ޖަޕާނުގެ ފާމް މިނިސްޓަރު ފާމް މިނިސްޓަރު ޓާކޫ އީޓޯ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
21 މެއި 2025 - 06:03
ކާބޯތަކެތީގެ އަގު ޖަޕާނުގައި އުފުލޭ މައްސަލަ ބޮޑުވެފައި ވަނިކޮށް އެކަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކައެއްގައި، ހަނޑޫ ހިލޭ ލިބޭ ކަމަށާއި އެހެންވެ ދުވަހަކު ވެސް ހަނޑޫ ގަންނަން ނުޖެހޭ ކަމަށް އެ ގައުމުގެ ފާމް މިނިސްޓަރު ޓާކޫ އީޓޯ އިސްތިއުފާ ދެއްވައިފި އެވެ.
"ބޮޑުވަޒީރު ޝިގޭރޫ އިޝީބާ އަށް ދާދި ދެންމެ އިސްތިއުފާ ހުށަހަޅައިފިން،" ބޮޑުވަޒީރުގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އީޓޯ ވިދާޅުވި އެވެ.
ޖަޕާނުގައި ކާނާގެ ބާވަތްތަކުގެ ސަޕްލައި ތާށިވުން ފަދަ އެތައް ކަމަކާ ހެދި އަގުތައް އުފުލެމުންދާތީ ސަރުކާރުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އިމަޖެންސީ ސްޓޮކްގައި ހުރި ކާޑުގެ ބައެއް ބާވަތްތައް ވެސް ބާޒާރަށް ނެރެފަ އެވެ. އަދި އިސްތިއުފާ ދެއްވި އީޓޯ ވެސް ވަނީ އަގުތައް އުފުލުމުން އާންމުންނަށް ދިމާވާ ދަތިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ނަމަވެސް މިދިޔަ ހަފްތާ ބަންދުގައި ބޭއްވި އެއްވުމެއްގައި އީޓޯ ވަނީ އޭނާއަށް "ސަޕޯޓަރުން ހަނޑޫ ހަދިޔާކުރާތީ ދުވަހަކު ވެސް ހަނޑޫ ގަންނަން ނުޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭނުންކޮށްފައި ވިއްކާ ވަރަށް ވެސް އޭނާއަށް ހަނޑޫ ލިބޭ ކަމަށް ވިދާޅުވި އެވެ.
ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ހަނޑުލަށް ހާއްސަ ލޯތްބެއް އޮންނަ ޖަޕާނުގައި އޭގެ އަގު އަހަރެއްހާ ދުވަސް ތެރޭ ދެ ގުނަ އުފުލިފައި ވަނިކޮށް މި ވާހަކަ ވީ ގިނަ ބަޔަކަށް ފުރައްސާރައަކަށެވެ.
ޖަޕާނަށް ހަނޑުލުގެ ދަތިކަން ދިމާވި ސަބަބުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ސަބަބުން ދަނޑުތައް ހަލާކުވުމާއި މިދިޔަ އަހަރު ނެރުނު ވަރުގަދަ ބިންހެލުމެއްގެ އިންޒާރާ އެކު ގިނަ ބަޔަކު ގިނަ އަދަދަކަށް ހަނޑޫ ގަނެ ރައްކާކުރުން ހިމެނެ އެވެ.
އީޓޯ ވަނީ އޭނާގެ ވާހަކަ އަނބުރާ ގެންދަން މަސައްކަތް ވެސް ކުރައްވައިފަ އެވެ. ފަހުން އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަ ދެއްކެވެމުން އަނބިކަނބަލުންގެ ރުޅިވެރިކަމާ ކުރިމަތިވި ކަމަށް ވެސް ވިދާޅުވި އެވެ.
"މީހުން ހަދިޔާއަށް ދީފައި ހުންނަ ހަނޑޫ ހުސްވީމާ އަނބިމީހާ ހަނޑޫ ގަންނަން ދާ ކަމަށް ބުނި،" ވާހަކައިގެ މާނަ އަކީ މުޅި އާއިލާ ދިރިއުޅެނީ މީހުން ދީފައި ހުންނަ ހަދިޔާ ބޭނުންކޮށްގެން ނޫން ކަމަށް ފާހަގަކުރައްވައި ވިދާޅުވި އެވެ.
އީޓޯ ވިދާޅުވީ އޭނާއަށް ވާހަކަ ދެއްކުނީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި ކަން އޮތް ގޮތަށް ވެސް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބުޅިސްތާން
22 May 2025
ވިޔަފާރިވެރިޔަކު ދަތުރެއް "ހަމަޖައްސާ ދިނީމާ" އެކަން ފާހަގަކުރެވުނީ ފަހުރުވެރިކަމާއެކީ... ދެރަ ކަންކަން މި ހުންނަނީ... އެބަހުރި އިސްލާހު ކުރަންޖެހޭ ގިނަ ކަންކަން. ދަސްކުރަންޖެހޭ އެބަ ތިމާ މީހާ ގޭގައި އޮއްވާ ބޮޑު އަގު ދީފާ ބަޔަކު ތަންތަނަށް ނުގެންދާނޭކަން، ހެޔޮ ހިތުން ހަރަދު ކޮށްލާ ދޭހިތަކުން. ރަސޫލާގެ ސުންނަތުގައި ހިފައިގެން ސަލާމަތެއް އޮތީ.
ސުމޭކު ރާއްޖެ
21 May 2025
މިޒާތު ކަންކަން ރަނގަޅުވާނީ އަޚްލާޤު ރަނގަޅު ކުރެވިގެން. ޑިޖިޓަލް ކުރިޔަސް ނަގުދު ފައިސާގެ ގޮތުގައި ބަހާ "އެއްޗިހި" ހަމަ އެގޮތުގައި ދާނެތާ
މާބަރާބެ
21 May 2025
ޖަޕާނާއި ސިންގަޕޯރ ފަދަ ގައުމަކުން މިފަދަ ކަމެއް ފެނިދާނެ ކަމަކަށް ކުރިޔަކުން ހިއެއް ނުކުރަން. އެކަމަކު މިހާރު އެތަންތަންވެސް ރާއްޖެއާ އެއްފަދަ. ރިޝްވަތުގަ ނުޖެހި އުޅެން ދަސްކޮށްބަލަ.
ޑަންލޮޕު
21 May 2025
މިޔަށް ކިޔަނީ އިޚުލާސްތެރިކަން. އެ ލިބެނީ ކަރަޕްޝަނުގެ އެއްޗިހިކަން. މުސްލިމު ޤައުމުތަކަށްވުރެ ކާފަރު ބައެއް ޤައުމުތަކުގައި އަޚްލާޤު ރަނގަޅުކަމަށް ފެނޭ.
22222
22 May 2025
އެއްވެސް ހާލެއްގައި ނޯންނާނެ ނަސްރުލިބޭނީ އިސްލާމުންނަށޭ. ނަސްރު ލިބޭނީ ހައްގައް! މުސްލިމެއްކަމަކު ނަސްރު ލިބޭނީ ހައްގު ގޮތުގައި ތިބެގެން. މިހާރު މިއުޅޭ މީޙުންގެ ވާހަކަ ދއްކަކަށް ނެތިން
ސަސި
21 May 2025
އަދި ޖަޕާނުގެ ވެރިންނަށް ސިޔާސީ ކަންކަން ނޭންގެނީ، ހަނޑުލާބެހޭ ގޮތުން ކުރިން ބުނި އެތި ކެންސަލް ކަމަށް ބުނީމަ ނިމުނީ
ކަރީނާ 2.5
21 May 2025
މި ރާއްޖޭގަ ތިކަހަލަ ކަމެއް ކުރީމަ އަރާނީ ޕާޓީގެ ކުރީ ސަފަށް.