ދުނިޔެ / ގާޒާ

ނަކްބާ ދުވަހާ ދިމާކޮށް ޣައްޒާގައި 143 މީހަކު ޝަހީދުކޮށްލި

ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ޝަހީދުކޮށްލި ބައެއްގެ މައްޗަށް ކަށުނަމާދު ކުރަނީ: ފަލަސްތީނު ރައްޔިތުން ވަޒަނުން ނެރެލިތާ 77 އަހަރު ފުރުނު ދުވަހާ ދިމާކޮށް އިއްޔެ އިޒްރޭލުން އަނިޔާވެރިކަން ވަނީ އިތުރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

16 މެއި 2025 - 07:05

ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފައްދައި އެ ބިމުން ފަލަސްތީނުގެ ރައްޔިތުން އަނިޔާވެރިކަމާ އެކު ބޭރުކުރުމަށް ހިންގި ގަތުލުއާންމާއި ލާއިންސާނީ އެކި އަމަލުތަކުގެ ހަނދާން އާކުރުމުގެ ދުވަސް ކަމަށްވާ "ނަކްބާ" އާ ދިމާކޮށް ފަލަސްތީނުގެ ޣައްޒާގައި އިއްޔެ 143 މީހަކު އިޒްރޭލުން ޝަހީދުކޮށްލައިފި އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހަކީ އިޒްރޭލުގެ ނަމުގައި ޔަހޫދީންގެ ދައުލަތެއް 1948 ވަނަ އަހަރު އުފެއްދުމާ އެކު ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވި ހިތާމަތަކާއި ވޭންތަކުގެ ހަނދާން ފަލަސްތީނުގެ ރައްޔިތުން އާކުރާ ދުވަހެވެ. މިދިޔަ އަހަރުން ފެށިގެން އދ. އިން ވެސް އަންނަނީ މި ދުވަސް ފާހަގަކުރަމުންނެވެ.

ނަކްބާ އަށް 77 އަހަރު ފުރުމާ ދިމާކޮށް ޣައްޒާގެ އެކި ހިސާބުތަކުގައި އެތައް ހަމަލާއެއް ދީފައި ވާއިރު ޝަހީދުވިކަން ކަށަވަރުވާ އަދަދު 143 އަށް އަރާފައިވާ ކަމަށް ސިއްހީ ހިދުމަތްދޭ އަދި މީހުންނަށް އެހީވުމުގެ މަސައްކަތްކުރާ އެކި އިދާރާތަކާ ހަވާލާދީ އަލް ޖަޒީރާއިން ބުންޏެވެ.

އިޒްރޭލުން އިއްޔެ ޝަހީދުކޮށްލި ބައެއްގެ ހަށިތަކުގެ ކައިރީ އިނދެ މީހަކު ރޮނީ: އިއްޔެ ވަނީ ޣައްޒާގެ އެކި ހިސާބުތަކަށް ގިނަ ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނި ގޮތުގައި ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ހިންގާ މެޑިކަލް ކްލިނިކެއްގައި މީހުން ތިއްބާ އެތަނަށް ވެސް އިޒްރޭލުން ވަނީ ހަމަލާ ދީފަ އެވެ. އެ ކްލިނިކް ހުންނަނީ އިމާރާތެއްގެ ފުރަތަމަ ބުރީގައި ކަމަށާއި ހަމަލާގައި މުޅި ތަން ހަލާކުވެފައި ވާއިރު އެތަނުން 13 މީހަކު ޝަހީދުވި ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިޒްރޭލުން ހަމަލާތައް ވަރުގަދަކޮށްފައި މި ވަނީ "ހަމާސް ބަލިކުރުމުގެ އޮޕަރޭޝަން" ނިންމަން ހުރިހާ ބާރަކާ އެކު ޣައްޒާއަށް އަރަން ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނިކޮށެވެ. ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމުގެ މަޝްވަރާ ވެސް އަލުން ކުރިއަށް ދާއިރު ނަތަންޔާހޫ ބުނީ މަޝްވަރާ އާއި ހަމަލާތައް ކުރިއަށްދާނީ އެކުގައި ކަމަށާއި ދެން ހަމަލާތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

އިއްޔެ ޝަހީދުކޮށްލި މީހުންނާ އެކު މިހާރު ވަނީ އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 53،000 އިން މައްޗަށް އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 119،919 އަށް އަރާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454