26 މެއި 2025 - 20:29
ދިރާގުން "ޑޮނޭޓް އޮން ދިރާގު އެޕް" ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގުރާމުން ލިބުނު 230،380ރ. ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ހަދިޔާކޮށްފި އެވެ.
ދިރާގުގައި އޮތް ހާއްސަ ހަފްލާއެއްގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ މި ފައިސާ ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދެވެ. ދިރާގުން ހަދިޔާކުރި ފައިސާގެ ތެރޭގައި އެ ކުންފުނިން ހަދިޔާ ކުރި 150،000ރ. އާއި ކަސްޓަމަރުން ދިރާގު އެޕް މެދުވެރިކޮށް ރޯދަ މަހު ހަދިޔާކުރި ފައިސާ ހިމެނެ އެވެ.
މި ފައިސާ ހަދިޔާ ކުރީ ފިޔަވަތި، އަމާން ވެށި އަދި އަމާންހިޔާއަށެވެ. މިއީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަވިސް ސެންޓާސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ.
ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.
މި ޑޮނޭޝަންގެ އެހީގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީއަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ މުހިއްމު ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ސީއެސްއާރުގެ މުހިންމު ބައެއް ކަމުގައިވާ "އިންކްލޫޝަން"ގެ ދަށުން ކުޑަކުދިންގެ މުސަތަގުބަލަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް އެފަދަ އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަނެޓް ވެސް ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy