ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް.
18 މެއި 2025 - 11:37
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މަގާމުން ވަކިވުމާ ހަމައަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ޑިވެލޮޕްމަންޓު ބޭންކުން ނެރުނު ބަޔާނެއްގައި އެހެން ބުނީ، މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
ޑިވެލޮޕްމަންޓް ބޭންކުން ބުނީ ކުރީގެ ސީއީއޯ މަގާމުން ވަކިވުމާ ހަމައަށް އޭނާ އަށް ހައްގު މުސާރަ ފުރިހަމައަށް ދީފައިވާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ސީއީއޯ މަގާމުން އިސްތިއުފާ ހުށަހެޅުއްވީ ބޭންކުން މުސާރަ އަދާނުކޮށްގެން ކަމަށް ނުދެކޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ބޭންކުން ބުނީ، މި އަހަރުގެ މާޗު 20 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސީއީއޯ ހުށަހެޅުއްވި އިސްތިއުފާ، އެ ބޯޑުން ވަނީ އެ ތާރީހުން ފެށިގެން ބަލައިގަނެ، އެކަން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށާއި ސީއީއޯއަށް ވެސް އެ މަހުގެ 23 ގައި އަންގާފައި ކަމަށެވެ.
ބޭންކުން ބުނި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން ސީއީއޯ ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފަ އެވެ. އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އެ ބޭންކްގެ ވަޒީފާގައި އެއްވެސް ދައުރެއް އޭނާ އަދާ ނުކުރައްވާ ކަމަށް ޑިވެލޮޕްމަންޓު ބޭންކުން ބުންޏެވެ.
އިސްތިއުފާގެ ނޯޓިސްގެ މުއްދަތުގެ މުސާރައާ ބެހޭ ގޮތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލާގައި އެ ބޭންކުން ބުނީ މައްސަލާގައި ކުރިއަށް ދާނީ އެ ބޭންކުގެ ގާނޫނީ ވަކީލުންގެ ޓީމަކުން ކަމަށެވެ. އަދި އާ ސީއީއޯއަކާއި މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓްގައިވާ ގޮތުން ނޮއެލް މައްސަލަ ހުށަހެޅުއްވީ މިދިޔަ އޭޕްރީލް 7 ގަ އެވެ. ޓްރައިބިއުނަލްގެ ވެބްސައިޓުން އެނގޭ ގޮތުގައި ނޮއެލް މައްސަލަ ހުށަހެޅުއްވީ މުސާރަ އާއި އިނާޔަތްތައް ނުލިބިގެންނެވެ. ނަމަވެސް، އޭގެ ތަފްސީލް އެނގޭކަށް ނެތެވެ.
އެކަމަކު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ނޮއެލް ހުށަހެޅުއްވި މައްސަލަ މި މަހުގެ ހަތްވަނަ ދުވަހު ބާތިލްކޮށްފަ އެވެ. މައްސަލަ ބާތިލްކުރި ސަބަބެއް ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ދިވެހި ބަސް ނޭނގޭ ބިދޭސީއަކަށް ވާތީ ތަރުޖަމާނަކު ހޯދަން ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރާ
20 May 2025
ކޮންމެ ކަމެއްގައި ބޭރު މީހުން ރަނގަޅުވެފައި، ދިވެހި މީހުން، ދިވެހިންނަށް ގޯސްވަނީ ކީއްވެތަ؟ މިއީ އަޅެފަހެ، ދިވެހިންގެ ރާއްޖެއެއް ނޫންތަ؟ ބަޔާނެއްވެސް ނެރޭނީ މައްސަލަ ވަރަށް ރަނގަޅަށް ބަލާފައި، މި ޔޫރަޕް މީހުން އުޅޭނީ އަބަދުވެސް ޙައްޤު ނޫން އެއްޗެހި ހޯދަން.
އޭލިއަން
20 May 2025
އެއްކޮޅުގަ ދިވެހިން އަނެއްކޮޅުގަ އޭލިއަނުން ހުއްޓަސް ބޮޑަށް ބެލެވެނީ ތެދުހަދާނީ އޭލިއަނުން ކަމުގަ
އެކްސްް
19 May 2025
މިވެސް ބޭންކެއް؟
އެގްރީމެންޓު
19 May 2025
ވަޒީފާގެ އެގްރީމެންޓްގަ އޮތީކީކޭތަ. އެ އަދި އިތުރައް ދިރާސާކޮއްލާ ވަކީލުންނާވެސް ހިއްސާކޮއްލާ އޭރުން ވެގެން އުޅޭގޮތެއް ސާފުވެދާނެ. ތިބުނާ ތަންތާގެވެރިންނައް، ހިންގަން ތިބިމީހުންނައް މިހާރުގިނައިން ފެންނަނީ ދެއުޅިއެއްނުވާ ތަޖުރިބާއެއްނެތް މީހުން އެހެންވެ ކަމެއްނިމޭއިރު ނުބެދި ހުންނަ ބާގަނޑުތައް ގިނައީ ކުރަންޖެހޭ ބޭކާރު ހަރަދުތައްވެސް އިތުރުވަނީ.
މީ ވަރަށް ދެރަކަމެއް!
19 May 2025
އެގްރިމެންޓްތަކުގަ ދިވެހިން ޔަހޫދީންނަށް ވުރެ ދަށުދަރަޖައަށް ދަނީ ދެއްތޮ؟
ސުމާރު
18 May 2025
ދޭންޖެހުނު އެއްޗެއްވިއްޔާ ދީފައި މިނޫހަށް މައުލޫމާތެއް ދިނުމަކީވެސް ދެން ގޯސް ގޮތެއްނޫން. ވާނުވާ ހަދާ ނަހަދާ މިހާރު ހުރިހާ ސިކުނޑިޔަކުންވެސް ދަނޭ. މާކުރިން ޖަހާފަހުރި ތިކަހަލަ މަޅިތައް ޖެހުން ވަނީ ބާކަމަކަށް ވެފައި.
އަބޒރ
18 May 2025
ލޭބަރ ރިލޭޝަން ކޮބައިތޯ.އިހުސާނަށް ޖެހޭނެ އޭނައަށް ހައްްުްގު ހޯދަދޭން
ބަރީސް
18 May 2025
ނޯޓިސް ދުވަސްތަކައްވެސް މުސާރަ ދޭންޖެހޭކަން ސަރުކާރަށް ނޭގޭނަމަ ދެރަ ނޫން ތޯ!
ދޮގު ދޮލަނގު
18 May 2025
ކަލޭމެން ނުހަދާނެ ތެދެއް!!
ޖިމީ ކާޓަރ
18 May 2025
ޙައްލަކީ ދޭތެރެދުރުކުރުން.. އެންމެ މަދުން ވާލާއި ކާޅު އުޅޭ ރަށަކަށް އައްޑަނަދިނުން..