ގްރޭޓާ ޓަންބާގް ޑީޕޯޓްކުރުމަށް މަތިންދާބޯޓަށް އަރުވާފައި
10 ޖޫން 2025 - 14:43
ޣައްޒާއަށް ދަތުރުކުރި އެހީގެ އުޅަނދުން އެހެން އެކްޓިވިސްޓުންނާ އެކު ހިފެހެއްޓި ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ޓަންންބާގް ފްރާންސް މަގުން ސްވިޑެންއަށް އިޒްރޭލުން ޑިޕޯޓްކޮށްލައިފި އެވެ.
ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮންނަ އޮތުމާ ދެކޮޅުހެދުމަށް "މަދްލީން" ޔޮޓްގައި ދިޔަ 12 އެކްޓިވިސްޓުން ޣައްޒާއަށް ވަންނަން ދަނިކޮށް ކަނޑުގެ ބައިނަލްއަގުވާމީ ސަރަހައްދުން ހިފެހެއްޓުމަށް ފަހު ގެންދިޔައީ އިޒްރޭލު ބަނދަރަށެވެ. އިޒްރޭލުން ބުނީ އެއީ ރުހުމުގައި އެ ޔޮޓްގައި އެނބުރި ދާން އެއްބަސްނުވުމުން ކަމަށެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ ގްރޭޓާ ޓަންބާގް މިހާރު ވަނީ ބެން ގުރިއޮން އެއާޕޯޓުން ފްރާންސަށް ފުރާފައި ކަމަށާއި ފްރާންސުން ދެން ދާނީ ގްރޭޓާގެ އަމިއްލަ ގައުމު ސްވިޑެން އަށް ކަމަށެވެ.
ޑީޕޯޓްކުރުމުގެ ލިޔުންތަކުގައި ސޮއިކުރަން އިންކާރުކުރާ މީހުން ކޯޓަށް ހާޒިރުކޮށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން ވެސް އެގޮތަށް އަމަލު ނުކުރި ފްރާންސްގެ ފަސް އެކްޓިވިސްޓަކު މިހާރު ކޯޓަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ފްރާންސްގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"ފްރާންސްގެ ހަ އެކްޓިވިސްޓަކާ ވަނީ ބައްދަލުވެފައި. ޑީޕޯޓްކުރުމަށް އެއްބަސްވެ ސޮއިކުރީ އެތަނުން އެންމެ މީހެއް،" ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޯއެލް ބަރޮޓް އެކްސްގައި ވިދާޅުވި އެވެ.
މަދްލީން ޔޮޓް ހިފެހެއްޓީ ޣައްޒާގެ އައްސޭރިފަށުގެ ހުޅަނގުން ގާތްގަނޑަކަށް 185 ކިލޯމީޓަރު (115 މޭލު) ދުރުގައި އޮއްވައި އިއްޔެ އެވެ.
މިދިޔަ މެއި މަހު ފްރީޑަމް ފްލޮޓިލާގެ އެހެން އުޅަނދެއް ކަމަށްވާ ކޮންސެޝަން އަށް ވަނީ ޣައްޒާއަށް ދަތުރުކުރަމުން ދަނިކޮށް މޯލްޓާ ކައިރީގައި އޮންނަ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ޑްރޯން އިން ހަމަލާ ދީފަ އެވެ. އެކްޓިވިސްޓުން ބުނަނީ އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށެވެ.
އިޒްރޭލުން 2010 ވަނަ އަހަރު ވަނީ ތުރުކީގެ އުޅަނދު މާވީ މަރުމަރާ ޣައްޒާއަށް އެހީއާ އެކު ދަނިކޮށް އުޅަނދަށް އަރައިގަނެ އާންމުންގެ 10 މީހަކު މަރާލައިފަ އެވެ.
އާދީއްތަ ދުވަހު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ބުނީ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮންނަނީ ހަމާސް އަށް ހަތިޔާރު ލިބޭ މަގުތައް ބަންދުކުރަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުބޭ
10 June 2025
ސީދާ އެއްމެ ބޮޑު މުޖުރިމުން އިޒުރޭލު ވެރިކަމުގައި ތިބީ ދުނިޔެ ނުދެކޭ ވަރުގެ އަނިޔާވެރިން، ހިޓްލަރާއި މޮސެލިނީމެން ނަށް ވުރެންވެސް މިމީހުންގެ އަނިޔާވެރިކަން ބޮޑު
މަބުނީ
10 June 2025
ކުޅެން އުޅުނު ކުޅިގަނޑު ކުޅެ ނިމުނީ. ތިޔަ ނޮމިނޭޓްވީ ނޯބަލް ޕީސް އިނާމަށް. ވ. ސަލާމް.
ޝުޖާއުގެ
11 June 2025
ވަށައިގެން ތިބި އަރަބިންނަށް އެވަރު ވެސް ނުވޭ. ބޯނެ ފޮންފޮދަކާއި ކާއެތިކޮޅެއް ވެސް ދިއްކޮށް ނުލެވޭ. އެމަންޖެ ވިއްޔާ އަމިއްލައަށް މަޝްހޫރުވާން ވެސް ކާއެތިކޮޅެއް ހިފައިގެން އައްޒާއަށް ދާން މަސައްކަތް ކޮއްފިތާ.
ރަޖަބު
10 June 2025
އަޖައިބު ވެދާނެ. ޑީޕޯޓް ވެސް އިޒްރާއީލް ވެއްޖެ.
ޖަމީލުބެ
10 June 2025
ބައިނަލް އަޤްވާމީ ކަނޑުގެ ސަރަހައްދުގައި ހިނގައިދިޔަ މިކަމަކީ "ކަނޑު ފޭރުމުގެ" ޢަމަލަކަށް ނުވިއެވެ. ޤާނޫނަށް ވުރެ މަތީ މީހުން ކުރުމުން ކޮންމެ ކަމެއްވެސް އޯ.ކޭ.ވާނެ!