21 މެއި 2025 - 08:56
ރެއާލް މެޑްރިޑުގެ މުހިއްމު މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ ކޮނޑުގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ އަންނަ ސީޒަން ފަށައިގެން ފުރަތަމަ ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބެލެވިއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބެލިންހަމް އޮޕަރޭޝަންކުރާނީ، އަންނަ މަހު އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕަށް ފަހު އެވެ. އެ މުބާރާތް ނިމޭނީ ޖުލައި 15 ގަ އެވެ. އެ އޮޕަރޭޝަނަށް ފަހު ރިކަވާވާން ތިން މަހެއްހާ ދުވަސް ނަގާތީ، މުބާރާތަށް ފަހު އޮޕަރޭޝަންކޮށްގެން، އާ ސީޒަން ފަށާއިރު އަދި ވާނީ މަހެއްހާ ދުވަހެވެ. އެހެންވެ އޮގަސްޓް ކުރީކޮޅު ފަށާ ސްޕެނިޝް ލީގުގެ ފުރަތަމަ ދެ މަހެއްހާ ދުވަހުގެ ކުޅުން އޭނާ އަށް ގެއްލޭނެ ކަމަށް ބެލެވުނީ އެވެ.
ކޮނޑަށް ލިބިފައިވާ އަނިޔާއަކާ އެކު ބެލިންހަމް ކުޅެމުން އަންނަތާ މިހާރު ދޮޅު އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ. އެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބެން އޮތީ އޮޕަރޭޝަނެއްކޮށްގެންނެވެ.
މި ސީޒަން ހޮނިހިރު ދުވަހު ނިމޭއިރު، އެހާތަނުގައި އޭނާ އޮޕަރޭޝަންކޮށްފި ނަމަ އާ ސީޒަނަށް ފިޓްވާނެ އެވެ. އެކަމަކު ކްލަބް ވޯލްޑް ކަޕުގެ މުހިއްމުކަން ރެއާލަށް ބޮޑުވުމުން އޮޕަރޭޝަން ފަސްކުރީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިނގިރޭސި ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔާ ބެލިންހަމް އަކީ މެދުތެރެއިން ކުޅެމުން ރެއާލަށް މުހިއްމު ގޯލްތަކެއް ވެސް ޖަހައިދޭ ކުޅުންތެރިއެކެވެ.
ކްލަބް ވޯލްޑް ކަޕުން ފެށިގެން ރެއާލުގެ ކޯޗުކަމާ ހަވާލުވާ ޒަބީ އޮލޮންސޯ އަންނަނީ އިތުރު މިޑްފީލްޑަރެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެ ޓީމުން މިހާތަނަށް ވަނީ ސްޕެއިނުގެ ޑިފެންޑަރު ޑީން ހުއިސެން އާއި، އިނގިރޭސި ފުލްބެކް އެލެގްސެންޑާ ޓްރެންޓް-އާނޯލްޑްގެ ސޮއި ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy