ބުކިޓް ޖަލީލް ސްޓޭޑިއަމަށް ވަދެ ހުރި ޔުނައިޓެޑުގެ ސަޕޯޓަރަކު މާޔޫސްވެފައި. -- ފޮޓޯ: އޭއެއެފްޕީ
29 މެއި 2025 - 10:35
އާސިއާން އޯލް ސްޓާ ޓީމު އަތުން މެލޭޝިއާގައި ރޭ 1-0 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑަށް، ދަނޑަށް ވަދެ ތިބި 70 ހާހެއްހާ ސަޕޯޓަރުންގެ ނުރުހުމާއި، ހަޅެކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގުގެ 15 ވަނައިގައި ނިންމާލައި، އަދި ޔުރޮޕާ ލީގުގެ ފައިނަލުން ވެސް ބަލިވި ޔުނައިޓެޑުގެ ސަޕޯޓަރުންނަށް މިއީ ވަރަށް މާޔޫސް ސީޒަނެކެވެ. ޔުނައިޓެޑުން އުއްމީދުކޮށްގެން ތިބީ އެ ޓީމުގެ އެތައް މިލިއަން ސަޕޯޓަރުން ތިބޭ އޭޝިއާ ބައްރުގައި، އިއްޔެ ސަޕޯޓަރުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހޯދައިދެވޭނެ ކަމަށެވެ.
އެކަމަކު ކުއާލަލަމްޕޫރުގެ ބުކިޓް ޖަލީލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެނުނީ އެއްވެސް ރޫހެއް ނެތި ކުޅުނު މަންޒަރެވެ. ދެކުނު އިރުމަތީ އޭޝިއާ ބައްރަށް ނިސްބަތްވާ ކުޅުންތެރިންގެ ޓީމުން މި މެޗުގެ ހަމައެކަނި ގޯލު ޖެހީ 71 ވަނަ މިނެޓުގަ އެވެ. މި ގޯލު ޖެހީ ތައިލެންޑް ލީގުގައި ކުޅޭ މިޔަންމާ ފޯވާޑް މުއަންގް މުއަންގް ލްވިން އެވެ.
މި މެޗުގައި ޔުނައިޓެޑުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ހެރީ މެގުއާ، ރަސްމުސް ހުލެންޑް، ޑިއޯގޯ ޑަލޯ، މެނުއަލް އުގާޓޭ، ކޯބީ މައިނޫ، އަދި އަންދްރޭ އޮނާނާ ފުރަތަމަ އެގާރައިގައި ކުޅުނެވެ.
އެ ހުރިހާ ކުޅުންތެރިންނާ އެކު ވެސް އެދެވޭ ކުޅުމެއް ނުދެއްކުމުން ހިތްހަމަނުޖެހިފައި ތިބި ބައެއް ސަޕޯޓަރުން މެޗު ނިމުމުގެ ކުރިން ވަނީ ދަނޑުން ނުކުމެފަ އެވެ. އަދި ވަރަށް ގިނަ ސަޕޯޓަރުން ވަނީ ހަޅޭކާއި، ނުރުހުން އަމާޒުކޮށްފަ އެވެ. ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނީ ސަޕޯޓަރުންގެ ފަރާތުން ޕްރެޝަރު އައުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ޓީމަށް ބޭނުންވާ ކަމެއް ކަމަށެވެ.
"ވަރަށް ލަސް ކުޅުމެއް ފެނުނީ އަހަރެމެންގެ ފަރާތުން،"
ޕޯސްޓް ސީޒަން ޓުއާގައި ޔުނައިޓެޑް ދެން ކުޅޭނީ ހޮންކޮން ގައުމީ ޓީމާ ދެކޮޅަށެވެ. މާދަމާ ހަވީރު ރާއްޖެ ގަޑިން 5 ޖަހާއިރު ކުޅޭ މި މެޗު އޮންނާނީ ހޮންކޮން ސްޓޭޑިއަމުގަ އެވެ. މި މެޗަށް ފަހު ޔުނައިޓެޑް ކުޅުންތެރިން ދެން ދާނީ އޮފް ސީޒަން ޗުއްޓީ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީދޫ.
29 May 2025
އަހަރުމެންގެ ސުޒޭނު ވެސް ހުރީ ވަރަށް ކަޑަވެފަ. އެކަމަކު އޭނަ ގޮތް ދޫނުކުރާނެ. ކޮންމެވެސް އެއްޗެކޭ ކިޔާނެ. ކީއްކުރާނީ.