07 ޖޫން 2025 - 09:52
ޓޮޓެންހަމް ހޮޓްސްޕާސް އަށް ތަށްޓެއް ނުލިބިދިޔަ 17 އަހަރުގެ ހުސްކަމަށް ނިމުމެއް ގެނެސްދިން ކޯޗު އެންޖް ޕޮސްޓެކޮގްލޫ މަގާމުން ވަކިކުރުމުން އެ ކްލަބަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން ޓޮޓެންހަމްއާ ގުޅުނު އޮސްޓްރޭލިއާ ކޯޗު މަގާމުން ވަކިކުރީ، މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް އެ ޓީމަށް ޔުރޮޕާ ލީގު ކާމިޔާބުކޮށްދިންތާ 16 ދުވަސް ފަހުން އިއްޔެ އެވެ.
އެ ތަށި ހޯދައިދިން ޕޮސްޓެކޮގްލޫ އަށް ޕްރިމިއާ ލީގުގައި އެކަށީގެންވާ ނަތީޖާއެއް ނުހޯދުނެވެ. ލީގު ނިންމާލީ 17 ވަނައިގަ އެވެ. މިއީ 1977 ގައި ޓޮޓެންހަމް ރެލިގޭޓްވި ފަހުން، އެ ޓީމު ލީގުގައި އެންމެ ދަށްކޮށް ދިޔަ ފަހަރެވެ. އެހެންވިޔަސް، ޓޮޓެންހަމަށް ޔޫރަޕުގެ ތަށްޓެއް ހޯދައިދީ، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިދީފައި އޮއްވާ އޭނާ މަގާމުން ވަކިކުރުން ގިނަ ބަޔަކަށް ބަލައިނުގަނެވުނީ އެވެ.
ޓޮޓެންހަމުން ބުނީ ޔުރޮޕާ ލީގު ކާމިޔާބުކުރުމަކީ ކްލަބުގެ އެންމެ ހާއްސަ އެއް ކާމިޔާބަށްވީ ނަމަވެސް، އެ ކާމިޔާބީގެ ޖަޒުބާތުގައި ތިބެގެން ގޮތް ނުނިންމޭނެ ކަމަށާއި، އޭނާ ވަކިކުރަން ނިންމީ ސީޒަނުގައި ޓީމުން ދެއްކި ކުޅުމާއި، ނަތީޖާ އަށް ވަރަށް ބޮޑަށް ބެލުމަށް ފަހު ކަމަށެވެ.
މި ނިންމުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ކުޅުންތެރިންނާއި، ސަޕޯޓަރުން ވެސް ހިމެނެ އެވެ. އޮސްޓްރޭލިއާގެ ނޫސްތަކުން ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"މިއީ ޓޮޓެންހަމުން ވަރަށް ބޮޑަށް ފަހުން ހިތާމަކުރަން ޖެހޭނެ ކަމެއް،" ނޫހަކުން ބުނެފައިވެ އެވެ.
ގްރީކަށް އުފަން އެކަމަކު އޮސްޓްރޭލިއާގައި އުޅެ ބޮޑުވި އަދި އެ ގައުމުގެ ރައްޔިތަކަށްވެފައިވާ ޕޮސްޓެކޮގްލޫ ވަނީ އޮސްޓްރޭލިއާ ގައުމީ ޓީމަށް 2013-2017 އަށް ކޯޗުކޮށްދީފަ އެވެ. އެކަމަކު ގިނަ ބަޔަކަށް އޭނާ އެނގުނީ ސްކޮޓްލެންޑުގެ ސެލްޓިކަށް 2021-2023 ގައި ކޯޗުކޮށްދިން ދުވަސްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy