ޝައިހް ފަރީދު: އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރަން ވަނީ ނިންމާފައި
10 ޖޫން 2025 - 13:28
މެލޭޝިއާގައި އަވަހާރަވި ރާއްޖޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ މައްޗަށް އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށު ނަމާދު ކުރަން ނިންމައިފި އެވެ.
ޝެއިހްގެ އާއިލާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެނައުމަށެވެ. އެކަމަކު ހަށިގަނޑު މެލޭޝިއާ އިން ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން އެކަން ކުރަން ބޭނުން ނުވި އެވެ. އެހެންވެ، އާއިލާއިން މިހާރު ނިންމާފައިވަނީ ފަރީދުގެ ޖަނާޒާ އެ ގައުމުގައި ބޭއްވުމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަން އާއިލާއިން ނިންމަވާފައިވާތީ، ޝައިހުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރަން ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝެއިހް ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝައިހު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް އިއްޔެ އެ ގައުމަށް ވަޑައިގަތް ފަރީދު އެއާޕޯޓް ތެރޭގައި ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވެ އެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އަވަހާރަވެފަ އެވެ.
ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ބަންދުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނިވަޑައިގަންނަވަ އެވެ.
ޝެއިހް ފަރީދު މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގަތެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާ ކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ. އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ2
10 June 2025
ޢެންމެން ނަމާދުކޮށް ޤުރުއާންކިޔަވަތި ހެޔޮކަންތަޑްކުރާތި ދެން ވ ސަލާމް.
ޙުސެއިނ
10 June 2025
އައިބަށް ކަށުނަމާދު ކުރުން މީ މިކަން ދީނުގައި އޮންނަގޮތްތޯ؟
މހއމ
10 June 2025
ޑިމޮކްރަސީއާ އެއްގޮތަށް ގިނަ ބަޔަކު އެދުނީމަ އެ ވަނީނު.
ކަކުނިބޯ
10 June 2025
ފިތުނަ އުފެއްދުމުގެބޭނުމެއްނެތް