ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް މާޗް މަހުގެ 23 ވަނަ ދުވަހު އިޒްރޭލުން ދިން ހަމަލާގައި އެތަނުގެ އިމަޖެންސީ ޑިޕާޓްމަންޓުގައި ރޯވެފައި. -- ފޮޓޯ: އޭއެފްޕީ
13 މެއި 2025 - 09:49
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި ހުންނަ އައް ނާސިރު ހޮސްޕިޓަލަށް އަނެއްކާވެސް ހަމަލާދީފި އެވެ.
އެމެރިކާގެ ރައްޔިތުކަން އޮންނަ އިޒްރޭލު ސިފައިންގެ މީހަކު ހަމާސްގެ ބަންދުން ދޫކޮށްލުމާ ދިމާކޮށް ހަމަލާތަކަށް ކުޑަ މަޑުޖެހުމެއް ގެނައުމަށް ފަހު އިޒްރޭލުން ބުނީ ޚާން ޔޫނިސްގައި ހުންނަ ހޮސްޕިޓަލަށް ހަމަލާ ދިނީ އެތަނަކީ ހަމާސް އިން ހަމަލާތައް ރާވައި ހިންގައި "ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް" ކަމަށް ވާތީ ކަމަށެވެ.
މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އިޒްރޭލުން މީގެ ކުރިން ވެސް ޣައްޒާގެ އެކި ހޮސްޕިޓަލްތަކަށް ހަމަލާދީފައި ވާއިރު ކޮންމެ ފަހަރަކު ވެސް ބުނެފައިވަނީ ހަމަލާ ދެނީ "ޓެރަރިސްޓުންނަށް" ކަމަށެވެ. އަދި ނާސިރު ހޮސްޕިޓަލަކީ ޣައްޒާގައި ހިދުމަތް ކިރިޔާ ވެސް ދެވޭ ހާލަތެއްގައި ހުރި މަދު ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ތަން ކަމަށް ވާއިރު ކުރިން ވެސް މިތަނަށް ވަނީ ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފަ އެވެ.
އިޒްރޭލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް މި ހަފްތާގައި ވަގުތީ ގޮތުން ހުއްޓާލީ އެމެރިކާ އާއި އިޒްރޭލުގެ ރަށްވެހިކަން އޮންނަ އުމުރުން 21 އަހަރުގެ އެޑަން އެލެގްޒެންޑާ މިނިވަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. މިއީ ހަމާސް އިން ރަހީނުކުރި މީހުންގެ ތެރެއިން މިހާރު ދުނިޔޭގެ ހުރި އެމެރިކާގެ ރަށްވެހިކަން އޮންނަ އެންމެ ފަހު މީހާ ކަމަށް ވަނީ ބެލެވިފަ އެވެ.
އިޒްރޭލުން ޣައްޒާގައި އޮކްޓޯބަރު 7، 2023 ގައި ހަމަލާތައް ފަށައި 15 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލި އެވެ. ހަމާސް ޖަމާއަތާ އެކު ވީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލުމަށް ފަހު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފަށައި އެ މުއްދަތުގައި ވެސް ވަނީ 2،749 މީހަކު ޝަހީދުކޮށްލައިފަ އެވެ.
އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާގައި ވަނީ 52،862 މީހަކު ޝަހީދުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy