24 މެއި 2025 - 08:29
ސްޕެއިނުގެ ލެޖެންޑަރީ ގޯލްކީޕަރު ޕެޕޭ ރެއިނާގެ ކެރިއަރުގައި ކުޅުނު ފަހު މެޗުގައި ރޭ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފި އެވެ.
އިޓަލީގެ ކޯމޯ އަށް ކުޅޭ ރެއިނާ އަށް ރަތްކާޑު ދެއްކީ ލީގުގައި ރޭ އިންޓަ މިލާން އަތުން 2-0 އިން ބަލިވި މެޗުގަ އެވެ.
ރެއިނާއާ އެކު ކުރިން ސްޕެއިން ގައުމީ ޓީމަށް ކުޅުނު ސެސް ފެބްރިގާސް ކޯޗުކޮށްދޭ ކޯމޯ އިން އުމުރުން 42 އަހަރުގެ ކީޕަރަށް ރޭ ފުރަތަމަ އެގާރައިން ފުރުސަތު ދިނީ ވެސް ރިޓަޔާކުރާ މެޗަށް ވުމުންނެވެ. އެކަމަކު އޭނާގެ ފަހު މެޗު ނިމިގެންދިޔައީ ހީކުރި ގޮތަކަށް ނޫނެވެ.
ކޯމޯގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރެއިނާ އަށް ރަތްކާޑު ދެއްކީ ފުރަތަމަ ހާފުގެ ފަހުކޮޅު އިންޓަގެ ފޯވާޑް މަހްދީ ޓެރަމީ އަށް ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ އޭރިއާ ބޭރުން ފައުލުކުރުމުންނެވެ.
ރަތްކާޑާ އެކު ރެއިނާ ދަނޑުން ފޭބި ވަގުތު، ކޯމޯގެ ސަޕޯޓަރުންނާއި، ދަނޑުގައި ތިބި އިންޓަގެ ސަޕޯޓަރުން ވެސް ތެދުވެ އޭނާ އަށް އިހުތިރާމާ އެކު އަލްވަދާއު ކިޔެވެ.
ބާސެލޯނާ އިން ކެރިއަރު ފަށައި، ވިޔަރެއާލާއި، ލިވަޕޫލުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ރެއިނާ ފަހަކަށް އައިސް އެއް ކްލަބެއްގައި މާގިނަ ދުވަހެއް ހޭދައެއް ނުކުރެ އެވެ. އެގޮތުން އޭނާ ވަނީ މި ފަހުން ބަޔާން މިއުނިކް، ނަޕޯލީ، އެސްޓަން ވިލާ، އޭސީ މިލާން، އަދި ލާޒިއޯ އަށް ވެސް ކުޅެފަ އެވެ.
ސްޕެއިނުން 2010 ގެ ވޯލްޑް ކަޕާއި، 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކުރި ޓީމުގައި ހިމެނުނު ރެއިނާ އަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެއީ އޭރު ސްޕެއިނުގައި، ދުނިޔޭގެ ވެސް އެންމެ މޮޅު އެއް ކީޕަރު އިކާ ކަސިޔަސް ހުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy