01 މެއި 2025 - 08:29
ޖިއްދާ (މެއި 1) - ޖަޕާންގެ ކަވަސާކީ ފްރޮންޓަލޭ އަތުން 3-2 އިން ބަލިވެ، ކްރިސްޓިއާނޯ ރޮނާލްޑޯގެ އައް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ ސެމީ ފައިނަލާ ހަމައިން މުބާރާތް ނިންމާލައިފި އެވެ.
މެޗުގެ 10 ވަނަ މިނިޓުގައި ޓަޓްސޫޔާ އިޓޯ ކަވަސާކީ އަށް ލީޑު ނަގައިދީފައި ވަނިކޮށް ނަތީޖާ އެއްވަރު ކުރީ ސަޑިއޯ މާނޭ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫތޯ އޮޒޭކީ ވަނީ އަލުން ކަވަސާކީ އަށް ލީޑު ހޯދައިދީފަ އެވެ. ދެ ވަނަ ހާފުގައި ކަވަސާކީގެ ތިންވަނަ ލަނޑު ޖަހައިދިނީ އަކިހީރޯ ލެނާގާ އެވެ. އޭގެ ފަހުން މެޗުގެ 87 ވަނަ މިނިޓުގައި ނަސްރުގެ ދެ ވަނަ ލަނޑު ޖަހާފައި ވަނީ އައިމާން ޔަހްޔާ އެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ އަށް ގޯލު ޖަހާފައި ވީ ނަމަވެސް އެއް ލެގަށް ކުޅޭ ސެމީ ފައިނަލްގައި ރޮނާލްޑޯގެ ގޯލެއް ނުފެނި، އެ ޓީމު މި ވަނީ ބަލިވެފަ އެވެ. މެޗުގެ އެންމެ ފަހު ސިކުންތުކޮޅު ތެރޭގައި ރޮނާލްޑޯއަށް ވަނީ ގޯލެއް ޖަހަން ފުރުސަތު ވެސް ލިބި ނާކާމިޔާބު ވެފަ އެވެ.
ކަވަސާކީއާ ދެކޮޅަށް ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ އަލް އަހްލީ އެވެ. އަހްލީ ވަނީ ސެމީ ފައިނަލްގައި ރޮބާޓޯ ފިރްމީނޯ އާއި އިވާން ޓޯނީ އަދި ފެރާސް އަލްބްރިކާންގެ ގޯލުތަކުން 3-1 އިން ސައުދީގެ އަލް ހިލާލް ބަލިކޮށްފަ އެވެ.
މި ނަތީޖާއާ އެކު، އައް ނަސްރުން އަހަރަކު 200 މިލިއަން ޔޫރޯ ހަރަދުކުރާ ރޮނާލްޑޯ އާއެކު އެ ޓީމުން މޭޖާ ޓްރޮފީއެއް ހޯދަން ކުރާ މަސައްކަތް އަދި މިވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. މިދިޔަ އަހަރު އޭޝިއަން ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ފުރަތަމަ ފަހަރަށް ކުޅެ ނިންމާލީ ކުއާޓާ ފައިނަލުންނެވެ.
މި ސީޒަންގެ ސުޕަ ކަޕް ފައިނަލުން ނަސްރު ބަލި ވެފައި ވާއިރު، ކިންގް ކަޕުން ކެޓީ ގަދަ 16 އިންނެވެ. އަދި ލީގުގައި ނަސްރު އޮތީ އެއް ވަނައިގައި އޮތް އަލް އިއްތިހާދަށް ވުރެ އަށް ޕޮއިންޓް ފަހަތުގައި ތާވަލްގެ ތިން ވަނައިގަ އެވެ.
ނަސްރާ އެކު ތިން ވަނަ ސީޒަން ހޭދަކުރަމުން އަންނަ ރޮނާލްޑޯ، 40، ވެފައި ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 102 މެޗުން 91 ގޯލު ޖަހައިގެން ކްލަބްގެ ތިން ވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
01 May 2025
އަދި ކާމީޔާބް ލިބޭނެ.ރޮނާލްޑޯ އެއީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް.