ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ޝަހީދުކޮށްލި ކުއްޖެއްގެ، ލޭ އުނގުޅިފައިވާ ބޫޓުގައި ބޮސްދެމުން މީހަކު ރޮނީ: އިއްޔެ އާއި މިއަދު ވެސް ޣައްޒާގައި އިޒްރޭލުން ވަނީ އެތައް ބަޔަކު ޝަހީދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
03 މެއި 2025 - 13:28
އިޒްރޭލުން ފަލަސްތީނުގެ ޚާން ޔޫނިސްގެ ރެފިއުޖީ ކޭމްޕަކަށް ރޭ ދިން ހަމަލާތަކުގައި 11 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ތުއްތު ތިން ކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ އިޒްރޭލުން ހަމަލާދިނީ ޣައްޒާގެ ދެކުނުން ޚާން ޔުނިސް ކޭމްޕްގައި ހުންނަ އަލްބައިރާމް އާއިލާގެ ގެއަށް، މެންދަމުން އަލިވެ 3:00 ހާއިރު ކަމަށެވެ.
ބަސަލް އޭއެފްޕީއަށް ވިދާޅުވީ ޝަހީދުވި މީހުންގެ ތެރެއިން އަށް މީހަކު ދެނެގަނެވިފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އޭގެ ތެރޭގައި ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކާއި އެއް އަހަރުގެ ދެ ކުދިންނާއި އެއް މަހުގެ ތުއްތު ކުއްޖެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އިޒްރޭލު އަސްކަރިއްޔާގެ ބަހެއް ނުލިބު ކަމަށް އޭއެފްޕީން ބުންޏެވެ.
ޣައްޒާއަށް ހަމަލާދޭތާ 15 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ހަމަލާތައް ހުއްޓާލުމަށް ފަހު އިޒްރޭލުން މާޗް 18 ވަނަ ދުވަހުން ފެށިގެން އަލުން ވަނީ ޣައްޒާގައި ހަމަލާތައް ވަރުގަދަކޮށްފަ އެވެ.
ސިވިލް ޑިފެންސް އެޖެންސީން އިއްޔެ ބުނި ގޮތުގައި އިއްޔެ ވެސް ޣައްޒާގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި 42 މީހަކު ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން ހަމަލާތައް ކުރިއަށް ގެންދާއިރު ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން ވެސް އިޒްރޭލުން ވަނީ ހުއްޓުވައިފަ އެވެ. އެކަމުގެ ސަބަބުން ޣައްޒާގެ އާންމުން ބަނޑަށް ޖެހި ބޭސްފަރުވާ އަށް ހުރަސްްއެޅި އެންމެ އަސާސީ ކަންކަން ވެސް ވަނީ ހުއްޓިފަ އެވެ. އެހީއަށް ހުރަސް ނޭޅުމަށް އދ. އާއި އެކި ގައުމުތަކުން ތަކުރާރުކޮށް ގޮވާލަމުން ދިޔަޔަސް އިޒްރޭލުން އެކަމަށް އިޖާބައެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy