް ފައިނޭންސިން ފެސިލިޓީ އާއި ގެދޮރުވެރިކަމަށް ދޫކުރާ ތިން ފައިނޭންސިން ފެސިލިޓީ އާއި އާއިލާގެ ފަރާތަކަށް ކިޔެވުމަށް ދޫކުރާ ލޯނު އަދި ކްރެޑިޓް ކާޑަށް އެޕްލައި ކުރެވޭނެ އެވެ. މި ފެސިލިޓީތަކުގެ ރީޕޭމަންޓަށް މަސްވެރިކަން ލޯ ސީޒަންތަކުގައި މަދުން ދައްކަން ޖެހުނު ނަމަވެސް އަހަރެއްގެ މައްޗަށް ދައްކަން ޖެހޭ އަދަދަކީ އެފަދަ ފެސިލިޓީތައް ނަގާ އެހެން ފަރާތްތަކުން ވެސް ދައްކަން ޖެހޭނެ އަދަދެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454