ސްރީ ލަންކާގައި ސިފައިންނާއި ފުލުހުން ހަތިޔާރާ އެކު މަގުމަތީގައި: އެ ގައުމުގައި ވަނީ ބަޑި ޖެހުމުގެ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައި. -- ފައިލް ފޮޓޯ: އޭއެފްޕީ
04 މެއި 2025 - 08:45
ސްރީ ލަންކާގައި ބަޑި ޖެހުމުގެ ހާދިސާތައް ގިނަވެފައި ވާއިރު ރޭ ވެސް ރެސްޓޯރަންޓެއްގެ ތެރޭގައިި ބަޑިޖައި މީހަކު މަރާލައިފި އެވެ.
ވެރިރަށް ކޮލަމްބޯއާ 100 ކިލޯމީޓަރު ދުރުގައި އޮންނަ މީޓިޔާގޯޑާގައި ރޭ ބަޑިން ހަމަލާދީ މަރާލީ 46 އަހަރުގެ ފިރިހެނަކު ކަމަށާއި އެ ހާދިސާގައި 52 އަހަރުގެ މީހަކަށް ސީރިއަސް ޒަހަމްތަކެއް ވެގެން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިނީ ސައިކަލެއްގައި އެތަނަށް ދިޔަ ހަތިޔާރު އެޅި ދެ މީހަކު، ޓީ56 އެސޯލްޓް ރައިފަލެއް ބޭނުންކޮށްގެން ކަމަށެވެ. ފުލުހުން ބުނީ ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި ވާއިރު ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ސްރީ ލަންކާގައި މި އަހަރުގެ މިހާތަނަށް ބަޑި ޖެހުމުގެ ވިއްސަކަށް ހާދިސާއެއް ހިންގާފައި ވާއިރު އެތައް ބަޔަކު އެ ހަމަލާތަކުގައި މަރުވެފައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ވަނީ ފާހަގަކުރެވިފަ އެވެ.
ލަންކާގެ ނުރައްކާތެރި ގޭންގު ލީޑަރަކު ކޯޓަށް ހާޒިރުކޮށްފައި ހުއްޓާ، ވަކީލެއް ގޮތަށް ހެދުން އަޅައިގެން ވަދެ ބަޑިޖަހައި މަރާލި ހާދިސާއަށް ފަހު ލަންކާގެ ހާލަތާ މެދު ވަނީ ކަންބޮޑުވުން އިތުރުވެފަ އެވެ.
ސްރީ ލަންކާ ސަރުކާރުން ތުހުމަތުކޮށްފައިވާ ގޮތުގައި މީހުން މެރުމުގެ ހާދިސާތަކަކީ 2019 ވަނަ އަހަރު އީސްޓާ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކުގެ ތަހުގީގު ރިވިއުކުރުމާއި، ކުރީގެ ހައި ޕްރޮފައިލް މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅުމުގެ ގޮތުން ބަޔަކު ކުރާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
04 May 2025
ގޭންގު ކުށްތަކާއި މަސްތުވާތަކެއްތި ރާއްޖޭގަވެސް އެހާ ޢާއްމުވީ އަންއެމްޕްލޯއިމެންޓް އިޝޫސް ބޮޑުވި ފަހުންނެވެ!