29 މެއި 2025 - 07:33
ފަހަތުން އަރައި ސްޕެއިނުގެ ރެއާލް ބެޓިސް 4-1 އިން ބަލިކޮށް އިންގްލެންޑުގެ ޗެލްސީން، ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށް، ޔޫރަޕުގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ޓީމުގެ ޝަރަފް ރޭ ހޯދައިފި އެވެ.
ޗެލްސީން މީގެ ކުރިން ވަނީ ޗެމްޕިއަންސް ލީގު، ޔުރޮޕާ ލީގު، ސުޕަ ކަޕް، އަދި މިހާރު އުވާލާފައިވާ ކަޕްވިނާސް ކަޕް ކާމިޔާބުކޮށްފަ އެވެ.
ޔޫރަޕުގެ ތިން ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ކޮންފަރެންސް ލީގަކީ، ޓޮޑް ބޮއެލީގެ ކޮންސޯޓިއަމް އިން 2022 ވަނަ އަހަރު ޗެލްސީ ގަތް ފަހުން އެ ކްލަބުން ކާމިޔާބުކުރި ފުރަތަމަ ތަށި ވެސް މެ އެވެ. ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމޮވިޗުގެ ކާމިޔާބު ދުވަސްތަކަށް ފަހު ހަވާލުވި ކޮންސޯޓިއަމުން ބޮޑެތި ހަރަދުތަކެއް ކުރި ނަމަވެސް އެކަށީގެންވާ ކާމިޔާބީތަކެއް ހޯދިފައެއް ނުވެ އެވެ.
ނަމަވެސް މި މުބާރާތުގެ ތަށި ލިބުމާއި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބިފައިވާތީ މިއީ ޗެލްސީ އަށް ރަނގަޅު ފެށުމެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.
ޕޮލެންޑުގެ ވޯސޯގައި ކުޅުނު ފައިނަލް މެޗުގެ ނުވަ ވަނަ މިނެޓުގައި އަބްޑެ އެޒަލްޒޫލީގެ ގޯލުން ބެޓިސް އިން ކުރި ހޯދި އެވެ. މި ހާފުގައި މޮޅަށް ކުޅުނީ ވެސް ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު މެނުއަލް ޕެލެގްރިނީގެ އިރުޝާދުގެ ދަށުން ކުޅުނު ބެޓިސް އެވެ.
ޗެލްސީން މަންޒަރު ބަދަލުކޮށްލީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުން އެއްވަރުކުރީ އެންޒޯ ފެނާންޑޭޒްގެ ގޯލުން 60 ވަނަ މިނެޓުގަ އެވެ. އޭގެ ފަސް މިނެޓު ފަހުން ނިކޮލަސް ޖެކްސަން ލީޑު ނަގައިދިނެވެ. ޗެލްސީގެ ތިން ވަނަ ގޯލު 83 ވަނަ މިނެޓުގައި ޖެހީ ޖޭޑަން ސަންޗޯ އެވެ. އަދި ފަހު ގޯލު އިތުރު ވަގުތުގެ ތެރޭ ވައްދާލީ މޮސިސެސް ކައިސޭޑޯ އެވެ.
ފުރަތަމަ ސީޒަނުގައި ޗެލްސީ އަށް ޔޫރަޕުގެ ތަށްޓެއް ހޯދައިދިން އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނީ މިއީ އަލުން ފަށައިގަންނަން ލިބުނު ހިތްވަރެއް ކަމަށެވެ.
"ކްލަބުން ވަނީ މިދިޔަ ތިން ހަތަރު އަހަރު ވަރަށް ގިނަ ފައިސާ އިންވެސްޓްކޮށްފައި. އެހެންވެ ކްލަބުގެ ވެރިން ތިބީ ކާމިޔާބީގެ އިންތިޒާރުގައި. އުއްމީދުކުރަނީ މިއީ ފެށުމަކަށް ވާނެ ކަމަށް،"
މި ކާމިޔާބާ އެކު މަރެސްކާ މިވަނީ ޗެލްސީއާ އެކު ކާމިޔާބު ހޯދާފައިވާ އިޓަލީގެ ލެޖެންޑަރީ ކޯޗުންގެ ލިސްޓަށް އިތުރުވެފަ އެވެ. މީގެ ކުރިން އެ ޓީމާ އެކު ތަށި ހޯދި އިޓަލީ ކޯޗުންނަކީ ޖިއަންލޫކާ ވިއާލީ، ކާލޯ އަންޗެލޮޓީ، އެންޓޯނިއޯ ކޮންޓޭ، މައުރީޒިއޯ ސާރީ އަދި ރޮބާޓޯ ޑި މަޓެއޯ އެވެ.
ރޭގެ މެޗު އެއް ބަޔަކު ސިފަކުރީ މެންޗެސްޓާ ޔުނައިޓެޑުން ބޮޑު އަގުގައި ގެނެސް އެދެވޭ ކުޅުމެއް ނުދެއްކިގެން ލޯނު އުސޫލުން ދޫކޮށްފައިވާ އެންޓޮނީ އާއި، ސަންޗޯގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. ބެޓިސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންޓޮނީގެ މައްޗަށް މި ފަހަރު ކާމިޔާބު ހޯދީ ޗެލްސީގެ ސަންޗޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޗުން
29 May 2025
މިވަގުތު ޔޫރަޕުގަ އެންމެ ފައްކާ ކޯޗުން ތިބީ އިޓަލީގަ.. އެއީ ސެރީއާގެ ރަން ދުވަސް ވަރު ކުޅުނު ކުޅުންތެރިން.. މިއަދު އެ ތިބީ މޮޅެތި ކޯޗުންނަށް ވެފަ.. ދުނިޔޭގެ ރޭންކިންގެ ގަދަ 100 ހިމެނޭ 9 ޤައުމެއްގެ ޤައުމީޓީމުގަ ވެސް އެ މީހުންގެ ކޯޗުން އެބަތިބި..
ހުރިހާ
29 May 2025
ހުރިހާ ތައްޓެއް ނޫން.. މިހާރު ކުޅޭ ހުރިހާ މުބާރާތެއްގެ ތަށި… ޔޫރަޕުގަ ކުޅުނު ކަޕް ވިނަރސް ކަޕާ އިންޓަރ ޓޯޓޯ ކަޕް ފަދަ މުބާރާތްތައް ވެސް ކުރިން.. އެ ތަށިތަކުގަ ނެތް ޗެލްސީއަށް އަތްލެވިފައެއް.. ޔޫރަޕުގެ ހުރިހާ ތައްޓެއްގަ އަތްލުމުގެ ފުރުސަތު އޮތީ އެންމެ ޓީމަކަށް އެއީ އިޓަލީގެ ޔުވެންޓަސް. އެޓީމުން ކޮންފަރެންސް ލީގު ނަގައިފި ނަމަ ވާނެ ހުރިހާ ތައްޓެއްގަ އަތްލި ޓީމަކަށް..
ނޭމާޖޫނިއަރ
29 May 2025
ޔުވެންޓަސް އަކީ ކޮންފަރެސް ލީގު ކުޅޭނެ ވަރު ދަށްޓީމެއްނޫން. ކޮންފަރެސް ލީގަކީ ރާއްޖޭގަނަމަ ކަންމަތީ އާންޓީ ކަޕް ކަހަލަ ކަޕެއް.
ބޯލީ
29 May 2025
ކަޕް ވިނަރސް ކަޕް 2 ފަހަރު އިންޓަރޓޯޓޯ ކަޕް އެއީ މޭޖާ ކަޕެއް ނޫން. ޖޭ ބޮކި ފޭންސް އަމިއްލަ ކުލަބާއިގެން އުޅެބަލަ. ޓައިމް މެސެޖެއް އުފައްދައިގެން ވިޔަސް