އިޒްރޭލު ސިފައިން ޣައްޒާގައި: ނަތަންޔާހޫ ބުނަނީ ރަހީނުން މިނިވަންކުރާ ނަމަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލެވިދާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
22 މެއި 2025 - 05:48
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތީގޮތުން ހުއްޓާލެވިދާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބުނެފި އެވެ.
"ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމުން ރަހީނުން މިނިވަންކުރާނެ ގޮތެއް އޮތް ނަމަ އިޒްރޭލު މި އޮތީ ތައްޔާރަށް،" ހަމާސް އިން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން ވިއްސަކަށް މީހުން އަދިވެސް ދުނިޔޭގައި އެބަތިބި ކަމަށް ބެލެވޭކަން ފާހަގަކޮށް ނަތަންޔާހޫ ބުންޏެވެ.
އިޒްރޭލުން ޣައްޒާގައި ދޭ ހަމަލާތައް ވަރުގަދަކުރުމުން ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވެފައި ވަނިކޮށް ނަތަންޔާހޫ މިހެން ބުނި ނަމަވެސް އޭނާ ވަނީ ޣައްޒާ އެއްކޮށް އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ކުރިން ދެއްކި ވާހަކަ ތަކުރާރުކޮށްފަ އެވެ.
ކާނާ އާއި ބޭސް ފަދަ އަސާސީ ސާމާނު ޣައްޒާއަށް ވެއްދުން މަނާކޮށްފައި އޮންނަތާ ދެ މަސް ފަހުން މި ހަފްތާގައި ބައެއް ތަކެތި ވެއްދުމުގެ ހުއްދަ ދީފައި ވާއިރު ނަތަންޔާހޫ ބުނީ އެއީ ސިފައިންގެ އޮޕަރޭޝަންތަަކަށް ފަސޭއަކަށް ދިން ފުރުސަތެއް ކަމަށެވެ.
"މިނިވަންކަމާ އެކު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި، އިންސާނީ ކާރިސާއެއްގެ ހާލަތު އަޔަނުދީ ހިފަހައްޓަންޖެހޭ،" އޭނާ ބުންޏެވެ.
ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލެވިދާނެ ކަމަށް ބުނެ ނަތަންޔާހޫ ވާހަކަ ދެއްކީ އިޒްރޭލުން ހިފާފައި އޮންނަ ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި ޔޫރަޕްގެ ޑިޕްލޮމެޓުންގެ ބަޔަކާ ދިމާލަށް އިޒްރޭލު ސިފައިން އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖެހި މައްސަލައެއް ހޫނުވިތާ އިރުކޮޅެއް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫހި
22 May 2025
ނަތަންޔާހޫގެ ބަހެއްނާހާނެ ޝައިޠޯނާވެސް. ބޮޑު މުޖުރިމެއް