04 ޖޫން 2025 - 10:58
ނައިކީގެ ދިގު ޕާޓްނާޝިޕް ނިމުމަކަށް އައިސް، ޕޫމާ ބްރޭންޑުން މުޅިން އަލަށް އުފައްދާ އިނގިރޭސި ޕްރިމިއާ ލީގު 2025/2026 ސީޒަނުގެ މެޗު ބޯޅަ ދައްކާލައިފި އެވެ.
ޕޫމާ އަކީ 1992/993 ގައި ފެށި ޕްރިމިއާ ލީގުގެ ބޯޅަ އުފައްދައިދޭ ތިންވަނަ ބްރޭންޑެވެ. އެންމެ ފުރަތަމަ 2000 ވަނަ އަހަރާ ހަމައަށް ބޯޅަ ފޯރު ކޮށްދިނީ އިނގިރޭސި ވިލާތުގެ މައިޓާ ބްރޭންޑުންނެވެ. އެއަށް ފަހު ނިމިދިޔަ ސީޒަނާ ހަމައަށް 25 އަހަރު ފޯރުކޮށްދިނީ ނައިކީ ބްރޭންޑުންނެވެ.
އާ ސީޒަންގައި ޕްރިމިއާ ލީގު ކުޅޭ ބޯޅައިގެ ނަމަކީ ޕޫމާ އޯބިޓާ އަލްޓިމޭޓް ޕީއެލް އެވެ. މި ބޯޅަ ފަރުމާ ކޮށްފައި ވަނީ ތަރީގެ ބައްޓަމަށް ވާގޮތަށް ހަދާފައިވާ އެއްވަރުގެ 12 ޕެނަލް އިންނެވެ. ހުދު ކުލައިގެ މި ބޯޅައިގައި ޑިޒައިންކޮށްފައިވަނީ ވަނީ ދަނބު ކުލައާއި ފިޔާތޮށި ކުލައިގެ ރޮނގުތަކަކުންނެވެ.
ޕެނަލްތައް ޑިޒައިން ކޮށްފައި ވަނީ ބޯޅައިގެ ބަރުދަން ބަހާލުމަށާއި ބެލެންސް ކަށަވަރު ކޮށްދޭގޮތަށެވެ. އަދި ބޯޅައިގައި ހިމެނޭ ހާއްސަ ހައި ފްރީކުއެންސީ ބޮންޑިން ޓެކްނީކުން އިތުރު ސްޓެބިލިޓީއެއް ގެނުވައިދޭނެ އެވެ. މީގެ އިތުރުން މި ބޮންޑިންގެ ސަބަބުން ބޯޅަ ދަތުރުކުރާއިރު ވެސް އޭގެ ބައްޓަން ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ޕޫމާއިން ހާމަކޮށްފައިވެ އެވެ.
އޮގަސްޓް މަހު ފަށާ 2025/2026 ޕްރިމިއާ ލީގުގެ ކުރިން، އަންނަ މަހު ކުޅޭ ޕްރިމިއާ ލީގު ސަމާ ސިރީޒް ނަމުގައި ކުޅޭ ޕްރީ ސީޒަން މެޗުތަކުގައި ބޭނުން ކުރާނެ އެވެ. އެމެރިކާ ގައި ކުރިއަށް ގެންދާ މި ސީރީޒްގައި މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑާއި ބޯންމަތު ކުޅޭނެ އެވެ.
އިޓާލިއަން ލީގާއި، ސްޕެނިޝް ލީގަށް ވެސް ބޯޅަ ފޯރު ކޮށްދެނީ ޖަރުމަންގެ ޕޫމާ ބްރޭންޑުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1181
04 June 2025
ޕޫމާ އަކީ އިޒްރޭލުގެ ކުންފުންޏެއް.