10 ޖޫން 2025 - 12:15
ޕްލައިވުޑް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން 13 މިލިއަނަށްވުރެ ގިނަ ސިނގިރެޓް އެތެރެކުރަން އުޅުނު ކުންފުނީގެ ނަން އަދި ހާމަކުރެވެން ނެތް ކަމަށް ކަސްޓްމަސް އިން ބުނެފި އެވެ.
ސިނގިރޭޓު ފޮށިތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ ކޮންޓެއިނަރުތައް ފާސްކުރިއިރު 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވެ އެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. ނަމަވެސް، އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސްއިން އޭރު ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 6 ގައި ހުށަހެޅި ސުވާލުތަކަށް، މުއްދަތު އިތުރުކުރުމަށް ފަހު މިއަދު ދިން ޖަވާބުގައި ބުނީ ސިނގިރޭޓު އެތެރެކުރި ކުންފުނީގެ ނަން ހާމަކުރެވެން ނެތް ކަމަށާއި އެއީ އެ މައްސަލަ މި ވަގުތު ތަހުގީގުކުރަމުންދާތީ ކަމަށެވެ.
ތަހުގީގު ނިމުނުހާ އަވަހަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ އިދާރާއިން އޭރު ބުނީ އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރެވޭނީ އޭގެ ނުރައްކާތެރިކަން އަންގައިދޭ ފޮޓޯ އާއި ލޭބަލްޖެހުމަށްފަހުގަ އެވެ. އަދި އެ ތަކެތި ގެނެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓުތައް އެތެރެކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަދުއިބްރާހީމް
11 June 2025
ކުރާކަމަކާ ކިޔާ އެއްޗަކާ ދިމާނުވަނީ މިހެންވީމަ . ސިއްރިޔާތުގާ ތަހުޤީޤުކޮށް ސިއްރިޔާތުގާ ޝަރީއަތް ބާއްވާ ސިއްރިޔާތުގާ ހުކުމް ތަންފީޒްކޮށް ނިންމާލާ . ސަލާމް . ގެނައި ސިނގިރޭޓުތަކަށް
ލޮލްލް
11 June 2025
އަދި ސިއްރެއް ކިޔާ ކުންފުންޔެއް ނެތް ޕޯޓަލް އިން ފެންނާކަށް
ޢަލީބެ
11 June 2025
ވައްކަމެއް ކުރާނަމަ ފިސާރި ވައްކަމެއް ކުރާށެވެ. ނަންވެސް ސިއްރުވާނެ ހިމާޔަތްވެސް ލިބޭނެ ހައްގުތައްވްސް ބޮޑުވާނެ. ރިހާކުރުފުޅި ނެގީމަ ވަގުތުން ހާމަކޮށް މީހާބަރަހަނާވާނެ. ދިވެހިރާއްޖެ ދަސްކޮށްގެން މިތާއުޅެވޭނީ
ބަރާބަރު
11 June 2025
ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަންކަން ތިޔަ ހުންނަނީ. ތިޔަ ކުންފުނީގެ މައުލޫމާތު ހާމަކޮށްފިނަމަ މަތިފަޑިއަށް ބާރުބޮޑުވާނެ ކަހަލަ ކަންކަން ވީމަކަމަށް ބޮޑަށް ބެލެވެނީ. ރައީސް މުއިއްޒު ކަރަޕްޝަނާއި ދެކޮޅު ރައީސް އައްޔަން ކުރައްވާ މިނިސްޓަރުން އައްޔަންކުރާ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ކުރާ ކަންކަން ތިޔަ ހުންނަނީ ސިއްރުކުރުމާއި ނުބުނުމާއި ހާމަނުކުރުމާއި އޮޅުވާލުމާއި ކަންކަން
ދޫލަ
11 June 2025
މިފަދަ ބޮޑެތި ކަންކަމުގައި "ކުންފުނި" "ގެނައި މީހާ" ސިއްރު ކުރުމުގ ސަގާފަތުގެ ފަހަތުގައި ވަނީ ގާނޫނުން ތަފާތު ކުރުމާއި، އަދަބުން ސަލާމަތް ކުރުމުގެ މަގެވެ. ކުށްކުރުމުން ކުޑައެއް ބޮޑެއް އޮންނާކަށް ނުޖެހެއެވެ. ނޫނީ އިންސާފޭ ހަމަހަމަ ކަމޭ ނުކިޔާށެވެ.
އަސް
11 June 2025
ކުޑަ ބަޔަކަށް ތި ވަރުގެ ކަމެއް ނުކުރެވޭނެ. ތި ގޮތަށް ވަރަށް ގިނަ މީހުން ވަރަށް އަވަހަށް އެބަ މުއްސަދިވޭ
ދޮންރަހާ
11 June 2025
ކުންފުނީގެ ނަމަކީ "އަދި ސިއްރެއް"
ބުޅާ ފެސިލިޓީ
11 June 2025
ރައީސާ ދެން ސުވާލު ކުރަންޖެހޭ ދުވަހަކުން މީ ކޮން ކުންފުންޏެއްތޯ އަހާލަދެއްވާތި. މަވެސް ބަލާނަށް ފުރުޞަތެއް ލިބޭތޯ. އދދ މީހާ ކުރާހެން ޖެއްސުމުގެ ސުވާލެއްކަމަށް ހަދާފައެއްނޫން ސުވާލުކުރާނީ. ސީރިޔަސްކޮށް ކިރާނީ
މީތަ އިންސާފަކީ މުޢީދީ
10 June 2025
ސިއްރު ކުރުމަކީ ވައްކަމަށް އެހީތެރިވެދީ ހަޤީޤަތް ފޮރުވައިދިނުމާ ހެކި ނައްތާލުމަށް އެހީތެރިވުން. ތިޔަ މައްސަލާފައި ކަސްޓަމުގެ ވެރިންގެ މައްޗަށް ދައުވާ ކުރެވެންޖެހޭނެ.
ޢަތޫ
10 June 2025
ޑިމޮކްރަސީގެ ފުރިހަމަކަން އަޅެ ދެކިބަލަ