01 މެއި 2025 - 09:42
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ވިޔަފާރިތަކަށް ލިބުނު ކުރިއެރުމާ އެކު، އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ލިބުނު އާމްދަނީ ހަތަރު ބިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އެސްޓީއޯގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި، އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ، 2024 ގެ ހަތަރު ވަނަ ކުއާޓަރުގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު 4.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
ކުންފުނީގެ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މި ދަށްވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ތެޔޮ ވިއްކާ އަގު ދަށްކުރިކުރުމުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވާތީ، އެސްޓީއޯގެ ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވާ 169 މިލިއަން ރުފިޔާ އަކީ، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 ޕަސެންޓު ދަށް އަދަދެކެވެ.
މި ދަށްވުން އައިސްފައިވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޝަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާކަން އެސްޓީއޯއިން ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން، ހިންގުމުގެ ހަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވިޔަސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން އަމާޒުކޮށްފައިވަނީ ތެލުގެ ވިޔަފާރިއާއި ހޯލްސޭލް މާކެޓް ފުޅާކުރުމާއި، އަދި މީގެ އިތުރުން އައު މުދާ ތައާރަފުކޮށްގެން އާމްދަނީ އިތުރުކުރުމަށެވެ.
އުމްރާނީ މުހިންމު މަޝްރޫއުތައް ކުރިއަށްދާއިރު އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނީގެ ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިފެންމާ ސައީދު
01 May 2025
އަޅުގަނޑު ބުނިން ބަންކަރިންގ އިން ލިބޭ ފައިސާ އެސްޓީއޯގެ ހިސާބުތަކުން ފެންނަން ހުންނާނެ ވާހަކަ. ކީޢްވެތޯ ނޫސްވެރި އެބައި އުނިކުރީ. އެހެރަ ފެންނަނީ ނޫންތޯ ބޯކޮށް ފައިދާވާތަން. ނޫށްވެރިން ފިތުނަ އުފައްދަން ވެގެން އެވާހަ ނުދައްކަނީ. ބޯހަލާކު
އަހްމަދް
01 May 2025
ސަރުކާރު ކުންފުންޏަކަށް ލިބޭ ބޮޑު އެޑްވާންޓޭޖާ އެކުވެސް އެސްޓީ އޯއިން އާންމުންނަށް ތަކެތި ވިއްކާ ޓްރޭޑް ސެންޓަރާ، ކޮންސްޓްރަކްޝަން މެޓީރިއަލް، ތެޔޮ، ގޭސް ކަހަލަ ތަންތާ އަގު ހުންނަނީ އާންމު ވިޔަފާރިކާ އެއް ހަމައެއްގަ ނޫނީ މަތީގަ. އެކަމަކު ވިޔަފާރީގެ ފައިދާއަށް ލިބިފަ ތިއޮތީ 4.2 ޕަސެންޓް. މިސްމެނޭޖު ކުރުމާ ބޭކާރު އެތައް ހަރަދެއް ކުރާކަމިގެ ސާފު ހެކި ފެނޭ އެބަ.
ރަދީފްއޮފިޝަލް
01 May 2025
ޓާންއޯވާރ އިތުރުވާއިރު ރައްޔަތުން ތިބެނީ ހަނާވެފަ.ޖީބު ހުސްވެފަ.