ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. --ފޮޓޯ: ބީއެމްއެލް
11 މެއި 2025 - 12:42
ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ސްކޮލާޝިޕް ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މި ސްކޮލާޝިޕަކީ ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަން ޝައުގުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން މި ދާއިރާއިރާއިން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބީއެމްއެލްއިން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
މި ސްކޮލާޝިޕަކީ މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް، ގާބިލުކަން އިތުރުކުރުމަށް ބީއެމްއެލްއިން ކުރާ މަސައްކަތްތަކުގެ ތެރެއިން ބޭންކުން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތެވެ.
މި ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރިންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އިތުރުން ދަތުރުފަތުރުގެ ހަރަދު ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި ސްކޮލާޝިޕަށް، އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް ކުރިމަތިލެވޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ.
"ޒުވާން ދިވެހިންނަށް ދުނިޔޭގެ ފެންވަރު ރަނގަޅު މަތީ ތައުލީމު ހޯދުމަށް އެހީތެރިވެދިނުމުން އަޅުގަނޑުމެން މި އިންވެސްޓްކުރަނީ ދިވެހިރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްއިން 2022 ވަނަ އަހަރު ތައާރަފްކުރި މި ސްކޮލާޝިޕް ފަންޑުގެ ދަށުން މިހާތަނަށް ނުވަ ދަރިވަރަކަށް ސްކޮލާޝިޕް ފޯރުކޮށްދީފައިވެ އެވެ. މި ދަރިވަރުން އިނގިރޭސިވިލާތު އަދި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގަ އެވެ.
މި އަހަރުގެ ސްކޮލާޝިޕް ފަންޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 10 ޖޫން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy