ޣައްޒާ ހިއުމެނިޓޭރިއަން ޕްރޮގްރާމުން ބަހާ ސާމާނު ހޯދަން އާންމުންގެ އެތައް ހާސް ބަޔަކު ޖަމާވެފައި: އެހީ ހޯދަންދާ މީހުންނަށް ވެސް އިޒްރޭލުން ކޮންމެ ދުވަހަކު ހަމަލާދޭ. -- ފޮޓޯ: އޭއެފްޕީ
08 ޖޫން 2025 - 13:25
ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ވެސް އިޒްރޭލުން، މަދުވެގެން 36 މީހަކު ޝަހީދުކޮށްލި ކަމަށާއި އޭގެ ތެރެއިން ހަ މީހުންނަކީ އެހީ ބަހާ މަރުކަޒެއްގެ ކައިރީގައި ޝަހީދުކޮށްލި މީހުން ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
މި ހަމަލާއަށް ފަހު އިޒްރޭލުން އޭއެފްޕީއަށް ބުނީ ހަމަލާ ދީފައިވަނީ ސިފައިންނަށް ނުރައްކާވާ ގޮތަށް ސިފައިންނާ ދިމާލަށް އައި ބަޔަކަށް ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ވެސް ރަފަހްގެ ދެކުނުގައި ޣައްޒާ ހިއުމެނިޓޭރިއަން ފަންޑް (ޖީއެޗްއެފް) އިން ބަލަހައްޓާ އެހީގެ މަރުކަޒު ކައިރީގަ އެވެ. އެމެރިކާ އާއި އިޒްރޭލުން ހިންގާ މި ޖަމިއްޔާގެ އެހީގެ މަރުކަޒުތައް ކުރީގެ ހަމަލާތަކަށް ފަހު ބަންދު ވެސް ކުރި އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ ގާތްގަނޑަކަށް ހެނދުނު 7:00 ހާއިރު އަލްއަލަމް ރައުންޑްއަބައުޓް ކައިރީގައި އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ހަ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވި ކަމަށެވެ.
ހޮނިހިރު ދުވަހުގެ ފަތިހު އެތަނަށް ދިޔަ ސަމީރު އަބޫ ހަދީދު އޭއެފްޕީއަށް ބުނި ގޮތުގައި އެތައް ހާސް ބަޔަކު ރައުންޑްއަބައުޓް ކައިރިއަށް އޭރު އެއްވެ ތިއްބެވެ.
"އެހީދޭ މަރުކަޒާ ދިމާލަށް ބައެއް މީހުން ދާން މަސައްކަތް ކުރުމާ އެކު، އިޒްރޭލު ސިފައިން އެ މަރުކަޒު ކައިރީގައި ބަހައްޓާފައި ހުރި ހަތިޔާރު އެޅި އުޅަނދުތަކުން ބަޑިޖަހަން ފެށި. ވައިގެ ތެރެއަށް އަދި އޭގެ ފަހުން އާންމުންނާ ދިމާލަށް ބަޑިޖެހި،" އަބޫ ހަދީދު ބުންޏެވެ.
ޖީއެޗްއެފް އިން ބުނީ ހޮނިހިރު ދުވަހު އެހީގެ ސާމާނު ނުބަހާ ކަމަށާއި އެއީ "ހަމާސްގެ ސީދާ އިންޒާރު" ލިބިފައި ވާތީ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ އާންމުން ބަނޑަށް ޖައްސައި މަރަމުން ދާއިރު އެކަމާ ދެކޮޅުހަދައި އެހީއަށް ފުރުސަތު ދޭން ކެމްޕެއިންކުރާ އެކްޓިވިސްޓުންގެ އުޅަނދު ވެސް މިހާރު ވަނީ ޣައްޒާއާ ކައިރިވާން ފަށައިފަ އެވެ. ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރޭޓާ ތަމްބާގް އާއި މަޝްހޫރު އެހެން ބައެއް އެކްޓިވިސްޓުން ވެސް ތިބި އެ އުޅަނދު މިހާރު އޮތީ މިސްރުގެ އައްސޭރިފަށުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy