04 ޖޫން 2025 - 18:55
ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އިންތިޒާމުކޮށްގެން ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މާލެ އާޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ބައިވެރިވެފަ އެވެ.
އެ ހޮސްޕިޓަލުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4އިން 6އަށް އަދި ރޭގަނޑު 8އިން 10އަށް ކުރިއަށް އޮތް މި ހަރަކާތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ދުންފަތާ ދުރުހެލިވުމަށް ބޭނުންވާ ފަރާތްތަކަށް ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ބުންޏެވެ. އަދި އެ ހަރަކާތުގައި ހޮސްޕިޓަލުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ލިބެންހުރި ފަރުވާތަކާއި ހިދުމަތްތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފަ އެވެ. އެ ސްޓޯލުގައި ސިއްހީ ހޭލުންތެރިކަމުގެ މައުލޫމާތުގެ އިތުރުން އެކި ބާވަތުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔަ އެވެ.
އެ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަފްސާނީ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް ޑރ. ޝަޖީ ވަނީ އާންމުންނަށް ދުންފަތާ ދުރުހެލިވުމުގެ މުހިންމު މައުލޫމާތު ހިއްސާކޮށްފަ އެވެ. ޑރ. ޝަޖީ އަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމުގެ ހާއްސަ ފަރުވާ ފޯރުކޮށްދޭ އެޑިކްޝަން ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާ އަދި އިންޑިއާގައި މީގެ ކުރިން މި ފަރުވާ ފޯރުކޮށްދީފަ އެވެ.
ޓްރީ ޓިޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެފަދަ އެކި ހަރަކާތްތަކުގައި ބައިވެރިވެ އާއްމުން ސިއްހީ ހޭލުންތެރިކުރުވުމަށް ބޭނުންވާ އެކި މައުލޫމާތުތައް ހިއްސާކުރެ އެވެ. އަދި އެ ހޮސްޕިޓަލުން މިފަދަ އެކި ހަރަކާތްތަކުގެ ޒަރީއާއިން އާއްމުންނަށް ސިއްހީ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy