02 މެއި 2025 - 06:55
ފްލޮރިޑާ (މެއި 2) ލިއޮނެލް މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީ، ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލްގައި ކެނެޑާގެ ވެންކޫވާ އަތުން 5-1 ގެ އެގްރިގޭޓަކުން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
ފުރަތަމަ ލެގުގައި 2-0 އިން ބަލިވި އިންޓަ މަޔާމީ، އަމިއްލަ ދަނޑުގައި އިއްޔެ ކުޅުނު ދެވަނަ ލެގުން ބަލިވީ 3-1 އިންނެވެ.
ލީގު މެޗުގައި މި ހަފްތާ ރެސްޓު ކުރުމަށް ފަހު، މެސީ އާއި ލުއިސް ސުއަރޭޒް އަދި ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ވެސް ފުލްކޮށް ކުޅުނު މި މެޗުގެ ނުވަ ވަނަ މިނިޓުގައި އެ ޓީމުން ވަނީ ލީޑު ވެސް ނަގައިފަ އެވެ. ޖޯޑީ އަލްބާގެ ގޯލުން ލީޑު ކުރަނިކޮށް ވެންކޫވާގެ ތިން ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ.
އެމްއެލްއެސްގެ އީސްޓާން ކޮންފަރެންސްގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މަޔާމީ، ލީގުގެ ފަސް ވަނައިގައި މިވަގުތު އޮތް އިރު، ކުރިއަށް އޮތް ވޯލްޑް ކަޕްގެ ކުރިން ދެން އެ ޓީމަށް އޮންނާނީ ލީގުގެ މެޗުތަކެކެވެ. ކްލަބް ވޯލްޑް ކަޕަށް ފަހު ލީގްސް ކަޕް ވެސް އޮންނާނެ އެވެ.
އިންޓަ މަޔާމީ އަށް މި އަހަރުގެ ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދީފައި ވަނީ ހޯސްޓް ކުރާ ގައުމުގެ ކްލަބްގެ ގޮތުގަ އެވެ. އެ ކްލަބަށް އެ ފުރުސަތު ދީފައި ވަނީ މިދިޔަ އަހަރުގެ އެމްއެލްއެސްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސަޕޯޓާސް ޝީލްޑް އުފުލާލައިފައި ވާތީ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ ދެ ކުޅުންތެރިން ކަމަށްވާ މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މިހާރު ވަނީ ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށްލައިފަ އެވެ. މެސީ އެމެރިކާގައި ކުޅެމުން އަންނަ އިރު ރޮނާލްޑޯ ކުޅެނީ އޭޝިއާގެ ވަރުގަދަ ސައުދީ އަރަބިއްޔާގެ ލީގުގަ އެވެ.
ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރު ވެސް ވަނީ އޭޝިއާގެ އެންމެ މަތީ ކްލަބް މުބާރާތް ކަމަށް އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގައި މި އަހަރު ސެމީ ފައިނަލުން ކަޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy