ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބިލް ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވަނީ.
21 މެއި 2025 - 12:24
ދުންފަތުގެ ޓެކްސް އިން ދައުލަތަށް އާމްދަނީ ހޯދުން އެ މަނިކުފާނަށް މުހިންމު ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ދެންމެ ތަންފީޒު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
ދުންފަތް ކޮންޓްރޯލްކުރާ ބިލާ އެކު، ދައުލަތަށް ލިބޭ އާމްދަނީ މަދުވާނެ ނޫންތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނަށް ރަނގަޅީ ވެސް ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމުގެ އެއްވެސް ކަމެއް ނުހިނގިއްޔާ ކަމަށެވެ.
"މި ދާއިރާ އިން އާމްދަނީ ހޯދާކަށް ނުވިސްނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދުންފަތުގެ ޓެކްސް އަށް ދައުލަތަށް ލިބޭ އެއްޗެއް ނަމަ ހޭދަކުރަން މި ސަރުކާރުން ނިންމާފައި ވަނީ އާންމުންގެ ސިއްހަތަށެވެ.
"ރައްޔިތުންގެ ޕަބްލިކް ހެލްތު ސިޓުއޭޝަން އިމްޕްރޫވް ކުރަން އަޅުގަނޑުމެން ހަރަދު ކުރަން ނިންމާފައި ވަނީ. ހޭލުންތެރިކުރުމާއި އެކި ކަހަލަ ޕްރޮހްރާމްތައް ހިންގުމާއި އަދި ސިއްހީ ދާއިރާ ޖުމުލަ ގޮތެއްގައި ތަރައްގީ ކުރަން [ދުންފަތުގެ ޓެކްސް އިން] ލިބޭ އެއްޗެއް ވިއްޔާ ހަރަދު ކުރާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދުންފަތުގެ ޑިއުޓީން ލިބޭ އާމްދަނީއަކީ އާންމު ސިއްހަތަށްޓަކައި ކުރާ ހޭދައެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގައި ޖަހަން ޖެހޭނެ ކަމަށެވެ.
ޖެނެރޭޝަނަލް ބޭން އެހެން ގައުމުތަކުގައި ކާމިޔާބު ނޫން ކަމަށް ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ގައުމުތަކާއި ރާއްޖޭގެ ހާލަތު ތަފާތު ވާނެ ކަމަށާއި އާބާދީ ވެސް މަދު ކަމަށެވެ.
"އެއް ދީނަކަށް ތަބާވާ އެއް ބަހަކުން ވާހަކަ ދައްކާ އެއްބައެއްވަންތަ މި ނޫން ގައުމެއް ނޯންނާނެ މުޅި ދުނިޔޭގައި ވެސް. ޔުނިކް ސޮލިއުޝަނެއް ރާއްޖެ އިން ހޯދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަދީހާ މުނީރު
21 May 2025
ކަލޯ އިޙްލާސްތެރިކަމެއް ހުރިނަމަ ފިނޭންސްގައި ހުރި ބިލްތައް ނިންމާ...
ގޮއްުޔެ
21 May 2025
އެއްދީނަކަށް ތަބާވެގެން ބޮޑުސިންގާ ފިރިހެނެއް އަންހެން ހެދުން އަޅައި އަންހެން މޭކަޕްކޮށް ފާޅުކަން ބޮޑުގޮތެއްގައި ސޯސަލްމީޑިއާގައި ރަނޑު ވައްތަރުޖައްސާ މި ދީނަށް ފުރައްސާރަކުރާއިރު އެޅުނީ ކޮން ފިޔަވަޅެއްބާ؟ މިސަރުކާރުން ސޮއިކޮށްގެންއުޅޭ ފާޑެއްގެ މުޢާހަދާއެއްގެދަށުން މިޤައުމުގައި މިހާރު ކޮންމެވައްތަރަކަށް އުޅުމުގެ ހުއްދައެބައޮތް. ދެން ކޮން ދީނެކޭކިޔާކަށް؟ ދެން ތިޔަބުނާ ދުންފަތްވެސް އެންމެތަންކޮޅެއްވެސް މަދުވިތަނެއް އަހަރެމެން ނުދެކެން.
ސީރިއަސްލީ ދީނާ ދުންފަތާ
21 May 2025
ގޮއްޔެ ދިރާސާކޮށް ބަލަންވީނުން މަދުތޯ ވީ ގިނަތޯ ވީ. ހަމަހުއްޓަކަސް ނޭންގޭނެ
ދުންބޯ
21 May 2025
އެހެންވިއްޔާ ދުންފަތުން ނަގާ ޓެކްސް އުވާލަންވީ ނޫންތޯ؟
އައިމިނާރާނީ
22 May 2025
ދުންފަތް ބޭނުން ކޮށްގެން ބަލިވެގެންދާ މީހުންނަށް އާސަންދަ ދިނުން ހުއްޓާލަންވީ...
އަޅި އަލީ
21 May 2025
ބާކީ 3 އަހަރާއި 5 މަސް! މަމެންނަްށް ވެރިކަ ް ލިބ ޭއިރަށް ތިޔަ އުވާލާނަން! ފުދިއްޖެ ފުދިއްޖެ!
ކޮންމެހެން ބޯން ޖެހޭތަ
21 May 2025
ފުދިއްޖެއްޔާ ދެން ބުއިން ހުއްޓަންވީނުން. ދުންފަތުން ސަލާމަތްނުވެވުނީމަ އެކަމުން މީހާ ދުރުކުރަން އުޅޭ މީހުން ދުރުކުރަން ތި ވިސްނަނީ. ތީ އެޑިކްޝަންގެ މަތީ ހަރުފަތަށް ދެވުނީ
ރިފްއަތް ޖިހާދު
21 May 2025
މިކަން ހުއްޓުވޭނީ މިހެން މިކަން ކޮށްގެން. ހަގީގަތަކީ މިއީ
ރިފްއަތް ޖިހާދު
21 May 2025
ރަނގަޅު މިކަން ހުއްޓުވޭނީ އޭރަށް. ސަރުކާރުން މިކަން ހުއްޓުވަން ތިކުރާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަން.
އައިޝަތް މާހާ
21 May 2025
ރައީސް މުއިއްޒްއަށް އަހަރެން ކުރިން ސަޕޯޓެއް ނުކުރަން. އެކަމަކު އިހްލާސްތެރިކަން ފެނިފައި މިއަދު ހިތް ޖެހެން ފަށައިފި
މަމްނޫހް ހަމޫދު
21 May 2025
ހެޔޮ ނިޔަތުގައި ކަން ކުރާ ވެރިންނަކީ މިއީ.
މަހްމޫދު ހަލީމް
21 May 2025
މިކަން މިގޮތުގައި ކުރަން ކެރުނު ހަމަ އެކަނި ވެރިޔަކީ މި މުއިއްޒް، މިކަން ވަރަށް ބަލައިގަންނަން.
ސެލްޓާ
21 May 2025
ކޮން އެއްޗެއް ތި ރައީސަށް މުހިންމީ؟